ޚަބަރު

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަމްޝިޕަށް 2 އުމުރުފުރާއެއް އިތުރުކޮށްފި


  • މިއަހަރުގެ މުބާރާތަށް އިތުރުކުރީ 9 އަހަރުންދަށާ 11 އަހަރުންދަށް

  • މުބާރާތުގައި 110 ކުދިން ވާދަކުރާއިރު، 365 އަށްވުރެ ގިނަ މެޗު ކުޅޭނެ

  • މުބާރާތް ކުރިއަށްދަނީ މާލޭ ޓީޓީ ހޯލުގައި

31 ވަނަ ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ކުޅުން ފޯރީގައި ކުރިއަށްދާއިރު، މިއަހަރަކީ މުޅިން އަލަށް މިމުބާރާތަށް 9 އަހަރާއި 11 އަހަރުންދަށުގެ އުމުރުފުރާ އިތުރުކޮށްފައިވާ އަހަރެއްކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބުނެފިއެވެ.

މިމަހުގެ 29 އިން އަންނަމަހުގެ 10 ގެ ނިޔަލަށް މާލޭ ޓީޓީ ހޯލުގައި ކުރިއަށްދާ މިމުބާރާތުގައި 19 އަހަރުންދަށް، 17 އަހަރުންދަށް، 15 އަހަރުންދަށް، 13 އަހަރުންދަށުގެ އިތުރުން 11 އަހަރުންދަށާއި 9 އަހަރުންދަށުގެ އުމުރުފުރާގެ ކުދިންދަނީ ވާދަކުރަމުންނެވެ. ދެ ޑިވިޝަނުން 110 ވަރަކަށް ކުދިން މިމުބާރާތުގައި މެޗުތައް ކުޅެން ހަމަޖެހިފައިވާއިރު، 365 އަށްވުރެ ގިނަ މެޗު މުބާރާތުގައި ފެނިގެންދާނެއެވެ.

"މިފަހަރު އަޅުގަނޑުމެން އިތުރުކޮށްފައިވާނެ 9 އަހަރުންދަށާ 11 އަހަރުންދަށް. ކުރިން މި އުމުރުފުރާއެއް ނޯންނާނެ. މިހާރު އަޅުގަނޑުމެންގެ ތެރޭގައި ވަރަށް އުމުރުން ހަގު ކުޅުންތެރިން އެބައުޅޭ. އެހެންވީމަ މި އުމުރުފުރާތައް މި އިތުރުކުރީ" އަލީފާ ބުންޏެވެ.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕަށް މިއަހަރު ހަގު އުމުރުފުރާތަކެއް އިތުރުކުރީ މިކުޅިވަރަށް ވަންނަ ކުދިންގެ އަދަދު އިތުރުވަމުން އަންނާތީކަމަށް އަލީފާ ބުންޏެވެ. އެގޮތުން އެސޯސިއޭޝަނާއި އެކަޑަމީތަކުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އައު ކުޅުންތެރިން މި ކުޅިވަރަށް ތަޢާރަފްވެ، މުބާރާތްތަކުގައި ވާދަކުރަމުންދާކަމީ ޓީޓީގެ މުސްތަގުބަލަށް ލިބޭ އުޖާލާކަމެއްކަމަށް އަލީފާ ސިފަކުރިއެވެ. އަދި އުމުރުން ހަގު ކުޅުންތެރިން އުފެއްދުމަކީ އެސޯސިއޭޝަނުން އެންމެ ބޮޑު އިސްކަމެއްދޭކަންކަމަށާއި އެކުދިންނަށް މުބާރާތްތަކުން ފުރުސަތު ފަހިކޮށްދިނުމަކީ އެސޯސިއޭޝަނުގެ އަމާޒުކަމަށް އަލީފާ ފާހަގަކުރިއެވެ.

"މިހާރު މިބަލަނީ ކުޑަކުދިންނަށް ބޮޑަށް އިސްކަންދޭން ހުރިހާ މުބާރާތްތަކެއްގައިވެސް. މިހާރު އެބައޮތް އެސޯސިއޭޝަންގެ އިތުރުން އެކަޑަމީތައް. އެހެންވީމަ އެފަރާތްތަކުން މިކުޅިވަރުގެ ތެރެއަށް ކުދިން އެބަ އިތުރުކޮށްދޭ. އެހެންވީމާ އެއީ ޓީޓީއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް" އަލީފާ ބުންޏެވެ.

ފާއިތުވި އަހަރުތަކާ އަޅާބަލާއިރު، މިއަހަރުގެ މުބާރާތަށް ލިބުނު ތަރުހީބު ބޮޑުކަމަށް އަލީފާ ބުންޏެވެ. މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، ފޯރި ގަދަ މެޗުތަކެއް ފެންނަކަމަށާ ހުނަރުވެރި ކުޅުންތެރިން މިމުބާރާތުން ފާހަގަވެގެންދާނެކަމަށް އަލީފާ ފާހަގަކުރިއެވެ.

31 ވަނަ ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ކުޅުން އޮންނާނީ އަންނަމަހުގެ 10 ވަނަ ދުވަހާހަމައަށް މާލޭ ޓީޓީ ހޯލުގައެވެ.