ތަރައްްޤީ

ފުވައްމުލައް ސިޓީގެ ތަރައްޤީއަށް 84 މިލިއަން ރުފިޔާގެ ބަޖެޓެއް


ތަރައްޤީގެ ގޮތުން ބަލާއިރުވެސް ފުވައްމުލައް ސިޓީއަކީ ރާއްޖޭގެ އެންމެ ތަރައްޤީ ރަށްތަކުގެ ތެރޭގައި ހިމެނޭ އަދި މިހާރުވެސް ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންދަވާ ރަށެކެވެ. ރަށުގެ މަގުތައް ތާރުއަޅައިގެން ރަނގަޅު ފެންވަރަކަށް ހައްދަވަން ފަށްޓަވާފައިވާއިރު ރާއްޖޭގެ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް އެންމެ ރަނގަޅު ފެންވަރުގައި ޤާއިމްކުރެވޭ އެއްރަށަކީވެސް ފުވައްމުލައް ސިޓީއެވެ.

އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓުގައި ފުވައްމުލައް ސިޓީގައި އަލަށް ފަށްޓަވާ 3 މަޝްރޫޢާއެކު 14 މަޝްރޫޢު ކުރިއަށްގެންދެވުމަށް ބަޖެޓް ކުރައްވާފައިވެއެވެ. އަންނަ އަހަރަށް ލަފަކުރައްވާ ދައުލަތުގެ ބަޖެޓުގައި، 84 މިލިއަން ރުފިޔާ ފުވައްމުލައް ސިޓީގެ ތަރައްޤީގެ މަޝްރޫޢުތަކަށް ކަނޑައަޅުއްވާފައިވެއެވެ. ބަޖެޓްކުރައްވާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި، ފުވައްމުލައް ސިޓީގެ  ފެނާއި ނަރުދަމާގެ މަޝްރޫޢާއި، މަގުތައް ރަނގަޅު ފެންވަރަކަށް ހެއްދެވުމުގެ މަޝްރޫޢާއި، ސްޕޯޓްސް އެރީނާ ޤާއިމްކުރެއްވުމާއި، ގޮނޑުދޮށް ޙިމާޔަތްކުރެއްވުމުގެ މަޝްރޫއު ހިމެނެއެވެ.

img:http://s2.psmnews.mv/images/660x400/14639035403712.jpg|ފުވައްމުލައް - ފައިލް ފޮޓޯ: ޕީއެސްއެމް ނިއުސް

ސަރުކާރުގެ ފާއިތުވި 3 އަހަރުގެ ތެރޭގައި ފުވައްމުލައް ސިޓީގައި 19 މަޝްރޫޢު ކުރިއަށްގެންދަވާފައިވެއެވެ. މީގެތެރޭގައި ހިމެނެނީ، ސްކޫލްތައް ތަރައްޤީ ކުރެއްވުމުގެ 2 މަޝްރޫޢާއި، ސިއްޙީ ޚިދުމަތްދޭ ތަންތަން ތަރައްޤީ ކުރެއްވުމުގެ 2 މަޝްރޫއާއި، މަގު ހެއްދެވުމުގެ 2 މަޝްރޫޢާއި، ގޮނޑުދޮށް ޙިމާޔަތްކުރެއްވުމުގެ 2 މަޝްރޫޢެވެ. ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދެއްވައި ސިޓީއެއްގެ ފެންވަރަށް އެތަން ތަރައްޤީ ކުރެއްވުމުގެ މަސައްކަތް މިހާރު ވަނީ ފަށްޓަވާފައެވެ.

މި ސަރުކާރުގެ 3 އަހަރުގެ ތެރޭގައި ފުވައްމުލައް ސިޓީގައި 19 މަޝްރޫއެއް ހިންގަވާފައިވެއެވެ.