އީރާނުން މަދަދުދޭ ޔަމަނުގެ ޙޫޘީ ޖަމާޢަތުން، ސަޢުދީ ޢަރަބިއްޔާގެ ވައިގެ ބަނދަރުތަކަށާއި ތެލުގެ ވަސީލަތްތަކަށް އަމާޒުކޮށް ހަ ހަމަލާއެއް ދީފައިވާނެ ކަމަށް ދަޢުވާކޮށްފިއެވެ. މި ހަމަލާތައް ދިން ކަމަށް ބުނީ ސަރަޙައްދީ ޚިޔާލުތަފާތުވުންތައް މަޝްވަރާގެ މަގުން ޙައްލުކުރުމަށް އީރާނާއި ސަޢުދީގެ އިސް އޮފިޝަލުން ތެހެރާންގައި ބޭއްވި ބައްދަލުވުމެއްގައި އެއްބަސްވެފައި ވަނިކޮށެވެ. ތުރުކީވިލާތާއި ޕާކިސްތާނު ވެސް ބައިވެރިވި މި މަޝްވަރާތަކުގައި އުންމީދީ ވާހަކަތަކެއް ދެކެވުނު ނަމަވެސް، ޙޫޘީން ދަނީ މިސައިލާއި ޑްރޯން ބޭނުންކޮށްގެން ސަޢުދީ ސަރަހައްދުތަކަށާއި އެ ޤައުމުން ވާގިވެރިވާ ބާރުތަކަށް ހަމަލާދެމުންނެވެ.
އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މުޙުސިން ރިޒާއީ އިސްވެ ހުންނެވި މި ބައްދަލުވުމުގައި، ސަޢުދީގެ ދިފާޢީ ވަޒީރާއި، ޕާކިސްތާނުގެ އަސްކަރީ ވެރިޔާ އަދި ތުރުކީވިލާތުގެ ޖާސޫސީ އިސްވެރިޔާ ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލީ "ސަރަހައްދުގެ ޞުލްޙައާއި އަމަންއަމާންކަން" ޤާއިމުކުރުމަށެވެ. ބައްދަލުވުމަށް ފަހު، އަސްކަރީ ކުރިމަތިލުންތަކަކަށް އަލުން ދިޔަ ނުދިނުމަށް ޓަކައި މަޝްވަރާގެ ދޮރުތައް ހުޅުވާލުމުގެ މުހިންމުކަން ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ފާހަގަކުރިއެވެ.
ޙޫޘީންގެ ތަރުޖަމާނު ޔަޙްޔާ ސަރީޢު ވިދާޅުވީ، ރައުސު ތަނޫރު އަދި ރާބިޣު ތެޔޮ ސާފުކުރާ މަރުކަޒުތަކަށާއި އަބުޤައިޤުގެ ސަޢުދީ އަރަމްކޯ ތެޔޮ ކުންފުނީގެ ވަސީލަތްތަކަށް ހަމަލާދީފައިވާނެ ކަމުގައެވެ. މީގެއިތުރުން، ރިޔާޟުގެ ކިންގް ޚާލިދު އެއާޕޯޓަށާއި ދައްމާމުގެ ކިންގް ފަހްދު އެއާޕޯޓުގެ އިތުރުން ނަޖްރާންގެ އަސްކަރީ މަރުކަޒަށް ވެސް ހަމަލާ އަމާޒުކުރި ކަމުގައި އޭނާ ވިދާޅުވިއެވެ. ނަމަވެސް، މި ދަޢުވާތައް މިނިވަން އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ސަޢުދީ އިސްވެ އޮންނަ އަސްކަރީ އިއްތިހާދުން ބުނީ، ރިޔާޟަށް އަމާޒުކުރި ބެލިސްޓިކް ދެ މިސައިލް ވައިގެ ދިފާޢީ ނިޒާމުން ހުއްޓުވި ކަމުގައެވެ. މިސައިލްގެ ބައިތައް ވެއްޓި ޢާންމު ރައްޔިތަކު ޒަޚަމުވެ، ގެއަކަށާއި އުޅަނދަކަށް ގެއްލުން ލިބުނެވެ. މި ހަމަލާތަކާ ގުޅިގެން ޔަމަނުގެ ސަރުކާރުން ވަނީ ޢަދަން އެއާޕޯޓަށް ދޭ ހަމަލާތައް ހުއްޓުވުމަށް "ހުރަސްއަޅައި އަދަބުދިނުމުގެ ފިޔަވަޅުތައް" އެޅުމަށް އެކުވެރި ދައުލަތްތަކުގެ (އދ) ސަލާމަތީ މަޖިލީހައަށް ގޮވައިލާފައެވެ.