ކުޅިވަރު

ނިންމުން ބަދަލުކޮށް، އެފްރިކާ ކަޕް 2 އަހަރުން ބާއްވަން ނިންމައިފި


  • މުބާރާތް 2027 ވަނަ އަހަރު ވެސް ބާއްވާނެ

  • މުބާރާތް އޮންނާނީ ކެންޔާ އާއި ޓެންޒޭނިއާ އަދި ޔޫގެންޑާގައި

އެފްރިކާގެ ފުޓުބޯޅަ މުބާރާތް ކޮންމެ ހަތަރު އަހަރުން ބާއްވަން ނިންމި ނިންމުން ބަދަލުކޮށް މި މުބާރާތް ކޮންމެ 2 އަހަރަކުން ބާއްވަން ނިންމައިފިއެވެ.

އެފްރިކާގެ މައި ފުޓުބޯޅަ ޖަމިއްޔާއިން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ޖަމާއަތުގެ އެކްޒެކެޓިވް ކޮމިޓީގެ ފުރިހަމަ ތާއީދާއެކު މުބާރާތް ކޮންމެ ދެ އަހަރަކުން ބާއްވަން ނިންމައިފި ކަމަށެވެ.

މި ނިންމުމާއެކު މުބާރާތް 2027 ވަނަ އަހަރު ވެސް ބާއްވާނެއެވެ. އަންނަ އަހަރުގެ މުބާރާތް އޮންނާނީ ކެންޔާ އާއި ޓެންޒޭނިއާ އަދި ޔޫގެންޑާގައެވެ. އޭގެ ފަހުން މުބާރާތް ބާއްވާނީ 2028 އަދި 2031 އާއި 2033 ގައެވެ.

އެފްރިކާގެ ފުޓްބޯޅަ ޖަމިއްޔާގެ ރައީސް ޕެޓްރިސް މޮޓްސެޕޭ ވިދާޅުވީ 1957 ވަނަ އަހަރު ބާއްވަން ފެށި މުބާރާތް ކޮންމެ ހަތަރު އަހަރަކުން ބާއްވަން މިދިޔަ އަހަރު ފަހުކޮޅު ގެނައި ގެނައި ބޮޑު ބަދަލު ފަހުން މެމްބަރުންނަށް ކަމުނުދިޔައީ ކަމަށެވެ.

"އަހަރުމެން ވާނީ މިދިޔަ ދުވަސްތަކުގައި ކަންކަން ބަދަލުވަމުންދިޔަ ގޮތާމެދު މަޝްވަރާ ކޮށްފައި. މީގެ ތެރޭގައި އެފްރިކާ ކަޕް ކޮންމެ ދެ އަހަރުން ބޭއްވުން ވެސް ހިމެނޭ. ކޮންމެ ހަތަރު އަހަރުން މުބާރާތް ބާއްވަން ބަދަލު ކުރީމާ އެކަމަށް ތަރުހީބު ވަރަށް ކުޑަ،" މޮޓްސެޕޭ ވިދާޅުވި އެވެ.

އެފްރިކާގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް 2028 ވަނަ އަހަރުގެ މުބާރާތަށް ފަހު ދެން ބާއްވާނީ ކޮންމެ ހަތަރު އަހަރަކުން ކަމަށް ނިންމައި އިއުލާނު ކުރީ ހުސްވި ޑިސެމްބަރު މަހު ބޭއްވި އެފްރިކާގެ ގައުމުތަކުގެ އަހަރީ އާއްމު ޖަލްސާގައެވެ.

އޭރު މޮޓްސެޕޭ ވިދާޅުވީ މިއީ ދުނިޔޭގެ އެހެން ބައްރު ތަކުގައި ސަރަހައްދީ މުބާރާތް ބާއްވާ އުސޫލަށް މުބާރާތް ބާއްވަން ގެނައި ބަދަލެއް ކަމަށެވެ. އޭނާ އިޝާރާތް ކުރެއްވީ ދެކުނު އެފްރިކާގެ ފުޓުބޯޅަ މުބާރާތާއި ޔޫރޯ ފުޓުބޯޅަ މުބާރާތަށެވެ. ކޮޕާ އެމެރިކާ އާއި ޔޫރޯ ބާއްވަނީ ކޮންމެ ހަތަރު އަހަރަކުންނެވެ. މިއާ ޚިލާފަށް އެފްރިކާ ކަޕް ބާއްވަނީ ކޮންމެ ދެ އަހަރަކުން ކޮންމެ ޑިސެމްބަރު އަދި ޖެނުއަރީ މަހުއެވެ. މިއީ ޔޫރަޕުގެ ލީގުތަކުގައި ކުޅޭ އެފްރިކާގެ ކުޅުންތެރިންނާއި އެ ކުޅުންތެރިން ނިސްބަތްވާ ކުލަބުތަކުން ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރާ ކަމެކެވެ. ސަބަބަކީ ސީޒަނުގެ އެންމެ މުހިންމު ވަގުތު މަހެއްހާ ދުވަހަށް ކުޅުންތެރިން ގައުމީ ޓީމަށް ދޫކޮށްލަން ޖެހޭތީއެވެ.

އެފްރިކާ ކަޕް ހަތަރު އަހަރުން ބާއްވަން ނިންމުމުން އެ ކަމަށް އެންމެ ފުރަތަމަ ފާޑުކިޔަން ފެށި ކޯޗަކީ މިސުރުގެ ކޯޗު ހޮސާމް ހަސަންއެވެ.

"މި މުބާރާތް ޔޫރަޕުގެ ކުލަބުތަކުން ބަލާ. އެ މީހުން މޮނިޓަރ ކުރޭ. އަދި މިއީ އެފްރިކާގެ ކުޅުންތެރިން ޔޫރަޕަށް ދިއުމަށް ވެސް ރަނގަޅު ފުރުސަތެއް. އެހެންވީމާ އަހަރެން ދެކޭ ގޮތުގައި ޔޫރަޕުގެ ކުލަބުތަކުގެ ޝައުގުވެރިކަން ބޮޑު ކުރަން މި މުބާރާތް ކޮންމެ ދެ އަހަރަކުން ބާއްވަން ޖެހޭ،" ހޮސާމް ބުންޏެވެ.

އެގްޒެކެޓިވް ކޮމިޓީގެ ނިންމުން ބަދަލު ކުރީ ގައުމުތަކުގެ ފެޑަރޭޝަންތަކާއި ކޯޗުންގް ޕްރެޝަރާ ގުޅިގެންނެވެ.