ކުޅިވަރު

ކަރަބާއޮ ކަޕްގެ ކުއާޓަރ ފައިނަލުން އެވަޓަން ޖާގަހޯދައިފި


  • އެވަޓަން ޖާގަހޯދީ ކަށަވަރުކުރީ ނިއުކާސްލް 3-1 ބަލިކޮށްގެން

  • ކުއާޓަރ ފައިނަލްގައި އެވަޓަން ވާދަކުރާނީ ފްލީޓްވުޑް ޓައުންއާ

ކަރަބާއޮ ކަޕްގެ ކުއާޓަރ ފައިނަލްގެ ފަހު ޖާގަ އިންގްލިޝް ޕްރިމިއަރ ލީގުގެ އެވަޓަން އިން ކަށަވަރު ކޮށްފިއެވެ.

އެވަޓަންއިން ކުއާޓަރ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރީ ފަހު 16 ޓީމުގެ ބުރުގައި ޕްރިމިއަރ ލީގުގެ ނިއުކާސްލް ޔުނައިޓެޑާއި ބައްދަލުކުރި މެޗު 3-1 ލަނޑުން ކާމިޔާބު ކޮށްގެންނެވެ. އެވަޓަންގެ ހިލް ޑިކްސަން ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ނިއުކާސްލްއިންނެވެ. ނަމަވެސް މިއާއެކުވެސް ނިއުކާސްލް އަށް އެވަޓަންގެ ޑިފެންސް ފޫއަޅުވާލުމުގައި ދިޔައީ ދަތިތަކާއި ކުރިމަތިވަމުންނެވެ.

މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ އެވަޓަން އިންނެވެ. މެޗުގެ 34 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޭމްސް ގަރނަރއެވެ. އަދި މިލަނޑު ޖެހުމުގެ ކުޑައިރު ކޮޅެއް ކުރިން އެވަޓަންގެ ކެޕްޓަން ޖޭމްސް ޓާކޯވްސްކީވަނީ ނިއުކާސްލްގެ ނުރައްކާތެރި ހަމަލާއެއް ދިފާއު ކޮށްފައެވެ. މިމެޗުގައި އެވަޓަން އިން ކާމިޔާބު ކުރި ދެވަނަ ލަނޑު ފުރަތަމަ ހާފްގެ ފަހު މިނެޓްގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ހޭޑެން ހެކްނީއެވެ. އަދި އެވަޓަންގެ ފަހު ލަނޑު މެޗުގެ 69 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ތިއާނޯ ބެރީއެވެ. މިމެޗުގައި ނިއުކާސްލް އިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ޑިފެންޑަރ ޑޭން ބަރންއެވެ.

މިމެޗުގައި އެވަޓަން ޓީމުން ޖެކް ގްރީލިޝް އަޚުލާގީ މައްސަލައަކާއި ގުޅިގެން ބާކީ ކުރިކަން ވަނީ މެޗު ފެށުމުގެ ކުރިން ހާމަވެގެން ގޮސްފައެވެ. މަޢުލޫމާތުލިބޭގޮތުގައި އޭނާ އާއި ދޭތެރޭ މިފިޔަވަޅު އެޅިގެން ގޮސްފައިވަނީ އެންގުމެއް ނެތި ކުލަބުގެ ފަރިތަކުރުމަކަށް ހާޒިރު ވެފައިނުވުމުގެ ސަބަބުންނެވެ.

މިކާމިޔާބީއާއެކު ކުއާޓަރ ފައިނަލްގެ ޖާގައެއް އެވަޓަން އިން ކަށަވަރު ކޮށްފައިވާއިރު ކުއާޓަރ ފައިނަލްގައި އެޓީމުން ވާދަކުރާނީ ފްލީޓްވުޑް ޓައުން އާއެވެ. ފްލީޓްވުޑް ޓައުން އަށް މިސަމާލުކަން ލިބިގެންދިޔައީ އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެމްޕިއަން އާސެނަލް ބަލިކުރުމަށްފަހު މިޖާގަ ކަށަވަރު ކުރުމުންނެވެ. މިއީ މިމުބާރާތުގައި މިސީޒަންގައި ފެނިގެންދިޔަ އެންމެ ހައިރާން ކުރުވަނިވި ނަތީޖާއެވެ.