ތަރައްްޤީ

ލ. ބަރެސްދޫގެ މަގު ހެދުމުގެ މަސައްކަތް ހެވީފޯސްއާ ޙަވާލުކޮށްފި


ލ. ބަރެސްދޫގެ މަގު ހެދުމަށް އެމްއެމްޕިއާރްސީން 3.9 މިލިއަން ރުފިޔާއަށް ހެވީފޯސްއާ ޙަވާލުކޮށްފިއެވެ.

ކުރިން އެމްއެމްޕީއާރްސީއާ ޙަވާލުކުރައްވައިގެން ތަރައްޤީ ކުރެއްވުމަށް ނިންމަވާފައިވާ އެރަށް މިހާރު ތަރައްޤީ ކުރެއްވުމަށް ނިންމަވާފައިވަނީ، އެކަމަށްޓަކައި ސަރުކާރުން އުފައްދަވާފައިވާ ކުންފުނި، މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެމް.އައި.ޓީ.ޑީ.ސީ އާއި ޙަވާލުކުރައްވައިގެން ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. ބަރެސްދޫ މަގު ހެދުމުގެ މަޝްރޫއު ހެވީފޯސްއާ ޙަވާލުކުރުމަށް އެމްއެމްޕީއާރްސީގައި ބޭއްވި ރަސްމިއްޔާތުގައި، އެމްއެމްޕިއާރްސީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުހައްމަދު ވިދާޅުވީ، މިއަދު މިވެވުނު އެއްބަސްވުމުގެ ދަށުން، 3 މަސް ދުވަހުގެ ތެރޭގައި ބަރެސްދޫގެ މަގު ހެދުމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ބަރެސްދޫ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ސަރުކާރުން މިހާރު އުފައްދަވާފައިވާ ކުންފުނި އެމްއައިޓީސީއާ ޙަވާލުކުރުމުގެ މަސައްކަތް 2 ހަފްތާ ތެރޭގައި ނިމޭނެ ކަމަށް ހާރިސް ވިދާޅުވިއެވެ. 2018 ވަނަ އަހަރު ބަރެސްދޫ، އިންޓަރގްރޭޓެޑް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކޮށް ނިންމުމަށްވަނީ އަމާޒުކޮށްފައެވެ. ބަރެސްދޫ އިންޓަރގްރޭޓެޑް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ނިންމާފައިވަނީ 2015 ވަނަ އަހަރުއެވެ. އިންޓަރގްރޭޓެޑް ރިޒޯޓް ކޮންސެޕްޓަކީ، ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ފަތުވެރިކަމުގެ ސިނާއަތުގައި ސީދާގޮތުން ބައިވެރިވުމަށް މިހާރަށްވުރެ ބޮޑަށް މަގުފަހިކޮށްދީ، މެދު ފަންތީގެ ފަތުރުވެރިކަން ތައާރަފް ކުރުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.