ރިޕޯޓް

ޖީއެމްއާރު މައްސަލަ: ރައްޔިތުންނަށް ތަކުލީފެއް ނެތް ޙައްލެއް


މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު، އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ކުއްޔަށް ދެއްވުމަށް 2010 ވަނަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު، ވެވިފައިވާ އެއްބަސްވުން ރޫޅާލައްވަން ދިވެހި ސަރުކާރުން ނިންމެވީ 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

އެއާއެކު ޖީއެމްއާރަށް ލިބުނުކަމަށްބުނާ ގެއްލުމުގެ ބަދަލުގައި ދިވެހި ރައްޔިތުންނާއި، ޤައުމަށް ތަޙައްމަލު ނުކުރެވޭވަރުގެ ބޮޑު އަގެއް ދައްކަންޖެހޭނެ ކަމަށްބުނެ، އިދިކޮޅު ސިޔާސީ ފަރާތްތަކުން ދިޔައީ ސަރުކާރަށް ބަހުގެ ޙަމަލާތައް އަމާޒު ކުރަމުންނެވެ. މިއީ ރައީސް ޔާމީންގެ ސަރުކާރަށްވެސް އަމާޒުވެގެންދިޔަ ބަހުގެ ޙަމަލާތަކެކެވެ.

އެހެންނަމަވެސް ރައްޔިތުންނަށް މާބޮޑު ބުރައެއް ނެތި، މިސަރުކާރުން މިވަނީ މިމައްސަލަ ޙައްލުކޮށް ޖީއެމްއާރަށް ދައްކަށްޖެހުނު ފައިސާ ދައްކައި ޚަލާޞްކުރައްވާފައެވެ.

މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު، ކުއްޔަށް ދެއްވުމަށް 2010 ޖޫން 28 ވަނަ ދުވަހު، ޖީ.އެމް.އާރ،އެމް.އޭ.އެޗް.ބީ ކޮންސޯޓިއަމްއާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި، ދިވެހި ސަރުކާރުގެ މެދުގައި ވެވިފައިވާ އެއްބަސްވުން ރޫޅާލެއްވުމަށް ސަރުކާރުން ނިންމެވި ނިންމެވުން ބިނާވެފައިވަނީ، 9 މަހެއްހާ ދުވަހު ވަޒީރުންގެ ފެންވަރު ކޮމިޓީއަކުން ކުރައްވާފައިވާ މަސައްކަތްތަކުގެ މައްޗަށެވެ. މި މައްސަލާގައި ކުރެވުނު މަޝްވަރާތަކަށްފަހު އެޓާރނީ ޖެނެރަލްގެ އޮފީހުން އޭރު ހުށަހަޅާފައިވާ ކަރުދާހުގައި ފަންނީ، މާލީ އަދި އިޤްތިޞާދީ މައްސަލަތަކާއި، މަޢުލޫމާތު ހިމެނިފައިވެއެވެ. މި އެއްބަސްވުމާ ބެހޭގޮތުން، އެޓަރނީ ޖެނެރަލްގެ ޤާނޫނީ ލަފާގެ އިތުރުން އިނގިރޭސިވިލާތް އަދި ސިންގަޕޯރގެ ޤާނޫނީ ވަކީލުންގެ ލަފާ ސަރުކާރުން ހޯއްދަވާފައިވެއެވެ.

މިފަދަ އެތައްކަމަކަށް ރިޢާޔަތްކުރައްވައި ސަރުކާރުން ނިންމެވީ މި އެއްބަސްވުމަކީ ބޮޑެތި މައްސަލަތަކެއް ހުރި، ޤާނޫނީގޮތުން ޞައްޙަ ނޫން، އަދި އިތުރަށް ކުރިއަށް ގެންދެވެންނެތް އެއްބަސްވުމަކަށް ވުމާއެކު މި އެއްބަސްވުން ނިމުމަކަށް ގެނަންޖެހޭ ކަމަށެވެ. ސަބަބަކީ މީގެ ސަބަބުން ދިވެހި ރައްޔިތުންނަށާއި، ޤައުމުގެ އިޤްތިޞާދަށް ފޫނުބެދޭވަރުގެ ގެއްލުންތަކެއް ވަމުންދިއުމެވެ.

މި އެއްބަސްވުން އުވާލެއްވީ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަންގެ ސަރުކާރުން ކަމަށްވީނަމަވެސް، މި މަސައްކަތުގައި އޭރު ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު، މިހާރުގެ ރައީސްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އެމަނިކުފާނުގެ ޕާޓީ ޕީޕީއެމުންވެސް ވަނީ މިކަމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ރައީސް ޔާމީން 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށްފަހުވެސް ވަނީ މި މައްސަލަ ޙައްލުކުރެއްވުމަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ.

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓަށް 50 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަހަރުގެ މެއިމަހުގެ 6 ވަނަދުވަހު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ ސަރުކާރުން އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދެއްވި ދެއްވުމަކީ އިޤްތިޞާދީ ގޮތުން ހިންގެވި ބޮޑު ޖަރީމާއެއް ކަމަށެވެ. ރައީސް ވިދާޅުވީ އެއަރޕޯޓް ޖީއެމްއާރަށް ކުއްޔަށް ދެއްވިތާ އެއް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށް ލިބިވަޑައިގަތީ އެންމެ 16 މިލިއަން ރުފިޔާ ކަމަށާއި، އެއީ އެންމެ އާދައިގެ ވިޔަފާރިއަކުންވެސް އަހަރު ދުވަހުގެ ތެރޭގައި ލިބޭނެ މިންވަރެއް ކަމަށެވެ.

އެއަރޕޯޓު ޖީއެމްއާރާ ޙަވާލުކުރެއްވުމުގެ ކުރިން ހަމައެކަނި 2000 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރަށް ބަލާއިރު ކޮންމެ އަހަރަކު އެވްރެޖްކޮށް 1.8 ބިލިއަން ރުފިޔާ ލިބޭކަމަށް ހިސާބުތަކުން ދައްކައެވެ. ޖީއެމްއާރާއި އެއަރޕޯޓު ޙަވާލުކުރެއްވުމުގެ ކުރިން އެއަރޕޯޓު ހިންގި ކުންފުންޏަށް މިވަރުގެ ޢާމްދަނީއަށް ލިބިފައިވާއިރު، ޖީއެމްއާރު އެއްބަސްވުން އުވާލެއްވުމަށްފަހުވެސް ގާތްގަނޑަކަށް މިހާވަރުގެ ޢާމްދަނީއެއް އެއަރޕޯޓުން ވަނީ ލިބިފައެވެ. އެއްބަސްވުން އުވާލެއްވުމާއެކު ޖީއެމްއާރުގެ އާބިޓްރޭޝަން މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަން ޓްރައިބިއުނަލުގައި ކުރިއަށްދިޔައިރު، ސަރުކާރުންވަނީ ދައުލަތަށް އެންމެ ގެއްލުންކުޑަ ގޮތަކަށް މި މައްސަލަ ނިންމުމަށްޓަކައި ކުރައްވަންޖެހޭ ގިނަ މަސައްކަތްތަކެއް ކުރައްވައި، ދުރާލާ ތައްޔާރުވެވަޑައިގެންފައެވެ. އަދި ޖީއެމްއާރުން އެއަރޕޯޓް ހިންގި ދުވަސްވަރު ކޮންމެވެސް ވަރެއްގެ މަރާމާތުގެ މަސައްކަތްތަކެއް އެތަނުގައި ކޮށްފައިވާތީ، އެއްބަސްވުން އުވާލެއްވުމުން ކޮންމެވެސް ވަރެއްގެ ބަދަލެއް ދޭންޖެހޭނެ ކަމަށް މި ސަރުކާރުންވަނީ ކުރިންވެސް ލަފާކުރައްވާފައެވެ. އަދި އެންމެފަހުން މި މައްސަލާގައި ދައުލަތުން ދައްކަންޖެހިވަޑައިގެންނެވި ޢަދަދަކީ އިދިކޮޅު ފަރާތްތަކުގެ އަންދާޒާތަކާ ޚިލާފަށް، ސަރުކާރުން އަންދާޒާކުރެއްވި ވަރާ ވަރަށް ގާތްކުރާ ޢަދަދެއްކަން ފާހަގަކޮށްލެވެއެވެ.

މިކަމަށް ދުރާލައި ސަރުކާރުން ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާކަން ރައީސް ޔާމީންވަނީ 2014 ވަނަ އަހަރު ވިދާޅުވެފައިވެއެވެ. ސިންގަޕޫރުގައި ބޭއްވެވި ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމުގައި ބައިވެރިވެވަޑައިގަތުމަށްފަހު މާލެ ވަޑައިގެން 2014 ވަނަ އަހަރުގެ އެޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ އެއަރޕޯޓުގައި ނޫސްވެރިންނަށް މަޢުލުމާތު ދެއްވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ ޖީއެމްއާރުން ރާއްޖޭގެ އެއަރޕޯޓުގައި ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. އެހެންކަމުން އެކަމަށް ކޮންމެވެސް ވަރެއްގެ އަގެއް ދޭންޖެހޭނެ ކަމަށާއި، އެއީ 300 މިލިއަން ޑޮލަރަށްވުރެ ދަށް ޢަދަދަކަށް ވާނެކަމަށް އަންދާޒާ ކުރައްވާ ކަމަށެވެ.

ޖީއެމްއާރު މައްސަލަ މުޅިން ނިމި، ބަދަލުގެ ގޮތުގައި ދިވެހި ދައުލަތުން ދައްކަންޖެހޭ ޢަދަދު ކަނޑައެޅިގެންދިޔައީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. ދިވެހި ދައުލަތުން ޖުމުލަ ދައްކަންޖެހުނު 271 މިލިއަން ޑޮލަރު، އެމްއޭސީއެލްއިން ދައްކައި ޚަލާޞްކުރީ މިދިޔަ އަންގާރަ ދުވަހުއެވެ. ޖީއެމްއާރު މައްސަލައަކީ ރާއްޖޭގެ ތާރިޚުގައިވެސް ބޭރުގެ އިންވެސްޓަރަކާއި، ދިވެހި ދައުލަތާ ދެމެދު ހިނގައިދިޔަ މިފަދަ އެންމެބޮޑު އެއް މައްސަލައެވެ. މި މައްސަލަ ޙައްލުކުރުމުގައި ރައީސް ޔާމީންގެ ސަރުކާރުން ޢަމަލުކުރިގޮތަށް ބަލާއިރު، ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި މިވަނީ ރައްޔިތުންނަށް އެއްވެސް ތަކުލީފެއް ކުރިމަތި ނުކުރައްވައި މުޅި މައްސަލަ ނިންމަވާފައެވެ.