ސައުދީ އަރަބިއްޔާގެ މުޤައްދަސް މައްކާ ސަރަހައްދަށް އަމާޒުކޮށް ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ފޮނުވާލި ޑްރޯނެއް، ސައުދީ އިސްވެ އޮންނަ އަސްކަރީ ކޯލީޝަނުން ވައިގެ ތެރޭގައި ހުއްޓުވައި ނައްތާލައިފިއެވެ.
ކޯލީޝަނުން މަޢުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުއެވެ. މީގެ އިތުރުން، ވެރިރަށް ރިޔާޟަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ބެލިސްޓިކް 2 މިސައިލެއްވެސް ސައުދީ ވައިގެ ދިފާޢީ ބާރުތަކުން ބުރާސްފަތި ދުވަހު ވަނީ ކާމިޔާބުކަމާއެކު ވައްޓާލާފައެވެ.
މި މިސައިލްތަކުގެ ބައިތައް ވެއްޓުމުގެ ސަބަބުން ރިޔާޟުގެ އިމާރާތަކަށާއި، އިމާރާތްކުރާ ސައިޓަކަށް އަދި އުޅަނދަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ސައުދީގެ މަދަނީ ދިފާއީ ވުޒާރާއިން ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ވިދާޅުވީ، މައްކާ ފަދަ މުޤައްދަސް ބިންތަކަށް އަމާޒުކޮށް އެ ޖަމާޢަތުން ހަމަލާ ދިން ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ. އަދި އެފަދަ މާތް ބިމަކަށް އެ ޖަމާޢަތުން ދުވަހަކުވެސް ހަމަލާއެއް އަމާޒު ނުކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސައުދީ ސަރުކާރުން މިކަމާ ގުޅިގެން ބުނެފައިވަނީ، މިފަދަ ހަމަލާތަކަކީ ޤައުމުގެ ސިޔާދަތަށް އަރައިގަތުން ކަމަށާއި، ރައްޔިތުންނާއި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ދިފާޢުކުރުމުގެ ފުރިހަމަ ޙައްޤު އެ ޤައުމަށް ލިބިގެންވާ ކަމަށެވެ.