ޚަބަރު

ފުރަތަމަ މެޗުގައި ފަލަސްތީނަށް ފަސޭހަ މޮޅެއް


  • ރާއްޖޭގެ މައްޗަށް ފަލަސްތީނުން ކުރިހޯދީ 5-0

  • ދެވަނަ މެޗު ކުޅޭނީ އަންނަ ހޯމަ ދުވަހު

އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއާ މުބާރާތުގެ ކޮލިފިކޭޝަނުގެ ކުރިން ރާއްޖެއިން ފަލަސްތީނާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުން ފަލަސްތީނު ފަސޭހަކަމާއެކު ކުރިޙޯދައިފިއެވެ.

ރާއްޖޭގެ މައްޗަށް ފަލަސްތީނުން ކުރިހޯދީ 5-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފެނިގެންދިޔަ 5 ލަނޑު ވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ.

މިއީ އޭޝިއާ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފިކޭޝަނުގެ ކުރިން ފަލަސްތީނުން ރާއްޖޭގައި ކޭމްޕް ކުރާ ދެވަނަ ފަހަރެވެ. ފަލަސްތީނުގެ ޓީމުން މި ފަހަރު ކޭމްޕް ކޮށްފައިވަނީ ކ. ގުރައިދޫގައެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ 19 ވަނަ މިނިޓުގައި ފަލަސްތީނުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޒެއިން މުހައްމަދު އަބޫ އަތީގް އެވެ.

ފަލަސްތީނުން ލީޑު ފުޅާކުރީ މެޗުގެ 30 ވަނަ މިނިޓުގައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ތޯހާ މުހައްމަދުއެވެ. އަދި އޭގެ މިނިޓެއް ފަހުން ކެޕްޓަން ޔަޒާން އަނާން ހަލީފާއެވެ. ފަލަސްތީނު ޓީމުން ދެން ޖެހި ދެ ގޯލުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ޖެހި ޒެއިންއެވެ. މި ދެ ގޯލާއެކު އޭނާ ވަނީ މެޗުގައި ހެޓްރިކް ހަދައިފައެވެ.

މެޗުގެ ދެވަނަ ހާފުގައި ރާއްޖޭން ޑިފެންސަށް ވިސްނައިގެން ކުޅުނުއިރު، މި ހާފުގައި ފަލަސްތީނުން ފޮނުވާލި ގިނަ ހަމަލާތަކެއްގެ ހުރަހަކަށްވީ ރާއްޖޭގެ ކީޕަރު އަހުމަދު އަޝްހަމް އާތިފްއެވެ.

އޭޝިއާ މުބާރާތުގެ ކޮލިފިކޭޝަންގެ ކުރިން ރާއްޖެއިން ފަލަސްތީނާ ދެކޮލަށް އެކުވެރިކަމުގެ ދެ މެޗު ކުޅޭނެއެވެ. ދެވަނަ މެޗު ކުޅޭނީ އަންނަ ހޯމަ ދުވަހުއެވެ.

މި ފަހަރުގެ ކޮލިފިކޭޝަނަށް ޒުވާން ގައުމީ ޓީމުން ނުކުންނާނީ އިބްރާހީމް ސައީދު (ކަކާ)ގެ އިރުޝާދުގެ ދަށުންނެވެ.

ކޮލިފިކޭޝަނުގެ ފުރަތަމަ މެޗުގައި ރާއްޖެއިން އަންނަ މަހުގެ 8 ވަނަ ދުވަހު ނުކުންނާނީ ޗައިނީސް ޓައިޕޭއާ ދެކޮޅަށެވެ. އަދި އަންނަ މަހުގެ 11 ވަނަ ދުވަހު ހޮންގ ކޮންގްއާ ކުޅޭއިރު، އަންނަ މަހުގެ 14 ވަނަ ދުވަހު ނުކުންނާނީ ތައިލަންޑާ ދެކޮޅަށެވެ. އަދި ކޮލިފައިންގެ ފަހު މެޗުގައި އަންނަ މަހުގެ 17 ވަނަ ދުވަހު ނުކުންނާނީ އިރާގާ ދެކޮޅަށެވެ.