ތިމާވެށި

މީދޫ ނެރު ފުންކުރަނީ އީއައިއޭ ރިޕޯޓާއި އެއްގޮތަށް- މިނިސްޓްރީ


އައްޑޫ ސިޓީ މީދޫ ނެރު ފުންކުރުމުގައި ޢަމަލުކުރަމުންދަނީ ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާން ކުރާ ރިޕޯޓު ހެދުމާބެހޭ ޤަވާއިދާއި އެއްގޮތަށްކަމަށާއި، އެކަމަށްޓައި ކުރަންޖެހޭ ހުރިހާކަމެއް ކުރައްވާފައިވަނީ އީއައިއޭ ރިޕޯޓާއި އެއްގޮތަށް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން މިހެން ވިދާޅުވީ، މީދޫ ނެރު ފުންކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން ނެރުން ތަންކޮޅެއް ގޮއްވައިގެން ފުންކުރާތީ، މީދޫ ފަރު މުޅިން ގޮއްވާލައި ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާ ކަމަށްބުނެ ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުން ނެރުއްވި ނޫސް ބަޔާނެއްގައެވެ.

އެ ނޫސް ބަޔާނުގައިވަނީ، މީދޫ ނެރުގެ އެންމެ ބޭރު ސަރަޙައްދުގެ ފަރުގެ އާނުގަނޑު އާދައާ ޚިލާފަށް ހަރުވެފައި ވަރުގަދަކަމުން، ޢާއްމުކޮށް ނެރު ފުންކުރަން ބޭނުންކުރާ ގޮތްތަކާއި، އާލާތްތައް ބޭނުންކޮށްގެން އެތަން ފުންކުރުމަކީ ކުރެވޭނެ ކަމެއްނޫންކަމަށެވެ. އެހެންނަމަވެސް އެމަޝްރޫޢާ ޙަވާލުވެފައިވާ ފަރާތުންވަނީ އެތަން ނުގޮއްވައި މެޝިނަރީއާއި އެފަދަ އެހެން ގޮތްގޮތުންވެސް ފުންކުރެވޭތޯ ދޮޅު އަހަރެއްހާދުވަސް ވަންދެން މަސައްކަތްކޮށްފައި ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.

މީދޫ ނެރު ކެނޑުމުގެ މަސައްކަތަކީ، މަސް ދޯނިފަހަރާއި އެހެނިގެން ކަނޑު އުޅަނދު ފަހަރު ދަތުރުކުރަންޖެހޭ މަގުކުރުވެ، ތެލުގެ ޚަރަދުތައް ކުޑަވެ، އިޤްތިސާދީ އެތައް ފައިދާއެއް ކުރާނެ ކަމެއް ކަމަށާއި، މިމަސައްކަތް ކުރިއަށްގެންދަނީ، މީދޫގެ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށްވެސް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

އެހެންކަމުން މީދޫގެ ގާތްގަނޑަކަށް 25 ކިލޯމީޓަރުގެ ފަރުގެ ނިސްބަތުން ވަރަށްކުޑަ ތަންކޮޅެއް ގޮއްވައިގެން ފުންކުރުމުގެ ހުއްދަ އެ މަސައްކަތްކުރާ ފަރާތަށް ދެއްވާފައި ވާނެ ކަމަށާއި، މިއީ މީގެކުރިންވެސް ރާއްޖޭގައި މިފަދަ މަޝްރޫޢުތައް ހިންގުމުގައި ޢަމަލު ކުރަމުން ގޮސްފައިވާ އުޞޫލުގެ ދަށުން ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަ ގޮތްތައް ބައްލަވައިގެން ކުރެވޭ މަސައްކަތެއް ކަމަށްވެސް އެންވަޔަރަމަންޓް މިނިސްޓްރީގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.