ތިމާވެށި

ކޮޕް 22 - މާލީ އެހީ އަވަސްކުރަންޖެހޭ


މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ފައިސާގެ އެހީ، އަވަހަށް ލިބޭނެގޮތް ހައްދަވައިދެއްވުމަށް އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ގޮވާލައްވައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓަރ މިކަމަށް ގޮވާލެއްވީ، މަޣްރިބްގެ މުރާކިޝްގައި ކުރިއަށްދާ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ "ކޮޕް 22" ގައި ވާހަކަފުޅު ދައްކަވަމުންނެވެ. މޫސުމަށް އަންނަ ބަދަލުތަކާބެހޭ އދ.ގެ މިއަހަރުގެ ސަމިޓްގެ އިސްވެރިންގެ ބައްދަލުވުމުގައި، އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސްގެ ޗެއާރގެ ހައިސިއްޔަތުން ވާހަކަފުޅުއްދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވަނީ، ދުނިޔޭގެ ފިނިހޫނުމިން ސިނާއީ އިންޤިލާބު ފެށުނު ދުވަސްވަރަށްވުރެ 1.5 ދަރަޖަ މައްޗަށް ދިޔަ ނުދިނުމުގެ މުޙިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. 

ފިނިހޫނު މިން 1.5 ދަރަޖައަށްވުރެ މައްޗަށް ހިނގައްޖެނަމަ، ކުދި ޖަޒީރާ ޤައުމުތަކުގެ ދެމިއޮތުމަށް ނުރައްކާވާނެކަން ފާހަގަކުރައްވާ، މިދިޔަ އަހަރު ވެފައިވާ ޕެރިސް އެއްބަސްވުމުގައިވާގޮތަށް އެކަން ކާމިޔާބުކުރުމަށް ހުރިހާ ޤައުމުތަކުންވެސް މަސައްކަތްކުރެއްވުމަށް މިނިސްޓަރ ގޮވާލެއްވިއެވެ. އަދި މިމަސައްކަތަށް ޢަމަލީ ސިފަ ގެނައުން ލަސްވާ ކޮންމެ ވަގުތަކީ ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ނާޒުކުކަމަށް އިތުރުވާ އަދި މިފަދަ ޤައުމުތަކަށް ފުރުސަތު ހަނިވަމުންދާ ވަގުތުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި މިމަސައްކަތަށް ލިބެންޖެހޭ ފައިސާ އަދި އެހީގެ ކަންތައް ހަމަޖެއްސުމަށާއި، އެކަން ކާމިޔާބުކުރެވޭނީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުން 2020ގެ ކުރިން އަހަރަކު ދޭން އެއްބަސްވެފައިވާ 100 ބިލިއަން ޑޮލަރު ފަސޭހަކަމާއެކު ލިބޭނެގޮތް ހައްދަވައިދެއްވުމަށް ގޮވާލެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، މިފައިސާއަކީ އަބަދު ދެމުން އަންނަ އެހީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތައް ކުޑަކުރުމަށް އަލަށް ދެވޭ ފައިސާއަށް ވާންޖެހޭނެ ކަމަށެވެ.

މީގެ އިތުރަށް ފަރަންސޭސިވިލާތުގައި ވި އެއްބަސްވުން މިހާއަވަހަށް ތަސްދީޤުވުމުގައި ބައިނަލްއަޤްވާމީ ދުނިޔެއިން ދެއްކި ނަމޫނާއަށް މިނިސްޓަރ ތާރިޤް ޝުކުރުއަދާކުރެއްވިއެވެ. އަދި އެފަދަ އެއްބައިވަންތަކަމެއް ދެއްކިއްޖެނަމަ ޕެރިސް އެގްރިމެންޓްގައިވާ ކަންތައް ކާމިޔާބުކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމުގައި އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވިއެވެ. މަޣްރިބްގެ މުރާކިޝްގައި ކުރިއަށްދާ ކޮޕް 22 ބައްދަލުވުމުގައި މެމްބަރު ޤައުމުތަކުގެ މެދުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ މުހިއްމު ކަންތައްތަކުގެ ތެރޭގައި، ޕެރިސް އެގްރީމެންޓް އިތުރަށް ބާރުވެރިކުރުވާ، މި އެއްބަސްވުމުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމުގައި އެއް ޤައުމު އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.