ޓުއަރިޒަމް

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވާން ރިސޯޓެއް ތަރައްޤީކުރަނީ


ރާއްޖޭގައި އިސްލާމިކް ކޮންސެޕްޓްގެ ޓޫރިސްޓު ރިސޯޓެއް ތަރައްޤީކޮށް، ޙާލުގައި ދިރިއުޅޭ ދިވެހިންނަށް، އެ ރިސޯޓަށް ލިބޭ ފައިދާއިން އެހީތެރިކަން ފޯރުކޮށްދެއްވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދު ﷲ ޖިހާދު އިޢުލާންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ "މޯލްޑިވްސް އިސްލާމިކް ބޭންކިން އެންޑް ފައިނޭންސް އިންޑަސްޓްރީ ކޮންފަރެންސް"ގެ ނަމުގައި ރާއްޖޭގައި ބާއްވާ ތިންވަނަ އިސްލާމިކް ބޭންކިންގ އަދި ފިނޭންސާބެހޭ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

"އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް އިންޑަސްޓްރީ އިން މޯލްޑިވްސް "ގެ ނަމުގައި ދެދުވަހުގެ މުއްދަތަށް ބަންޑޮސް އައިލެންޑް ރިސޯޓުގައި ބާއްވާ ކޮންފަރެންސްއަކީ މާލީ ދާއިރާގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތައް އެއްތަނަކަށް އެއްވެ، ބައިނަލްއަޤްވާމީ ފަރާތްތަކާއެކު މަޝްވަރާކޮށް، އިސްލާމިކް ބޭންކިންއާއި ފައިނޭންސް އިންޑަސްޓްރީއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލެއް ހޯދުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި ބާއްވާ ކޮންފަރެންސްއެކެވެ.

img:http://s1.psmnews.mv/images/660x400/14793710077571.jpg|މޯލްޑިވްސް އިސްލާމިކް ބޭންކިން އެންޑް ފައިނޭންސް އިންޑަސްޓްރީ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ތިންވަނަ "މޯލްޑިވްސް އިސްލާމިކް ބޭންކިން އެންޑް ފައިނޭންސް އިންޑަސްޓްރީ ކޮންފަރެންސް" ޝަރަފްވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާ ނާއިބު ޢަބްދު ﷲ ޖިހާދު ވިދާޅުވީ، ރާއްޖޭގައި އިސްލާމިކް ކޮންސެޕްޓްގެ ޓޫރިސްޓު ރިސޯޓެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ، މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފިނޭންސްގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. އަދި މިހާރު މި ރިސޯޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަށް ކަނޑައަޅުއްވާފައިވާ ކަމަށްވެސް ނާއިބް ރައީސް ވިދާޅުވިއެވެ. މި ރިސޯޓުން ލިބޭ ފައިދާއިން ރާއްޖެއިން ފަޤީރުކަން ނައްތާލުމަށްޓަކައި ހޭދަކުރެއްވުމަށް ހަމަޖެހިފައިވާކަމުގައި ނާއިބް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުހާމަކުރެއްވި ގޮތުގައި ހުޅުމާލޭގައި ޤާއިމްކުރެއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ފައިނޭންސް ސެންޓަރގެ ތަރައްޤީކުރެއްވުމުގެ ކަންތައްތައް ބެލެހެއްޓުމުގެ މަސައްކަތްވެސް މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފިނޭންސާ ޙަވާލުކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

ޝްރީލަންކާގެ ޔޫ.ޓީ.އޯ.އީ.ޑީ.ޔޫ ކޮންސަލްޓްއާ މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފިނޭންސާގުޅިގެން ބާއްވާ މި ކޮންފަރެންސްގައި ރާއްޖޭގައި މާލީ ދާއިރާގައި ޙަރަކާތްތެރިވާ ގިނަ ފަރާތްތަކުން ބައިވެރިވެއެވެ.