ފަހު މެޗުގައި ތާރީޚީ މޮޅެއް ހޯދައި، ރާއްޖޭގެ ޒުވާން ޤައުމީ ޓީމުން 15 އަހަރުގެ ވޯލްޑް ކަޕް މުބާރާތް ނިންމާލައިފިއެވެ.
މުބާރާތުގެ ފަހު މެޗުގައި ރާއްޖެއިން ނުކުތީ ބްރިޓިޝް ވާޖިން އައިލެންޑާ ދެކޮޅަށެވެ. މި މެޗުން ރާއްޖެ މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ.
ފެސްޓިވަލެއް ގޮތަށް ކުރިއަަށް ދިޔަ މި މުބާރާތުގައި ރާއްޖެއިން ގްރޫޕް ސްޓޭޖުގައި ފަސް މެޗެއް ކުޅުނެވެ. އޭގެ ތެރެއިން ހަތަރު މެޗުން ރާއްޖެ ބަލިވިއިރު، ރާއްޖެއާ އެއް ގުރޫޕެއްގައި ހިމެނޭ އަންގީލާއާ ދެކޮޅަށް ކުޅެ ރާއްޖެއިން ވަނީ މެޗު އެއްވަރުކޮށްލާފައެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއާ އެއް ގުރޫޕެއްގައި ހިމެނުނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓު، ސައުތު އެފްރިކާއާއި ދެ ފަހަރަށް ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ފްރާންސްގެ އިތުރުން އެސްޓޯނިއާ، ކޮސޯވޯ އަދި އަންގީލާއެވެ.
އެފަހުން ރާއްޖެއިން ވަނީ ރޭންކިން މެޗުތަކެއް ވެސް ކުޅެފައެވެ. ރޭންކިންގެ ފަހު މެޗުގައި ރާއްޖެއިން ނުކުތީ ބްރިޓިޝް ވާޖިން އައިލެންޑާ ދެކޮޅަށެވެ.
މި މެޗުން ހޯދި މޮޅާއެކު ރާއްޖެއަށް 15 އަހަރުން ދަށުގެ ވޯލްޑް ކަޕް ދަތުރު ނިމުނުއިރު، 189 ޤައުމުން ބައިވެރިވި މި މުބާރާތުގައި ރާއްޖެ ރޭންކު ކުރެވުނީ 159ވަނައިގައެވެ.
ރާއްޖެއިން މި މުބާރާތާ ކުރިމަތިލީ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ)ގެ އިރުޝާދުގެ ދަށުންނެވެ.
މިދިޔަ ޑިސެމްބަރު މަހު ފީފާ ކައުންސިލުން ބާއްވަން ފާސްކުރި 15 އަހަރުން ދަށުގެ މި މުބާރާތުގައި ފީފާގެ މެމްބަރުން ހުރިހާ ގައުމަކަށް ފުރުސަތު ދޭން ނިންމިއެވެ. މި ފެސްޓިވަލުގައި، ދެ ޖިންސަށް، ވަކިން މުބާރާތް ބޭއްވުމަށް ފީފާ ކައުންސިލުން ވަނީ ނިންމާފައެވެ. އެހެންނަމަވެސް މި އަހަރުގެ މުބާރާތް އޮތީ ހަމައެކަނި ފިރިހެން ކުދިންނަށެވެ. އަންހެން ކުދިންނަށް ޚާއްސަ މުބާރާތް އޮންނާނީ އަންނަ އަހަރުއެވެ
މިމުބާރާތުގެ އެންމެ ބޮޑު މަގުސަދަކީ، ދުނިޔޭގެ ފެންވަރުގެ ބޮޑު މުބާރާތެއްގައި، ފީފާގެ މެމްބަރު ހުރިހާ ގައުމެއްގެ ޝާމިލުވުން ހިމެނޭ ގޮތަށް ކުރިއަށްގެންދިއުމެވެ.