ޚަބަރު

މިދިޔަމަހު މީރާއަށް 888 މިލިއަން ރުފިޔާގެ އާމްދަނީއެއް


މިދިޔަމަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާ މެދުވެރިކޮށް ދައުލަތަށް 888 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިވަޑައިގެންފިއެވެ. މިއާއެކު މިއަހަރުގެ އޮކްޓޯބަރުމަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޢާމްދަނީގެ އަދަދު ވަނީ 12.2 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، ނުވައެއް އިންސައްތަ އިތުރު އަދަދެކެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ޢާއްމުކުރައްވާފައިވާ މިއަހަރުގެ އޮކްޓޯބަރުމަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، އެމަހު ލިބުނު ޢާމްދަނީގެ އަދަދަކީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ލިބުނު ޢާމްދަނީގެ އަދަދާ އަޅާބަލާއިރު ތޭވީސް ޕޮއިންޓް ހަތެއް އިންސައްތަ އިތުރު އަދަދެކެވެ.

އޮކްޓޯބަރުމަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ޙިއްޞާކުރަނީ، މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް، ޖީއެސްޓީންއެވެ. އެއީ ޖުމްލަ ޢާމްދަނީގެ ފަސްދޮޅަސް އެކެއް ޕޮއިންޓް ހަތަރެއް އިންސައްތައެވެ. ޖީއެސްޓީގެ ގޮތުގައި ފައްސަތޭކަ ސާޅީސް ފަހެއް ޕޮއިންޓް ދޭއް މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މީރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން، އޮކްޓޯބަރުމަހު ތިރީސް ހަތަރެއް ޕޮއިންޓް ފަހެއް މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ، މިދިޔަ އޮކްޓޯބަރުމަހު ލިބިފައިވާ 28 މިލިއަން ޑޮލަރާ އަޅާބަލާއިރު 22 އިންސައްތަ އިތުރު އަދަދެކެވެ.