ޚަބަރު

ވިހަ ދުމުގެ ކާރިސާ: އިންޑޮނޭޝިއާގެ 3،500 އަށްވުރެ ގިނަ މީހުން މަރުވެއްޖެ


އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެ، އުފެދުނު ވިހަ ދުމުގެ ސަބަބުން ހުސްވި ސެޕްޓެމްބަރު މަހު އެކަނިވެސް 3،560 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އައު ދިރާސާއަކުން ދައްކައިފިއެވެ.

ފިންލެންޑްގެ ހެލްސިންކީގައި ހުންނަ 'ސެންޓަރ ފޯ ރިސާޗް އޮން އެނާޖީ އެންޑް ކްލީން އެއަރ' (ސީ.އާރު.އީ.އޭ) އިން އާންމުކުރި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެތައް މަހަކަށް ދެމިގެންދިޔަ ޖަންގަލީގެ އަލިފާންގަނޑުތަކުގެ ސަބަބުން، ސިއްހަތަށް ނުރައްކާވާ މިންވަރަށް ތަޣައްޔަރުވެފައިވާ ވައިގެ އަސަރު 57.8 މިލިއަނަށްވުރެ ގިނަ މީހުންނަށް ވަނީ ކޮށްފައެވެ.

މިއީ އޯގަސްޓު މަހު ލަފާކުރި މިންވަރާ އަޅައިބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. މި ކާރިސާގެ އަސަރު އެންމެ ބޮޑަށް ފޯރާފައިވަނީ ބޯނިއޯ، ޖާވާ އަދި ސުމަޓްރާގެ ސަރަހައްދުތަކަށެވެ. އަދި ޖަންގަލީގެ އަލިފާނުގެ އިތުރުން، ކާރުޚާނާތަކާއި އެއްގަމު އުޅަނދުފަހަރުގެ ދުމުގެ ސަބަބުން ވައި ތަޣައްޔަރުވެގެން އިތުރު 1،750 މީހުން މަރުވެ، ޖުމްލަ މަރުވި މީހުންގެ އަދަދު 5،310 އަށް އަރާފައިވާ ކަމަށް މި ދިރާސާއިން ހާމަވެއެވެ.

މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރި ފަރާތްތަކުން ބުނެފައިވަނީ، މިއީ ކުރިން ލަފާކުރެވި، އަދި ރައްކާތެރިކަމުގެ ފިޔަވަޅު އެޅެން އޮތް ކަމެއް ނަމަވެސް، ސަރުކާރުން މިކަމަށް އެކަށީގެންވާ ވަރަށް ތައްޔާރުވެފައި ނުވާ ކަމަށެވެ.

'އެލް ނީނޯ' މޫސުމީ ބަދަލާ ގުޅިގެން އުފެދުނު ހަނަފަސްކަމުގެ ސަބަބުން 1.9 މިލިއަން ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް އަނދައި އަޅިއަށް ވެފައިވާއިރު، އަލިފާން ނިއްވުމަށާއި ހާލަތު ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަނީ 72،000 އޮފިޝަލުންނާއި 2،100 އަށްވުރެ ގިނަ ޑޮކްޓަރުން ހަރަކާތްތެރިކޮށް، އާންމުންނަށް 5.3 މިލިއަން މާސްކު ބަހާފައެވެ.