ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ރައްޔިތަކަށް ޒަޚަމްވެ، ދެ މީހުން ހައްޔަރުކޮށްފިއެވެ.
ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް ޔަހޫދީ ސަލާމަތީ ބާރުތަކާއި، ހުޅަނގު އައްސޭރީގައި ޤާނޫނާ ޚިލާފަށް އާބާދުވެފައިވާ ޔަހޫދީ ވަޒަންވެރިން ދެމުންދާ ހަމަލާތައް ފާއިތުވި ހަފްތާތަކުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ދަނޑުތަކުގައި ޒައިތޫނި ކަނޑާ މޫސުމާ ދިމާކޮށް މި ދުވަސްވަރު ޔަހޫދީންގެ ހަމަލާތައް ބޮޑަށް އަމާޒުކުރަމުން ދަނީ ފަލަސްޠީނުގެ ދަނޑުވެރިންނަށެވެ.
ހުޅަނގު އައްސޭރީގެ ބުރްގާގައި ޔަހޫދީ ވަޒަންވެރިން ވަނީ އުމުރުން 36 އަހަރުގެ ފަލަސްޠީނުގެ ރައްޔިތަކަށް ހަމަލާދީ އޭނާއަށް އަނިޔާކޮށްފައެވެ. އެ ހަމަލާގެ ސަބަބުން އޭނާއަށް އެކިކަހަލަ ޒަޚަމްތައް ވެފައިވެއެވެ. ޕަލަސްޓީނިއަން ރެޑް ކްރެސެންޓް ސޮސައިޓީއިން ބުނީ އެ ހަމަލާގައި އެ މީހާ އުސް ތަނަކުން ވެއްޓިފައިވާ ކަމަށެވެ.
ބައިތު ދަޖާންގައި ވެސް ޔަހޫދީ ވަޒަންވެރިން ވަނީ ޒައިތޫނި ކެނޑުމުގައި ޙަރަކާތްތެރިވަމުން ދިޔަ ދަނޑުވެރިންތަކަކަށް ހަމަލާދީ، އެ މީހުންގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުރަސް އަޅައިފައެވެ. އަދި އެ މީހުންގެ ދަނޑުތައް ދޫކޮށް ދިޔުމަށް އެ މީހުންނަށް މަޖުބޫރުކޮށްފައިވެއެވެ.
އޭގެ އިތުރުން އައްލުއްބާން އަލްޝަރްޤިއްޔާގެ ބައެއް ސަރަޙައްދުތަކުގައި ވެސް ޔަހޫދީ ސިފައިން ވަނީ ޒައިތޫނި ހޮވަމުން ދިޔަ ބަޔަކު ފަހައި، އެ މީހުންނާ ދިމާލަށް ސައުންޑް ގްރެނޭޑު އުކައިފައެވެ. އެ އަވަށުގައި 30އަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ދަނޑުތައް ދޫކޮށް ދިޔުމަށް ވެސް މަޖުބޫރުކޮށްފައިވެއެވެ. އެ ދަނޑުތަކަކީ އެ މީހުން ދިރިއުޅޭ ގޭގެއާ މަދު މީޓަރުކޮޅެއް ދުރުގައި ހުަންނަ ދަނޑުތަކެކެވެ.
އަލްމަސްޢޫދިއްޔާގައި ޔަހޫދީ ވަޒަންވެރިން ވަނީ ފަލަސްޠީނުގެ ރައްޔިތެއްގެ ގެއަށް ވަދެގަނެ، އެ ގޭގެ ދޮރާއްޓަށާއި ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުން ދީފައެވެ. އަދި ކަރަންޓު ނަރުތައް ވެސް ކަނޑާލާފައިވެއެވެ. އޭގެ އިތުރުން ޖަނީންގައި ވަޒަންވެރިން ވަނީ ވޯކްޝޮޕަކުން ވައްކަންކޮށް، ތިން އުޅަނދަކަށް ގެއްލުންދީ، ދެ ކަންބަޅި ވެސް ވަގަށް ނަގައިފައެވެ.
ހުޅަނގު އައްސޭރީގެ މެދުތެރޭ ސަރަޙައްދެއް ކަމަށްވާ ކަފްރު މާލިކުގައި ޔަހޫދީ ވަޒަންވެރިން ވަނީ ޒައިތޫނި ކަނޑަމުންދިޔަ ބަޔަކާއި އެ މީހުންނާއެކު ޙަރަކާތްތެރިވަމުން ދިޔަ ބޭރުގެ އެކްޓިވިސްޓަކަށް ހަމަލާ ދީފައެވެ. އެ އަވަށުގައި އިތުރު ދެ މީހުން ހައްޔަރުކޮށްފައިވެއެވެ. އަލްމުޤައްޔިރުގައި ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅޭ ގެތަކަށް އަމާޒުކޮށް ބަޑި ޖަހާފައި ވެސްވެއެވެ.
ޕަލަސްޓީނިއަން ވޯލް އެންޑް ސެޓްލްމަންޓް ރެސިސްޓަންސް ކޮމިޝަނުން ބުނީ އޮކްޓޯބަރު މަހުގެ 1ވަނަ ދުވަހާއި 22ވަނަ ދުވަހާ ދެމެދު ފަލަސްޠީނުގެ ދަނޑުވެރިންނަށް އަމާޒުކޮށް ހުޅަނގު އައްސޭރީގައި މަދުވެގެން 409 ހަމަލާ ދީފައިވާ ކަމަށެވެ. އޭގެ ތެރެއިން 317 ހަމަލާ ދީފައި ވަނީ ޔަހޫދީ ވަޒަންވެރިންނެވެ. އަދި 92 ހަމަލާ ދީފައި ވަނީ ޔަހޫދީ ސަލާމަތީ ބާރުތަކުންނެވެ.