ޚަބަރު

ޔުވެންޓާސުން ސެލްޓަ ވީގޯ ބަލިކޮށް ލީގުގެ އެއްވަނައަށް


  • މިމެޗު ޔުވެންޓަސް ކާމިޔާބު ކުރީ 2 ލަނޑު އެއް ލަނޑުން

ޔުއޭފާ ޔޫރޮޕާ ލީގުގައި އިޓާލިއަން ސެރީއާގެ ޔުވެންޓަސް އާއި ސްޕެނިޝް ލަލީގާގެ ސެންޓަ ވީގޯ ބައްދަލުކުރި މެޗު ޔުވެންޓަސްއިން ކާމިޔާބު ކޮށް ތާވަލްގެ އެއްވަނައަށް އަރައިފިއެވެ.

ސެލްޓަ ވީގޯގެ އެސްޓާޑިއޯ އަބަންސާ ބަލައިޑޯސްގައި ކުޅުނު މިމެޗު ޔުވެންޓަސްއިން ކާމިޔާބު ކޮށްފައިވަނީ 2 ލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުވެންޓަސްއިންނެވެ. ނަމަވެސް މިއާއެކުވެސް މިމެޗުގެ ފެށުން ރަނގަޅުވީ ސެލްޓަ ވީގޯގެއެވެ. މިގޮތުން މެޗުގެ 18 ވަނަ މިނެޓްގައި ސެލްޓާއިންވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހޫގޯ އަލްވަރޭޒްއެވެ. މިމެޗުގެ ފުރަތަމަ ހާފްގައި ލަނޑު ޖަހާނެ އިތުރު ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔަ ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ހިފޭގޮތެއް ނުވިއެވެ.

މިމެޗުގައި ޔޫވޭއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 58 ވަނަ މިނެޓްގައި ނިކް ވޯލްޓެމާޑަރ ޖަހައިދިން ލަނޑުންނެވެ. އަދި މިމެޗުން ޔޫވޭ މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ 2 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ ރަންޑަލް ކޯލޯ މުއާނީއެވެ. މިކާމިޔާބީއާއެކު ޔުވެންޓަސް އިން މިވަނީ މިފަހަރުގެ ޔޫރޮޕާ ލީގުގައި މިހާތަނަށް ކުޅުނު 2 މެޗު ކާމިޔާބު ކޮށް ލީގު ތާވަލްގެ އެއްވަނައަށް އަރާފައެވެ. އެއީ ޖަހާފައިވާ ގޯލަށް ބަލާއިރު ކުރި ލިބޭތީއެވެ. މި ލީގުގައި ފުރަތަމަ 2 ބުރުގެ ކުޅުން ނިމުނުއިރު 10 ޓީމަކުންވަނީ ފުރަތަމަ ދެ މެޗު ކާމިޔާބު ކޮށްފައެވެ.

މިމުބާރާތުގައި އިޓާލިއަން ސެރީއާގެ އޭސީ މިލާންއާއި އޮސްޓްރިއަން ބުންޑެސްލީގާގެ އާރްބީ ސާލްޒްބަރގް ބައްދަލުކުރި މެޗު ރަށުން ބޭރުގައި 4 ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށް މިފަހަރުގެ މުބާރާތުގައި މިލާން މިވަނީ ފުރަތަމަ ކާމިޔާބީ ހާސިލް ކޮށްފައެވެ. ސާލްޒްބަރގްގެ ރެޑް ބުލް އެރީނާގައި ކުޅުނު މިމެޗުގައި މިލާންގެ އަލްފާޑޯ ސީސޭވަނީ ހެޓްރިކެއް ހަދާފައެވެ. އަދި އެޓީމުގެ ފަހު ލަނޑު ކާމިޔާބު ކޮށްފައިވަނީ ބަދަލު ކުޅުންތެރިޔާ ގޮންކާލޯ ރާމޯސްއެވެ. މިމެޗުގެ ފަހު ކޮޅު މިލާންގެ ފިލީޕޯ ޓެރަޗިއާނޯއަށް ރަތް ކާޑެއްވެސް ވަނީ ދައްކާފައެވެ.

މިމުބާރާތުގައި ކުޅުނު އެހެން ބައެއް މެޗުތަކަށް ބަލާލާއިރު ބަޔަރ ލެވަރކޫސެން އާއި ލެޗް ޕޮޒްނަން ބައްދަލުކުރި މެޗު ރަށުން ބޭރުގައި 4 ލަނޑު ސުން ލަނޑުން ލެވަކޫސެން ކާމިޔާބު ކުރިއިރު ސްޕާޓާ ޕްރާގްއާއި ލިލްސްޓްރޮމް ބައްދަލުކުރި މެޗު އެއް ލަނޑު އެއް ލަނޑުންވީ އެއްވަރެވެ. އަދި ފްރެންސްވަރޯސްއާއި ޕްލުޒެން ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި 2 ލަނޑު އެއް ލަނޑުން ފެރެންސްވަރޯސް ކާމިޔާބު ކުރިއިރު ރެން އާއި އޯއެފްއައި ކްރެޓޭ ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި 2 ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ރެންއެވެ.