ޚަބަރު

އުއްތަމަ ފަނޑިޔާރުންގެ ޢިލްމީ މަހާސިންތާއެއް ރާއްޖޭގައި ބާއްވަނީ


ދެކުނު އޭޝިއާގެ ޤައުމުތަކުގެ އުއްތަމަ ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވާ ބައިނަލްއަޤްވާމީ ޢިލްމީ މަހާސިންތާއެއް ދިވެހިރާއްޖޭގައި ބޭއްވެވުމަށް ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާކަމަށް ޝަރުޢީ ދާއިރާއިން ހާމަކޮށްފިއެވެ.

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދުގެ އިސްނެންގެވުމުގެ މަތިން ބޭއްވެވުމަށް ތައްޔާރުވެވަޑައިގަންނަވަމުންދާ މި ޢިލްމީ މަހާސިންތާއަކީ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއިން ބޭރުގެ ފަރާތްތަކާއެކު ޖުޑީޝަލް ޕަބްލިކް ރިލޭޝަންސް ޤާއިމުކުރެއްވުމަށް ބޭއްވެވުމަށް ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާ މަހާސިންތާއެއްކަމަށް ޝަރުޢީ ދާއިރާއިން މަޢުލޫމާތުދެއްވައެވެ.

މިގޮތުން ދިވެހިރާއްޖެއާއި، ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގެ ތަޞައްވުރު ބޭރުގެ ފަރާތްތަކުގެ މެދުގައި ރަނގަޅުކުރެއްވުމަށްވެސް މި މަހާސިންތާގެ ތެރޭގައި މަސައްކަތް ކުރައްވާނެކަމަށް ޖުޑީޝަރީން މަޢުލޫމާތުދެއްވައެވެ. ޝަރުޢީ ދާއިރާއިން 2017 ވަނައަހަރު ކުރެއްވުމަށް ރާއްވަވާފައިވާ ކަންތައްތަކުގެ ތެރޭގައި ސުޕްރީމް ކޯޓުން ނިންމަވާ މައްސަލަތައް އިނގިރޭސި ބަހަށް ތަރުޖަމާ ކުރައްވައި، ދުނިޔޭގައި ލޯ ރިޕޯޓްތައް ޝާއިޢުކުރާ ލެކްސިސް ނެކްސިސްގައި ޝާއިޢުކުރެއްވުމުގެ މަސައްކަތް ކުރެއްވުމަށް ރާއްވަވާފައިވެއެވެ.

ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން މައްސަލަތައް ނިންމަވާ ޢަދަދު ނިސްބަތުން އެންމެ ގިނަ ޤައުމެވެ. އަދި މައްސަލަތައް ނިންމެވުމާއި، ފަސޭހަކަމާއެކު ޢަދުލު އިންޞާފަށް ވާޞިލުވުމުގެ މަގުފަހިކޮށްދެއްވުމަށް ޝަރުޢީ ދާއިރާއިން ގެންދަވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ހިނގަމުންމިދާ 2016 ވަނައަހަރުވެސް ބައިނަލްއަޤްވާމީ އެކި ޤައުމުތަކާއި ސަރުކާރުގެ އެކި މުއައްސަސާތައް ހިމެނޭގޮތުން އެކި ކޮލޮކިއަމްތައް ޝަރުޢީ ދާއިރާއިން އިސްނަންގަވައިގެން ބާއްވަވާފައިވެއެވެ.