މުނިފޫހިފިލުވުން

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްއަށް "ހަބޭސް"!


ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްގައި ޕާރފޯމް ކުރުމަށް މަޝްހޫރު ބޮޑުބެރު ގްރޫޕް "ހަބޭސް" ސްރީލަންކާއަށް ހިނގައްޖެއެވެ. 

ސައުތު އޭޝިއަން ޓްރެވަލް އެވޯރޑްސް ދިނުމަށް މާދަމާރޭ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުގައި ދިވެހި ބޮޑުބެރުގެ އިތުރުން ދިވެހި ސަޤާފީ އައިޓަމްތައް ވެސް ހުށަހަޅައިދޭނެކަމަށް ހަބޭސް ބޮޑުބެރު ގްރޫޕުން ބުނެއެވެ. ހަބޭސްގެ މެނޭޖަރ އަލީ ޝިފާއު ބުނީ މާދަމާރޭ އޮންނަ ރަސްމިއްޔާތުގެ އިތުރުން މިމަހުގެ 16 ވަނަ ދުވަހުގެ ރޭވެސް ސްރީލަންކާގައި ޝޯވއެއް ދިނުމަށް ހަމަޖެހިފައިވާކަމަށާއި އަދި ލަންކާގައި ދިރިއުޅޭ ދިވެހިންގެ އެދުމުގެ މަތިން އެޤައުމުގައި އިތުރު ޝޯވއެއް ދިނުމަށް ވެސް މަސައްކަތް ކުރަމުންދާކަމަށެވެ. 

ހަބޭސް ބޮޑުބެރު ގްރޫޕުން ވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހު މިސްރުގެ ވެރިރަށް ޤާޙިރާގައި ބޭއްވި ބައިނަލްއަޤްވާމީ ފެސްޓިވަލެއްކަމުގައިވާ "އިންޓަނޭޝަނަލް ސަމާ ފެސްޓިވަލް ފޮރ ސްޕިރިޗުއަލް މިއުޒިކް އެންޑް ޗާންޓިން" ގައިވެސް ބައިވެރިވެ ހުށައެޅުންތައް ހުށައަޅައިދީފައެވެ.