އިންޓަނޭޝަނަލް އައިސް ހޮކީ ފެޑަރޭޝަނުން އެ ޖަމާއަތުގެ މުބާރާތްތަކުގައި ރަޝިޔާ ބައިވެރި ނުކުރަން ނިންމި ނިންމުން ދުނިޔޭގެ ކުޅިވަރުގެ ފަހު ބަސް ކިޔާ ފަރާތް ކަމަށްވާ ކާސްއިން ބަދަލު ކޮށްފިއެވެ.
ދި ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް)އިން ހުކުރު ދުވަހު، އައިސް ހޮކީ މުބާރާތްތަކުގައި ރަޝިޔާ ބައިވެރިކުރަން ޖެހޭ ކަމަށް ނިންމީ އައިސް ހޮކީ ފެޑަރޭޝަނުން މި މައްސަލާގައި އެކަށީގެންވާ ސަބަބެއް ދައްކާފައިނުވާ ކަމަށް ބުނެއެވެ. ކާސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މުބާރާތްތަކުން ރަޝިޔާ އެކަހެރި ކުރަންޖެހޭ ފަދަ ސަބަބެއް ބުނެދެވިފައިނުވާ ކަމަށާއި ރަޝިޔާގެ ސަސްޕެންޝަން އެ ގައުމުން އިސްތިއުނާފުކޮށް، މައްސަލަ ކާމިޔާބު ކޮށްފައިވާ ކަމަށެވެ.
މިއާއެކު އަންނަ ޑިސެމްބަރު މަހު ކެނެޑާގައި ބާއްވާ މުބާރާތުގައި ރަޝިޔާ ބައިވެރިވާނެއެވެ. ނަމަވެސް މި މުބާރާތްތަކުގައި ރަޝިޔާ ބައިވެރިކުރާނެ ގޮތެއް ނިންމުމުގެ ބާރު އައިސް ހޮކީ ފެޑަރޭޝަނަށް އެބައޮތެވެ. ފަހަރުގައި އެއީ ނިއުޓްރަލް ބައެއްގެ ގޮތުގައި ބައިވެރި ކުރުން ކަމަށްވެސްވުން އެކަށީގެންވެއެވެ.
އައިސް ހޮކީ ފެޑަރޭޝަނުން ރަޝިޔާ ސަސްޕެންޑް ކުރީ އެގައުމުން 2022 ވަނަ އަހަރު ޔުކްރޭނަށް އަރައިގަތުމާ ގުޅިގެންނެވެ. ރަޝިޔާ ސަސްޕެންޑްކޮށް އައިސް ހޮކީ ފެޑަރޭޝަނުން ބުނީ މިއީ ސަމާލަތީ ގޮތުން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ. ނަމަވެސް ކާސްއިން މި އުޒުރު ބަލައި ނުގަތެވެ.
ކާސްގެ ނިންމުމާއެކު ރަޝިޔާއިން ވެސް ވަނީ ބަޔާން ނެރެފައެވެ. އެ ގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު މިހާއިލް ޑެގްޓަޔޭރޭވް ރަޝިޔާގެ ރަސްމީ ޓީވީ މެދުވެރިކޮށް ވިދާޅުވީ ކާސްގެ ނިންމުމަށް މަރުހަބާ ކިޔާ ކަމަށާއި ރަޝިޔާ އަލުން ހޮކީގެ ތެރެއަށް އައުމަކީ ދުނިޔޭގައި ވަކިބަޔަކާ ދެކޮޅަށް ނުހައްގުން ކަންކަން ކުރުން ނިމުމަކަށް އައުމުގެ ފިޔަވަޅެއް ކަމަށެވެ.
ކާސްގެ މި ނިންމުމަކީ ދުނިޔޭގެ ފުޓުބޯޅަ ޖަމިއްޔާ ފީފާއިން ރަޝިޔާ ސަސްޕެންޑް ކޮށްފައިވާ ނިންމުން ބަދަލުވާނެ ކަމެއް ކަމަށް ބެލެވެއެވެ. ރަޝިޔާގެ ސަސްޕެންޝަން އުވާލަން ޖެހޭ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ވަނީ ދާދި ފަހުން ބުނެފައެވެ. އޭނާ ބުނެފައިވަނީ މި ސަސްޕެންޝަނުގެ ސަބަބުން ލިބޭ ކުރިއެރުމެއްނެތް ކަމަށާއި ލިބެނީ ކުޅުންތެރިންތަކެއްގެ ހައްގު ގެއްލުން އެކަނި ކަމަށެވެ.