ޚަބަރު

ޕީޕީއެމަށް މުޅިން އައު 5،000 މެމްބަރުން ވަނީ ގުޅިފައި - ޕީޕީއެމް


ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ޕީޕީއެމް ހިންގެވުމާ ޙަވާލުވެވަޑައިގެން ފަހުން 5،000 އަށް ވުރެ ގިނަ މެންބަރުން އެޕާޓީއާ މުޅިން އަލަށް ގުޅިފައިވާކަމަށް ޕީޕީއެމްގެ ސެކެއްޓަރީ ޖެނެރަލް ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޕީޕީއެމާ އަލަށް ގުޅުނު މެންބަރުންގެ ފޯމްތަކާ ޙަވާލުވެވަޑައިގަތުމަށްފަހު ވާހަކަދައްކަވަމުން ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، ރައީސް ޔާމީން ޕީޕީއެމް ހިންގެވުމާ ޙަވާލުވެވަޑައިގެން މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ޕާޓީގެ ޙަރަކާތްތައް އެތައް ގުނައެއް އިތުރު ކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން ދުވާލަކު މަދުވެގެން 200 މެންބަރުން މުޅިން އަލަށް އެޕާޓީއާ ގުޅެމުން އަންނަ ކަމަށެވެ. މިއީ ޕީޕީއެމަށް ލިބޭ ބޮޑު ކާމިޔާބީއަކާއި ކުރިއެރުމެއްކަން ސިފަކުރައްވަމުން، ޕީޕީއެމްގެ މެންބަރުންގެ ޢަދަދު ސަތޭކަހާހަށްވުރެ މަތިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ޢަމާޒަށް މާ ގިނަދުވަހެއް ނުވެ ވާޞިލް ވެވޭނެ ކަމަށް ޚަލީލް ވިދާޅުވިއެވެ.

ޕީޕީއެމުން ގެންދަނީ އެޕާޓީގެ 5 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި އަތޮޅުތެރޭގެ ރަށްރަށުގައި، އެޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ޖަލްސާތައް ބާއްވަމުންނެވެ. އެގޮތުން އެންމެ ފުރަތަމަ އަހަރީ ޖަލްސާ މާލޭގައި ބޭއްވުމަށްފަހު، ރ. ދުވާފަރުގައި މިދިޔަ ހަފްތާގައި ވަނީ ޖަލްސާއެއް ބާއްވާފައެވެ.