އޭޝިއަން ޓެނިސް ބޯލް ކުރިކެޓް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރަނަރަޕްކަން ހޯދި ރާއްޖޭގެ އައިޒީ އެކަޑަމީގެ ޓީމުގައި 19 އަހަރުންދަށުގެ ޤައުމީ ކުރިކެޓް ޓީމުގެ ދެ ކުޅުންތެރިން ހިމެނެއެވެ. މިއީ އޭޝިއަން ޓެނިސް ބޯލް ކުރިކެޓް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމެއް ވާދަކުރި ފުރަތަމަ ފަހަރެވެ. އޭގެ ތެރޭގައި ވަރުގަދަ އިންޑިއާ، ޔޫއޭއީ، ސްރީލަންކާ ފަދަ ޤައުމުތައް ހިމެނޭއިރު، ރާއްޖޭގެ ޓީމުވަނީ ފައިނަލުގައި ވާދަކޮށް ރަނަރަޕްކަން ހޯދާފައެވެ.
މިއީ އޭޝިއަން ޓެނިސް ބޯލް ކުރިކެޓް ފެޑެރޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި 13 ޤައުމަކުން ވާދަކުރިއިރު، ގްރޫޕު އޭ ގައި ރާއްޖޭން ވާދަކުރީ ސިންގަޕޫރު، އިންޑިއާ، ސްރީލަންކާ، ތައިލެންޑް އަދި ނޭޕާލާއެކުގައެވެ. ގްރޫޕް ބީ ގައި ހިމެނުނު ޤައުމުތަކަކީ މެލޭޝިއާ، އުޒަބަކިސްތާނު، ކުވައިތު، ބަނގްލަދޭޝް، ބޫޓާން، ޔޫއޭއީ އަދި އަފްޣާނިސްތާނެވެ.
މުބާރާތުގެ ފައިނަލުން ރާއްޖެ ބަލިވީ ބަހްރައިންއާ ވާދަކޮށް 21 ލަނޑުގެ ތަފާތަކުންނެވެ. އަދި ފައިނަލަށް ރާއްޖެ ދަތުރުކޮށްފައިވަނީ ސެމީ ފައިނަލުގައި އަވަށްޓެރި ސްރީލަންކާ 9 ލަނޑުން ބަލިކޮށްގެންނެވެ.
އޮކްޓޯބަރުމަހުގެ 26 އިން 29 އަށް އިންޑިއާގެ ޗެންނާއީގައި ކުރިއަށްދިޔަ މިމުބާރާތުގައި ރާއްޖޭގެ އައިޒީ އެކަޑަމީގެ ޓީމު މޮޅު ކުޅުމެއްދެއްކިއިރު، އެޓީމުގައި 19 އަހަރުންދަށުގެ ޤައުމީ ޓީމުގެ ދެ ކުޅުންތެރިޔަކުވެސް ވަނީ ވާދަކޮށް ރަނގަޅު ކުޅުމެއްދައްކާފައެވެ. ޒުވާން ކުޅުންތެރިންނަށް މިފަދަ މުބާރާތްތަކުން ގިނަ ތަޖުރިބާތަކެއް ލިބިގެންދާއިރު، ރަނގަޅު ވަނައަކާ ހަމައަށް ވާސިލްވެވުމަކީ އިތުރަށް ލިބިގެންދާ ހިތްވަރަކަށްވެގެންދެއެވެ.
މުބާރާތުގެ ތަޖުރިބާއާ ގުޅޭގޮތުން ޒުވާން ކުޅުންތެރިޔާ ޔޫސުފް ރައިޝާން އަފްލަހް ބުނީ މިއީ ތަފާތު ތަޖުރިބާއެއްކަމަށެވެ. މީގެ ކުރިން ކުޅެމުން އައި ހަރުބޯޅައިންކަމަށްވާއިރު، މަޑު ބޯޅައިން މިމުބާރާތުގައި ކުޅެންޖެހުމަކީ އޭނާއަށް ދިމާވި ޗެލެންޖެއްކަމަށް ރައުޝާން ބުންޏެވެ، އެހެންނަމަވެސް މިއީ ގިނަ ކަންތައްތަކެއް ދަސްވި މުބާރާތެއްކަމަށާ އުންމީދަކީ ދެން އޮންނަ މުބާރާތަކުން މިއަށްވުރެވެސް ރަނގަޅު ކާމިޔާބީއެއް ހޯދުންކަމަށް ރައުޝާން ބުންޏެވެ.
"ވަރަށް އުފާވެއްޖެ މިމުބާރާތުން އެހާބޮޑު ކާމިޔާބީއެއް ލިބުނީމަ. ދެން އަންނަ މުބާރާތެއްގައި މިއަށްވުރެ ރަނގަޅު ކާމިޔާބީއެއް ހޯދޭތޯ މަސައްކަތްކުރާނަން" ރައުޝާން ބުންޏެވެ.
ރަނަރަޕްކަން ގެނައި ޓީމުގައި ހިމެނޭ ޒުވާން އަނެއް ކުޅުންތެރިޔަކީ އަޙުމަދު ނައިޝަމް ނިސާހްއެވެ. ނައިޝަމްވެސް ބުނެފައިވަނީ މިއީ އޭނާއަށް މުޅިން އައު ތަޖުރިބާއެއްކަމަށެވެ. އެހެންނަމަވެސް ވަރުގަދަ ޤައުމުތަކާ ދެކޮޅަށް ކުޅެ، ރަނގަޅު ވަނައެއް ލިބުމަކީ އޭނާއަށް ލިބުނު ހިތްވަރެއްކަމަށާ ލިބުނު ކާމިޔާބީއާމެދު ވަރަށް ބޮޑު ހިތްހަމަޖެހޭކަމަށް އޭނާ ފާހަގަކުރިއެވެ.
"އަޅުގަނޑަށްވެސް މިއީ މުޅިން އައު ތަޖުރިބާއެއް. މުޅިން އަލަށް ޓެނިސް ބޯޅަ މުބާރާތެއްގައި މި ކުޅުނީ. މިއީ ވަރަށް ރަނގަޅު ތަޖުރިބާއެއް. މޮޅެތި ޤައުމުތަކާ ކުޅެ ވަނައެއް ލިބުނީމަ ވަރަށް އުފާވި" ނައިޝަމް ބުންޏެވެ.
އޭޝިއަން ޓެނިސް ބޯލް ކުރިކެޓް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ ސްކޮޑުގައި ހިމެނެނީ 14 ކުޅުންތެރިނާއި 5 އޮފިޝަލުންނެވެ. މިއީ 70 އަހަރުވީ ދިގު ތާރީޚެއް އޮތް މުބާރާތަކަށްވާއިރު، ކޮންމެ އަހަރަކުވެސް މިމުބާރާތުގައި އެކި ޤައުމުތަކުގެ ޓީމުތައް ވާދަކުރެއެވެ.