އަންނަ ބުރާސްފަތި ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އިންޑިޔާ ޓީމު 23 އަހަރުން ދަށުގެ 11 ކުޅުންތެރިންނާއެކު އިއުލާނު ކޮށްފިއެވެ.
އިންޑިޔާއިން އެކުލަވާލި 28 ކުޅުންތެރިންގެ ޓީމުގެ އެވްރެޖް އުމުރަކީ 24 އަހަރެވެ. މި ކުޅުންތެރިންގެ ތެރެއިން މީގެ ކުރިން ސީނިއާ ގައުމީ ޓީމަށް ކުޅެފައިވަނީ 14 ކުޅުންތެރިންނެވެ. ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު ކުޅުންތެރިއަކީ ބެންގަލޫރު އެފްސީގެ ސުރޭޝް ސިންގެވެ. އޭނާ އަކީ 2021 ވަނަ އަހަރު ރާއްޖޭގައި އޮތް މުބާރާތް ކާމިޔާބު ކުރި ޓީމުގެ ކުޅުންތެރިއެކެވެ.
ނޮވެމްބަރު މަހުގެ ފަހަކުން 17 އަށް ބަނގްލަދޭޝްގެ ވެރިރަށް ޑާކާގައި ބާއްވާ މުބާރާތުގައި ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗު ނައުޝާދު މޫސާއެވެ. އޭނާގެ އެހީތެރިއަކަށް ހަމަޖައްސާފައިވަނީ ވޯލްޑްކަޕް ފެސްޓިވަލްގައި ވާދަކުރި އިންޑިޔާގެ 15 އަހަރުން ދަށުގެ ޓީމުގެ ކޯޗު ބިބިއާނޯ ފެނާންޑޭޒްއެވެ.
އޯލް އިންޑިޔާ ފުޓުބޯޅަ ފެޑަރޭޝަނުން ބުނީ ޓީމަށް ނަގާފައިވާ ކުޅުންތެރިންގެ ތެރެއިން ބައެއް ކުޅުންތެރިން ގައުމީ ޓީމާ ގުޅޭނީ މުބާރާތުގެ ފުރަތަމަ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަށް ފަހު ކަމަށެވެ. ސަބަބަކީ އިންޑިޔާ ލީގު ކުރިއަށްދާއިރު ގައުމީ ޓީމަށް ކުޅުންތެރިން ދޫކުރަން ޖެހެނީ ފީފާ އިންޓަނޭޝަނަލް ބްރޭކްގެ ބޭރުން ކަމަށްވާތީއެވެ. މިހެންވެ އިންޑިޔާގެ ފުލް ޓީމު ހަމަވުން ގާތީ ގްރޫޕް ސްޓޭޖުގައި ކުޅެން ޖެހޭ ފެހު މެޗު ކަމަށްވާ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށެވެ. މިސަބަބާހުރެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު އިންޑިޔާ ޓީމު ކަލްކަތާއިން ފުރައިގެން ބަނގްލަދޭޝް އަށް ދާނީ 18 ކުޅުންތެރިންނާއެކުގައެވެ.
އިންޑިއާ އަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ގައުމެވެ. މި ސަބަބާ ވެސް އެކު އެ ގައުމުން މިހާރު ބޮޑަށް ބޭނުންވަނީ ސާކް ގައުމުތަކަށްވުރެ މަތީ ފަންތީގެ ގައުމުތަކާއެކު ކުޅޭށެވެ. މި މުބާރާތަށް އިންޑިޔާއިން ޒުވާން ކުޅުންތެރިން ގިނަ ޓީމެއް އެކުލަވާލީ ސީނިއާ ޓީމު ނިއުޒީލޭންޑާއެކު ކުޅޭ ދެ މެޗަށް މުހިންމު ގިނަ ކުޅުންތެރިން ފޮނުވަން ބޭނުންވުމުންނެވެ.
ސާކުގެ ހަތް ގައުމުގެ ތެރެއިން މި ފަހަރުގެ މުބާރާތުގައި ވާދަ ނުކުރަނީ ހަމައެކަނި ނޭޕާލެވެ. އެ ގައުމު ވަނީ ފީފާއިން ސަސްޕެންޑް ކޮށްފައެވެ. މި ފަހަރުގެ އިންޑިއާ އާއި ދިވެހިރާއްޖެ ޕާކިސްތާން އެއް ގްރޫޕެއްގައި ހިމެނޭއިރު އަނެއް ގްރޫޕުގައި ހިމެނެނީ ބަނގްލަދޭޝް އާއި ބޫޓާނާއި ސްރީލަންކާއެވެ. ސެމީ ފައިނަލަށްދާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ގައުމެވެ.