އޭޝިއަން ޓެނިސް ބޯލް ކުރިކެޓް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރަނަރަޕްކަން ހޯދި ރާއްޖޭގެ އައިޒީ އެކަޑަމީގެ ޓީމު ރާއްޖެ އައިސްފިއެވެ.
19އަހަރުންދަށުގެ ޤައުމީ ޓީމުގެ 2 ކުއްޖަކުވެސް ހިމެނޭ މި ސްކޮޑުގައި ހިމެނެނީ 14 ކުޅުންތެރިންނާއި 5 އޮފިޝަލުންނެވެ. މިއީ ރާއްޖޭގެ ޓީމެއް އޭޝިއަން ޓެނިސް ބޯލް ކުރިކެޓް ޗެމްޕިއަންޝިޕްގައި ވާދަކުރި ފުރަތަމަ ފަހަރެވެ.
މުބާރާތުގެ ފައިނަލުން ރާއްޖެ ބަލިވީ ބަހްރައިންއާ ވާދަކޮށް 21 ލަނޑުގެ ތަފާތަކުންނެވެ. އަދި ފައިނަލަށް ރާއްޖެ ދަތުރުކޮށްފައިވަނީ ސެމީ ފައިނަލުގައި އަވަށްޓެރި ސްރީލަންކާ 9 ލަނޑުން ބަލިކޮށްގެންނެވެ.
ރަނަރަޕްކަން ހޯދި ޓީމާއެކު މާލެ އައުމަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރެ އައިޒީ އެކަޑަމީގެ ހެޑް ކޯޗް މުޙައްމަދު އަފްލަހް ބުނީ މުބާރާތުގައި ރާއްޖޭގެ ޓީމު ދެ ފޯމެޓަކަށް ކުޅެފައިވާކަމަށެވެ.
އެގޮތުން ރާއްޖޭގައި އާންމުކޮށް ކުޅޭ ފޯމެޓަށް ކުޅުނު މެޗުތަކުގައި މުބާރާތުގެ އެންމެ ވަރުގަދަ ޓީމުތައް ރާއްޖޭން ބަލިކޮށްފަވާކަމަށް ކޯޗް ފާހަގަކުރިއެވެ. އޭގެ ތެރޭގައި ވަރުގަދަ އިންޑިއާ، ޔޫއޭއީ، ސްރީލަންކާ އަދި އުޒްބަކިސްތާބު ހިމެނޭކަމަށް ކޯޗް ބުންޏެވެ.
މުޅިން އަލަށް ވާދަކޮށް މިފަދަ ބޮޑު ކާމިޔާބީއެއް ލިބުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެއްކަމަށް ކޯޗް ބުނެފަވެއެވެ. މިއީ ޒަމާންވީ ބޮޑު މުބާރާތެއްކަމަށާއި މިކާމިޔާބީއިން ދައްކުވައިދިނީ ރާއްޖޭގެ ކުރިކެޓަށް އުންމީދީ މަންޒަރެއްކަމަށް ކޯޗް ބުންޏެވެ.
"މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ހަގީގަތުގައި. މުޅިން އަލަށް މިފަދަ މުބާރާތެއްގައި ބައިވެރިމިވީ. ދެން އޭޝިއަން ޓެނިސް ބޯލް ކުރިކެޓް ޗެމްޕިއަންޝިޕަކީ ވަރަށް ޒަމާންވީ މުބާރާތެއް. މިއީ 70 ވަރަކަށް އަހަރުވީ މުބާރާތެއް. އެހެންވީމަ މިކަހަލަ ވަރުގަދަ މުބާރާތަކަށް ދެވުނީތީ ވަރަށް އުފާކުރަން. މިފަދަ މުބާރާތަކުން މިވަރުގެ ކާމިޔާބީއެއް ލިބުނީމަ ވަރަށް އުފާކުރަން" ކޯޗް ބުންޏެވެ.
ޖޫނިއާ ޤައުމީ ޓީމުގެ ދެ ކުއްޖަކުވެސް މި މުބާރާތުގައި ރާއްޖެ ތަމްސީލުކޮށްފައިވާއިރު، މިމުބާރާތުގެ ސަބަބުން އެކުދިންނަށްވެސް ރަނގަޅު ތަޖުރިބާތަކެއް ލިބިގެންދިޔަކަން ކޯޗް ފާހަގަކުރިއެވެ. ވަކިން ޚާއްސަކޮށް އިންޑިއާ ފަދަ ކުރިކެޓްގައި ފާހަގަކޮށްލެވޭ ޤައުމަކާ ދެކޮޅަށް ކުޅެ، އެ ޤައުމު ބަލިކޮށްލުމަކީ އައިޒީ އެކަޑަމީއަށް ލިބުނު ބޮޑު އުފަލެއްކަމަށް ކޯޗް ބުންޏެވެ.
"އަޅުގަނޑަށް އެންމެ ފާހަގަކޮށްލެވެނީ އިންޑިއާ ޓީމު. އެމީހުންގެ ކުޅުމާ ކުރިކެޓްގެ އެމީހުންގެ ސެންސް، އެކަމަކު އައިޒީގެ ކުޅުންތެރިން ދެއްކި ހިތްވަރާ އިންޑިއާ ކައިރީގައި މޮޅުވުމަކީ ވަރަށް ވަރަށް ބޮޑު ކާމިޔާބީއެކޭ އަޅުގަނޑު ދަންނަވާނީ" ކޯޗް ބުންޏެވެ.
މިއީ އޭޝިއަން ޓެނިސް ބޯލް ކުރިކެޓް ފެޑެރޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި 13 ޤައުމަކުން ވާދަކުރިއިރު، ގްރޫޕު އޭ ގައި ރާއްޖޭން ވާދަކުރީ ސިންގަޕޫރު، އިންޑިއާ، ސްރީލަންކާ، ތައިލެންޑް އަދި ނޭޕާލާއެކުގައެވެ. ގްރޫޕް ބީ ގައި ހިމެނުނު ޤައުމުތަކަކީ މެލޭޝިއާ، އުޒަބަކިސްތާނު، ކުވައިތު، ބަނގްލަދޭޝް، ބޫޓާން، ޔޫއޭއީ އަދި އަފްޣާނިސްތާނެވެ.
އޭޝިއަން ޓެނިސް ބޯލް ކުރިކެޓް ޗެމްޕިއަންޝިޕް ކުރިއަށްދިޔައީ މިމަހުގެ 26 އިން 29 އަށް އިންޑިއާގެ ޗެންނާއީގައެވެ. މުބާރާތުގެ ކުޅުން އޮތީ ކޭސީޖީ ކޮލެޖް އޮފް ޓެކްނޮލޮޖީގެ ފީލްޑް 1 ގައެވެ.