ޚަބަރު

ޑައިމަންޑް ބެކް ބޯވަދިލަމަހުގެ ދިރާސާގެ ބޮޑުބައެއް ނިމިއްޖެ


ރާއްޖޭގެ ކަނޑުތަކުގައި އުޅޭ ބޯވަދިލަމަހުގެ ބާވަތެއްކަމަށްވާ ޑައިމަންޑް ބެކް ބޯވަދިލަމަހާ ގުޅޭގޮތުން ސަރުކާރުން ކުރައްވާ ދިރާސާގެ ބޮޑުބައެއް ފުރިހަމަކުރައްވައިފިއެވެ. 

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މެރިން ރިސާރޗް ސެންޓަރުން ކުރައްވާ މި ދިރާސާއަކީ، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރެއްވުމާ ގުޅޭގޮތުން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރައްވާ މުހިންމު ދިރާސާއެކެވެ. މި ދިރާސާގެ މަސައްކަތް ސަރުކާރުން ފެއްޓެވީ މިދިޔަ 2015 ވަނަ އަހަރުގެ މެދުތެރޭގައެވެ. ޖައިކާގެ އެހީގައި ހިންގަވާ މި ދިރާސާގައި މިހާތަނަށް ވަނީ މަޢުލޫމާތުގެ އެއްކުރެއްވުމުގެ ހަތަރު ދަތުރެއް ކުރައްވާފައެވެ. މިދަތުރުތަކުގައި ޖައިކާގެ ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޖައިކާގެ އެހީތެރިކަމާއެކު މުހިންމު އިކުއިޕްމަންޓް ބޭނުންކުރައްވައިގެން ތަޙްލީލީ މަޢުލޫމާތު އެއްކުރެއްވުމަކީވެސް މި ދިރާސާގެ މުހިންމު ބައެކެވެ. ރާއްޖޭގައި މިފަދަ ބޯވަދިލަމަސް ދިރިއުޅޭ މުހިންމު ސަރަޙައްދުތަކެއް މިހާރުވެސް މިދިރާސާގައި ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ކަނޑުތަކުގައި އުޅޭ ބޯވަދިލަމަހުގެ ބާވަތެއްކަމަށްވާ ޑައިމަންޑް ބެކް ބޯވަދިލަމަހާ ބެހޭގޮތުން ކުރައްވާ މި ދިރާސާއަކީ، ރާއްޖޭގައި ކުރެވޭ ދެމެހެއްޓެނިވި މަސްވެރިކަމުގެ އިތުރު ނަފާ ހޯދުމަށް މަގުފަހިކުރެއްވުމުގެ މަސައްކަތްތަކުގެ ތެރެއިން ކަމެއްކަމަށް މެރިން ރިސާރޗް ސެންޓަރގެ އެސިސްޓެންޓް ޑިރެކްޓަރ ޢަބްދުﷲ ޖައުފަރު ވިދާޅުވިއެވެ. 

"މިއީ ސަރުކާރުގެ މަސްވެރިކަމުގެ ވަޢުދުތަކުގެ ތެރެއިން އެއްވަޢުދު. ކަނޑުފަޅުގެ ފައިދާ އޭގެ ހެޔޮގޮތުގައި ހޯދުން. އެގޮތުްނ ފިޝަރީސް މާސްޓަރ ޕްލޭނެއް އެކުލަވާލެވި، ޖައިކާގެ ޓީމާއެކު ކުރެވޭ ދިރާސާތަކެއް މި، ބޮޑެތި ބޯވަދިލަމަސް ބޭނުމާ ބެހޭގޮތުން، މިދިޔަ އަހަރު މެދުތެރޭން ފެށިގެން އޭގެ ބިސް ހުރި ސައިޓްތައް ސާރވޭކުރެވުނީ މިއަހަރު މާރޗަ އާއި ހަމައަށް، ދެން އެހެންވީމަ މިހާރު މަސްވެރިކަން ފެށިގެން ދަނީ. އޭގެ ހައި ސީޒަންއެއްކަމަށް މި ބެލެވެނީ އަދި އަންނަ އަހަރު ފެބްރުއަރީ ހިސާބު. އޭރުގައިވެސް އޮންނާނެ ދަތުރެއް" ޖައުފަރު ވިދާޅުވިއެވެ. 

މެރިން ރިސާރޗް ސެންޓަރުން ވިދާޅުވީ މި ދިރާސާގެ އެންމެ މުހިންމު އަމާޒަކީ ޑައިމަންޑް ބެކް ބޯވަދިލަމަސް ދެމެހެއްޓެވިނި ގޮތެއްގައި ހިފައި އެކްސްޕޯޓްކޮށްގެން ޢާމްދަނީ ހޯދުމަށް މަގުފަހުކުރެއްވުން ކަމަށެވެ. މިއީ ޖަޕާނުފަދަ ބާޒާރުތަކަށް ވަރަށް އަގުބޮޑުކޮށް ވިކޭ ބާވަތެކެވެ. ބޯވަދިލަމަހަކީ ޖަޕާންގެ މަޝްހޫރު ކެއުމެއްކަމަށްވާ ސުޝީ އާއި ސަޝިމީ ހެދުމަށް އެންމެ ރަނގަޅު ބާވަތަށްވުމާއެކު އޭގެ އަގު ޖަޕާންގައި މިހާރު ހުރީ ކިލޯއެއް 30 ޑޮލަރަށެވެ. 

އާދައިގެ މަސްމަހާއި ޚިލާފަށް ބޯވަދިލަމަހަކީ ގިނަދުވަސް ވާވަރަކަށް މަހުގެ ކޮލެޓީ އިތުރުވާ މަހުގެ ބާވަތެއްކަމުން، އެހެން މަސްމަހަށްވުރެ ބޯވަދިލަމަހުން ލިބޭ ނަފާ އިތުރުވެގެންދާނެއެވެ.