ސްކޫލް ދައުރުގައި އެއީ އިސްކަންދަރު ސްކޫލުގެ އެންމެ މުހިންމު ކުޅުންތެރިޔާއެވެ. ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) ގެ އެލީޓް ޓީމުގައި ވިދާލި މޮޅު ކުޅުންތެރިއެކެވެ.
އޭރު އޭނާއާއިއެކު ކުޅުނު ކޮންމެ ކުޅުންތެރިއަކު ވެސް، އަދި އިރުޝާދުދިން ކޯޗުން ވެސް ދެކުނީ އޭނާ ވެގެންދާނީ ދިވެހި ފުޓުބޯޅައިގައި އަވަސް މުސްތަޤްބަލެއްގައި އުހުގައި ފިޔަޖަހާނެ ތަރިއަކަށް ކަމަށެވެ.
ކ. ހުރާއަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ އަލީ ހަމްދާން ވެސް އުއްމީދުކޮށްގެން ހުރީ، މާ ގިނަ ދުވަހެއް ނުވެ، ޤައުމީ ޖާޒީގައި މޭމަތީ ދިވެހި ދިދަ ޖަހާލައިގެން ފަޚުރުވެރިކަމާއެކު ޤައުމު ތަމްސީލުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
އެހެންނަމަވެސް ތަޤުދީރު ނިޔާކުރީ އެޔާ ޚިލާފަށެވެ. އޭނާގެ ފުޓުބޯޅަ ކެރިއަރު ވެގެންދިޔައީ އަޑިގުޑަން ގިނަ، ހުރަސްތަކާއި ހިތްމަރާލާ އެތައް ކަމެއް ކުރިމަތިކުރުވި އުނދަގޫ ދަތުރަކަށެވެ.
2014ވަނަ އަހަރު ހަމްދާން ފުރަތަމަ ޑިވިޝަނުގައި ފުޓުބޯޅަ ކެރިއަރު ފެށީ ކުލަބު ވެލެންސިއާއިން ލިބުނު ފުރުސަތެއްގެ ބޭނުން ހިފައިގެންނެވެ. އެއީ އޭނާގެ އުމުރުން އެންމެ 17 އަހަރުގައެވެ. ހަމްދާން ގަބޫލުކުރާ ގޮތުގައި އެއީ އޭނާގެ ކެރިއަރުގައި އެންމެ މޮޅަށް ކުޅެވުނު ސީޒަނެވެ.
އޭގެ ހެއްކަކީ ޖެހިގެން އައި އަހަރު، 19 އަހަރުން ދަށުގެ ޤައުމީ ޓީމުގެ ޖާގަ ލިބުމެވެ. އަދި އެ ޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅެލުމުގެ ފުރުސަތު ވެސް ހަމްދާން ހޯދިއެވެ. މިއާއެކު ހަމްދާން، ސީނިއަރ ޤައުމީ ޓީމުން ފުރުސަތު ހޯދުމާމެދު ގެންގުޅުނު އުއްމީދުތަކަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ.
ހަމްދާންގެ ކެރިއަރަށް އިތުރު ދިރުމެއް އައީ، ޖެހިގެން އައި އަހަރު، ރާއްޖޭގެ އެންމެ ހައިބަތު ބޮޑު އެއް ކުލަބުކަމަށްވާ ވިކްޓްރީ ސްޕޯޓްސް ކުލަބުން ފުރުސަތު ލިބުމުންނެވެ. ހަގު އުމުރެއްގައި، އެފަދަ ޝަރަފުވެރި ކުލަބެއްގެ ބެޖު މޭމަތީ ޖަހާލައިގެން ކުޅެން ލިބުންވީ ހަމްދާނަށް އިންތިހާ އުފާ ގެނުވި ކަމަކަށެވެ.
އެހެންނަމަވެސް، ހުޅުވި އަލިވަމުންދިޔަ ހަމްދާނުގެ ފުޓުބޯޅަ ކެރިއަރަށް އަނދިރިކަމުގެ ހިޔަނި އެޅުނީ، ޖެހިގެން އައި ސީޒަނުގައި އަލުން ވެލެންސިއާއަށް ބަދަލުވެ، އޭރު ލީގުގެ ފޯމެޓް އޮތްގޮތުން ވެލެންސިއާއަށް ފުރުސަތު ގެއްލުމުންނެވެ. މާލެ ލީގުގެ ޓޮޕް 4ގައި ނުހިމެނި، ވެލެންސިއާއަށް ދިވެހި ޕްރިމިއަރ ލީގުގައި ކުޅެވޭ ގޮތް ނުވުމުންނެވެ.
ދެން ހަމްދާން ކުޅެން ޖެހުނީ، ފާއިތުވީ ސީޒަނުގައި ލީގުގެ ހަތަރުވަނަ ހޯދި، އޭރު ތިންވަނަ ޑިވިޝަނުގައި އޮތް ބުރު ސްޕޯޓްސް ކުލަބަށެވެ.
ބުރުގައި ދެއްކި މޮޅު ކުޅުމާއެކު، އޭރުގެ ޤައުމީ ކޯޗު ޕީޓަރ ސެގާޓް އެކުލަވާލި 23 އަހަރުން ދަށުގެ ޤައުމީ ސްކޮޑުން ހަމްދާނަށް ޖާގަ ލިބި ދެމެޗެއް ކުޅެލަން ލިބުނެވެ. އެހެންނަމަވެސް ނިވެމުންދިޔަ އުއްމީދުގެ ހުޅުކޮޅަށް ލިބުނު ކުޑަކުޑަ އަލިކަން އަނެއްކާވެސް ފަނޑުވާން ފެށިއެވެ.
ފުރަތަމަ ޑިވިޝަނުގައި ކުޅޭނެ ކުލަބެއް ނެތި، ފުޓުބޯޅައިގައި "މަގުމަތިވެފައި" ހުރި ހަމްދާން ހިތްވަރުދޫކޮށްނުލައި ކުރި މަސައްކަތުން، ރަށްޓެއްސެއްގެ އެހީއާއިއެކު ޔުނައިޓެޑް ވިކްޓްރީން ފުރުސަތު ހޯދައި، އަލުން ފުރަތަމަ ޑިވިޝަނަށް އެނބުރި އައިގޮތް "ޕީއެސްއެމް ނިއުސް" އާ ހިއްސާކުރިއެވެ.
"އެއްވެސް ޓީމަކަށް ނުކުޅެ ހުރެފައި ދެން ޖެހިގެން އައި އަހަރު 23 އަހަރުން ދަށުގެ ޤައުމީ ސްކޮޑުން ފުރުސަތު ލިބުނީ. ބުރަށް ތިންވަނަ ޑިވިޝަނުގައި ކުޅުނުއިރު އޭރުގެ ކޯޗު ސެގާޓަށް ފެނިގެން އޭރު އެފްއޭއެމް އިން ގުޅައިގެން ސެލެކްޝަނަށް ގޮސްގެން ހޮވުނީ. އޭއެފްސީ ކޮލިފިކޭޝަންގައި ދެ މެޗެއް ކުޅުނިން. ދެން އައިއްސަ މާލޭގައި، އަބަދުވެސް ހޯދާނެތާ ކުޅޭނެ ޓީމެއް. ދެން ކުޅޭނެ އެއްވެސް ޓީމެއް ނެތިފައި ހުއްޓާ ރަށްޓެއްސަކަށް ގުޅައިގެން، ކުރިން ވިކްޓްރީގައި ނަޒީހް ކޯޗާއެކު ކުޅެފައި ހުރީމަ، އޭރު ޔޫވީގައި ނަޒީހް ކޯޗު ހުރީމަ ނަޒީހް ކޯޗު ދިނީ ޓްރަޔަލްއެއް ކަހަލަ ގޮތަކަށް ފުރުސަތެއް. ދެން ޓީމަށް ހޮވި، ޔޫވީގައި ތިން އަހަރު ހޭދަކުރިން". ކުލަބެއް ނެތި ހޭދަކުރި ދުވަސްތަކާއި، އެނބުރި އަންނަން ކުރި މަސައްކަތް ހިއްސާކޮށް ހަމްދާން ކިޔައިދިނެވެ.
އެފަހުން ހަމްދާން ދިޔައީ އަލުން ފުރަތަމަ ޑިވިޝަނުގައި އޭނާގެ ނަން ވިދުވައި، ވަރުގަދަކުރުމަށް ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށް އަޅަމުންނެވެ. ބުރު ސްޕޯޓްސް ކުލަބު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވުމުން އަލުން އެކުލަބަށް ގޮސް ކުރި މަސައްކަތާއިއެކު، ފާއިތުވީ ސީޒަނުގައި ބުރުން ދިވެހި ލީގުގެ ހަތަރުވަނަ މަގާމު ހޯދިއިރު ކެޕްޓަން ބޭންޑު އަޅައިގެން ކުޅުނީ ހަމްދާނެވެ. މިހާރު ވެސް އޭނާއަކީ އެކުލަބުގެ ކެޕްޓަނެވެ.
ހަމްދާން ހިއްސާކުރި ގޮތުގައި، އޭނާ ވެއްޓެމުންދިޔަ ކޮންމެ ފަހަރަކުވެސް އަލުން ކޮޅަށް ތެދުވަން ލިބުނު އެންމެ ބޮޑު ހިތްވަރަކަށް ވެގެންދިޔައީ ޤައުމީ ޖާޒީގައި، ސީނިއަރ ޓީމަށް ކުޅެން ކަނޑައަޅައިގެން ހުރި އަޒުމެވެ.
އެ އަޒުމުގައި ކުރި މަސައްކަތާއިއެކު، މިއަދު އޭނާ މިވަނީ އެ އުފާ ހާސިލްކޮށްފައެވެ. ދަތި އުނދަގޫ، އުއްމީދު ކަނޑާލައި ބޫޓު ބާލަން މަޖުބޫރުކުރުވި އެތައް ހާލަތެއް މެދުވެރިވި ނަމަވެސް، ހިތުގައި އޮތް އަޒުމާއި ފުޓުބޯޅައަށް ދެވިފައިވާ ލޯބީގެ ސަބަބުން ކުރި މަސައްކަތުން މިއަދު އޭނާ މިވަނީ ޤައުމީ ސްކޮޑުން ޖާގަ ހޯދާފައެވެ.
އެ އުފާ ލިބުމުން ކުރެވޭ އިހުސާސްތައް ހަމްދާން "ޕީއެސްއެމް ނިއުސް" އާ ހިއްސާކުރިއެވެ.
"ޤައުމީ ޓީމަށް އޭރު އަރަން ލިބުނު ހިސާބުން އެއީ ދެން، ގިނަ ދުވަހު ބޯޅަ ކުޅެފަ ހުރި މީހަކަށް ދެން، އަަސްލު ކޮންމެ މީހަކުވެސް ބޯޅަކުޅެން މި ފަށަނީ ޤައުމީ ޓީމަށް ކުޅެން ކަންނޭނގެ ދޯ. އެ އޮޕޮޗިއުނިޓީ ލިބޭތޯ. ކޮންމެ ކޮންމެ ޕްލެޔަރަކަށް ލިބޭ އޮޕޮޗިއުނިޓީއެއް ނޫން އެއީ. ދިވެހިރާއްޖެއަށް ބަލަންޏާ ނެޝަނަލް ޓީމުގެ ސްކޮޑުގައި ނުހިމެނި އެހެންނޫނީ ނެޝަނަލް ޓީމަށް ކުޅެލަން ނުލިބޭ ޕްލެޔަރަކު އަސްލު ފުޓުބޯޅަ ކުޅުން ކަމަކަށްވެސް ނުވޭ. މީހުންނަށް ވެސް ނޭނގެ. މިހާރަށް ބަލަންޏާ ގައުމީ ޓީމަށް އެރީމަ ކަންނޭނގެ ކެރިއަރު ނިންމާލާއިރު ތިމަންނަވެސް ޤައުމީ ޓީމަށް އެރީމޭ. އަނެއްހެން ބަލަންޏާމު އެންމެ ކުޑައިރުއްސުރެވެސް ދެކެމުންދިޔަ ހުވަފެނެއް ހަގީގަތަކަށްވީމަ، ވަރަށް ބޮޑު ޓާގެޓެއް އެ ހާސިލްވަނީ. އަންވޯންޓެޑް ވަރަށް ބޮޑު ޕްރެޝަރެއް ބޮލުން އެދަނީ". ހަމްދާން ބުންޏެވެ.
ޤައުމީ ޓީމަށް އަރަން ލިބުނު ފުރުސަތާއެކު ހަމްދާނަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔައިރު އޭނާގެ އެންމެ ބޮޑު ހުވަފެނަކީ ޤައުމީ ޓީމާއެކު ރަން ކާމިޔާބީއެއް ހޯދުމެވެ. އެ އަޒުމުގައި އަންނަ މަހު އޮންނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ހަމްދާން އަންނަނީ ޤައުމީ ސްކޮޑާއެކު އިންޑޮނޭޝިއާގައި ތަމްރީން ކޭމްޕުގައި ބައިވެރިވަމުންނެވެ.
މި ކޭމްޕާއެކު ލިބިގެންދާ ފުރުސަތުގެ ބޭނުންހިފައި، ހަމްދާން ހުރީ ދިވެހި ސަޕޯޓަރުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ހޯދައިދީ، ސާފްގެ ތަށި ދިވެހި ފަސްގަނޑުގައި ބޭންދުމުގެ ވަރުގަދަ އަޒުމު ކަނޑައަޅައިގެންނެވެ.