ޚަބަރު

އީރާނުން އަސްކަރީ ސާމާނު ސިއްރުން އެތެރެކުރަނީ


އެމެރިކާއިން އަޅާފައިވާ ކަނޑުގެ ހިސާރާއި ހުޅަނގުން އަޅާފައިވާ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކަށް ނުބަލައި، ޖެނުއަރީ 2025 އިން ފެށިގެން އީރާނުން މަދުވެގެން 2 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ހަތިޔާރާއި، ގޮވާތަކެތި އަދި އަސްކަރީ ބަރު އުޅަނދު އެތެރެކޮށްފައިވާކަން ރޮއިޓަރސް ނޫހުގެ ތަޙުޤީޤީ ރިޕޯޓަކުން ހާމަވެއްޖެއެވެ.

ރޮއިޓަރސްއިން ބުނި ގޮތުގައި، މި ސާމާނު އެތެރެކޮށްފައިވަނީ އީރާނުގެ ދިފާއީ ވުޒާރާ ގުޅުންހުރި، ފަށަލަކޮށްފައިވާ 5،000އަށް ވުރެ ގިނަ ސިއްރު އިދާރާތަކެއްގެ ވިއުގައެއް މެދުވެރިކޮށެވެ. މީގެ އިތުރުން މި މުޢާމަލާތްތަކަށް ފައިސާ ހަމަޖައްސާފައިވަނީ ބޭރު ޤައުމުތަކުގައި އުފައްދާފައިވާ ކަރުދާސް ކުންފުނިތަކާއި، ޤަވާޢިދާ ޚިލާފަށް ކުރާ ތެލުގެ ވިޔަފާރިން ލިބޭ އާމްދަނީ ބޭނުންކޮށްގެންނެވެ.

ރަސްމީ ބޭންކިންގ ނިޒާމުތަކުގެ ފާރަވެރިކަމުން ރެކުމުގެ ގޮތުން، މި މުޢާމަލާތްތަކުގެ 97 އިންސައްތަ ހިންގާފައިވަނީ ޤައުމުތަކުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ސީދާ ފައިސާ ބަދަލުކުރުމުގެ ބަދަލުގައި، ބޭރު ޤައުމުތަކުގައި ހަރަކާތްތެރިވާ އޭޖެންޓުން މެދުވެރިކޮށެވެ.

މި ވިއުގައިގެ ތެރޭގައި ހިމެނޭ އެއް އިދާރާ ކަމުގައިވާ "އެމް.އޯ.ޑީ 346428" އިން އެކަނިވެސް ފާއިތުވި 18 މަސްދުވަހުގެ ތެރޭގައި 2.3 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު އެތެރެކޮށްފައިވެއެވެ. އޭގެ ތެރޭގައި ރޮކެޓާއި، ގޮވާތަކެއްޗާއި، ޑްރޯން އަދި މިސައިލް އުފެއްދުމަށް ބޭނުންވާ މާއްދާތަކުގެ އިތުރުން، މިސައިލް ލޯންޗަރުގެ ގޮތުގައި ބޭނުންކުރެވޭ ބަރު ޓްރަކްތައް ހިމެނެއެވެ. މި ތަކެތި އެ ޤައުމަށް އެތެރެކޮށްފައިވަނީ ޗައިނާ، ރަޝިއާ އަދި ޖަރުމަނުވިލާތް ހިމެނޭހެން ވިލާތުގެ ބައެއް ޤައުމުތަކުން އެއްގަމާއި، ކަނޑާއި އަދި ވައިގެ މަގުންނެވެ.

އީރާނުގެ އިންޤިލާބީ ފައުޖު، އައި.އާރު.ޖީ.ސީ އާއި އީރާނުގެ ނުފޫޒުގަދަ ފަރާތްތަކުގެ ބާރުގެ ދަށުގައިވާ ފައުންޑޭޝަންތަކާ ގުޅިފައިވާ މި ވިއުގައަކީ، މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި މެދުކެނޑުމެއް ނެތި އެތައް ހާސް މިސައިލަކާއި ޑްރޯން ހަމަލާތައް ދިނުމަށް އީރާނުގެ އަސްކަރިއްޔާއަށް ލިބިގެންދިޔަ އިތުރު ބާރެއް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.

މި ރިޕޯޓާ ގުޅިގެން އެމެރިކާގެ މާލީ ވުޒާރާއިން ބުނީ، އީރާނުގެ މާލީ އަދި އިޤްތިޞާދީ ވަޞީލަތްތައް ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި، ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކެން އީރާނުން ކުރާ މަސައްކަތްތައް ހުއްޓުވުމުގައި އެމެރިކާ އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ.

ނަމަވެސް، މި ރިޕޯޓާ ގުޅިގެން އީރާނުގެ ސަރުކާރުން އަދި މިކަމުގައި ތުހުމަތުކުރެވޭ އެއްވެސް ކުންފުންޏަކުން މިހާތަނަށް ރަސްމީކޮށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.