ތަރައްްޤީ

ބޮޑުތަކުރުފާނުމަގުގައި ތާރުއެޅި ސަރަހައްދު ހުޅުވާލައިފި


އިންޑަސްޓްރިއަލް ވިލެޖާ ގުޅިގެން ބޮޑުތަކުރުފާނު މަގަށް އޮންނަ ބައިގައި ތާރު އެޅުއްވުމަށްފަހު، އެ މަގު އާންމުކޮށް ހުޅުއްވާލައްވައިފިއެވެ.

އޮކްޓޯބަރ މަހުގެ 14 ވަނަ ދުވަހު ފަށްޓަވާފައިވާ މި މަސައްކަތް ނިންމުމަށްފަހު އާންމުންނަށް އެ މަގު ބޭނުންކުރެވޭގޮތަށް ހުޅުއްވާލެއްވީ، މިއަދު ހެނދުނު ހަޔަކުން ފެށިގެންނެވެ. ތާރު އަޅާފައިވަނީ މޭރީ ބްރައުން ރެސްޓޯރެންޓުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖްގެ ވޭސްޓް ޔާޑާއި ހިސާބަށެވެ. މިއީ މާލޭގެ މަގެއްގައި ތާރުއަޅައިގެން މިފެންވަރަށް ހެއްދެވި ފުރަތަމަ ފަހަރެވެ. މާލޭގެ މަގުތަށް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރެއްވުމުގެ ބޮޑު މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނު މަގުގައި ތާރުއެޅުއްވުމުގެ ޕްލޭނެއް ސަރުކާރުން ގެންގުޅުއްވައެވެ.

tw:https://twitter.com/MMuizzu/status/799075428728066048

އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތް ޑިސެމްބަރު މަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީންވަނީ ވިދާޅުވެފައެވެ. އިންޑަސްޓްރިއަލް ވިލެޖްގައި އިމާރާތްކުރަން ނިންމަވާފައިވާ މަލްޓި ސްޓޯރީ ބިލްޑިންގ އެޅުމަށް ވަރަށް އަވަހަށް ބިޑަށް ހުޅުއްވާލައްވާނެ ކަމަށާއި، މިހާރު ކުރިއަށްދަނީ އުސޫލްތައް އެކުލަވާލުމުގެ މަސައްކަތް ކަމަށްވެސް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.

އިންޑަސްޓްރިއަލް ވިލެޖަކީ، މާލެތެރޭގައި ހުރި ގަރާޖް ތަކާ ވާރކްޝޮޕްތަކާއި ކެމިކަލް ގުދަންތައް ބަދަލުކުރެއްވުމަށް 6.9 ހެކްޓަރުގެ ބިން ހިއްކަވައިގެން ސަރުކާރުން ތަރައްޤީ ކުރައްވާ ތަނެކެވެ. މިތަނުގައި މާލޭގެ ކުނި މެނޭޖް ކުރުމަށް ވޭސްޓް ޔާރޑެއް ހެއްދެވުމަށްވެސް ވަނީ ބޮޑު ސަރަހައްދެއް ކަނޑައަޅުއްވާފައެވެ.