ޓުއަރިޒަމް

ސަރުކާރަށް 3 އަހަރު - ރިސޯޓްތައް ދަނީ ތަރައްޤީވެ، ހުޅުވެމުން


ދިވެހިރާއްޖޭގެ އިޤްތިޞާދަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ފަތުރުވެރިކަމުގެ ސިނާޢަތުން ކަމަށްވާއިރު، އެ ސިނާޢަތް ކުރިއަރުވައި އިތުރަށް ތަރައްޤީކުރެއްވުމަށް ސަރުކާރުން ގެންދަވަނީ ރެއާއި ދުވާލު ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ބޭރު ޤައުމުތަކުގައި ބާއްވާ ފަތުރުވެރިކަމުގެ އެކި އެކި ފެއާތަކުގައި ބައިވެރިވެރިވެ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެކި ކަންކޮޅުތަކަށް އިޝްތިހާރުކުރުމަށް ގިނަ ކެމްޕެއިންތަކެއް ދަނީ ހިންގަވަމުންނެވެ. ދުނިޔޭގައި ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރ ކަމުގައިވާ އައިޓީބީ ފެއަރގެ މިއަހަރުގެ ހޮސްޓް ކަންޓްރީ އަކީވެސް ދިވެހިރާއްޖެއެވެ. ހޮސްޓް ކަންޓްރީގެ ހައިސިއްޔަތުން ފެއަރ ފެށުމަށް ބޭއްވި ގާލާ ނައިޓްއާއި ގާލާ ޑިނަރގެ ހުރިހާ މަސައްކަތްތަކެއް ކޮށްފައިވަނީ ދިވެހިރާއްޖެއިންނެވެ. މީގެ ސަބަބުންވެސް ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ވަނީ އިތުރު މަޝްހޫރުކަމެއް ލިބިފައެވެ. 

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި ސަރުކާރުން މިއަހަރު ފާހަގަކޮށްފައިވަނީ 'ވިޒިޓް މޯލްޑިވްސް އިޔާ'ގެ ގޮތުގައި، މި ކެމްޕެއިންގެ ދަށުންވެސް ގިނަ ހަރަކާތްތަކެއް މިއަހަރުތެރޭ ކުރިއަށް ގެންގޮސްފައިވެއެވެ. ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީ ކުރައްވާ ފުޅާކުރެއްވުމަށް ސަރުކާރުން މިހާރު އެންމެ އިސްކަމެއް ދެއްވާ އެއްކަމަކީ ރިސޯޓް ތަރައްޤީކުރެއްވުމަށް ކުރިން ދޫކުރައްވާފައިވާ ރަށްރަށުގެ މަސައްކަތް އަވަހަށް ނިންމުމަށް އެފަރާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވުމެވެ. ރިސޯޓްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ހަލުވިކުރުމުގެ ގޮތުން ސަރުކާރުންވަނީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ރިސޯޓްތައް މަރާމާތުކުރުމަށް ގެންނަ ތަކެތިން އިމްޕޯޓް ޑިއުޓީ ނެގުން ހުއްޓަވާލައްވާފައެވެ. 

މިބަދަލާއި އެކު ރާއްޖޭގައި މިހާރު ރިސޯޓުތަރައްޤީކުރުމުގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. ރައީސް ޔާމީންގެ ފަސްއަހަރުގެ ދައުރުގެ ތެރޭގައި 50 ރިސޯޓު ހުޅުއްވުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، 2018 ވަނަ އަހަރުގެ މެދުތެރޭގައި އެ އަމާޒު ޙާޞިލްވާނެ ކަމަށްސަރުކާރުން ލަފާކުރައްވައެވެ. ރިސޯޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ހަލުވިވެ، އަންނަ އަހަރުތެރޭ ދިހަޔަކަށް ވުރެއް ގިނަ ރިސޯޓު ހުޅުވި ހިދުމަތްދޭން ފަށާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. 

ދިވެހިރާއްޖެ އަންނަނީ ފަތުރުވެރިކަން ތަރައްޤީކުރުމުގެ އައު ހަރުފަތްތައް ގިރާކުރަމުންނެވެ. ކޮންމެ އަހަރަކު މިލިޔަނަކަށްވުރެ ގިނަ ފަތުރުވެރިން މިހާރު ރާއްޖެއަށް ޒިޔާރަތްކުރެއެވެ. ސަރުކާރުގެ އަމާޒަކީ އަހަރަކު 7 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ. އަދި މިކަމަށް ބޭނުންވާ އެންމެހާ ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައް ބާރު ސްޕީޑްގައި ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.