ކުޅިވަރު

ފުރަތަމަ ގޯލު މިޖެހުނީ މާފަހުން، އިތުބާރު ބޮޑުވެއްޖެ: ގޯޑަން


  • ގޯޑަން މިހާރު ދައްކާ ކުޅުމަށް ފްލިކް ވަނީ ވަރަށް ބޮޑަށް ތައުރީފް ކޮށްފައި

  • ގޯޑަން ވަނީ އިނގިރޭސި ގައުމީ ޓީމަށް ކުޅުނު 28 މެޗުން ހަތް ގޯލު ޖަހައިފައި

ބާސެލޯނާ އަށް އޭނާ އަށް ފުރަތަމަ ގޯލު ޖެހުނީ މާފަހުން ނަމަވެސް ކުރިއަށް ހުރި މެޗުތަކުގައި ގޯލުތަކެއް ފެނިގެންދާނެ ކަމަށް އިނގިރޭސި ފޯވަޑް އެންތަނީ ގޯޑަން ބުނެފިއެވެ.

ނިއުކާސަލްއިން މި ސީޒަނަށް 80 މިލިއަން ޔޫރޯ އަށް ބާސެލޯނާ އަށް ގެނައި ފޯވަޑް ގޯޑަން އޭނާގެ ފުރަތަމަ ގޯލު ޖެހީ ސްޕެނިޝް ލީގުގައި ރާޔޯ ވަޔެކާނޯއާ ދެކޮޅަށެވެ. މި މެޗުގެ ފުރަތަމަ ގޯލު ޖެހުމަށްފަހު އިތުރު ގޯލު ޖަހަން ވެސް އޭނާ އަށް ފުރުސަތު ލިބުނެވެ. ވަޔެކާނޯ މެޗަކީ މި ސީޒަނުގައި ސްޕެނިޝް ލީގުގައި ބާސެލޯނާ ކުޅުނު 8 ވަނަ މެޗެވެ. ގޯޑަންއަކީ ބާސެލޯނާގެ ކުރިއަށް ކުޅޭ ކުޅުންތެރިންގެ ތެރެއިން މި ސީޒަނުގައި އެންމެ ލަހުން ގޯލެއް ޖެހި ކުޅުންތެރިޔާއެވެ. މި ލަނޑަށް ފަހު އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި ވެސް ގޯލު ޖަހައިފައެވެ.

"އަހަރެން ވެސް އެއްބަސްވަން އަހަރެންގެ ފުރަތަމަ ގޯލު މިއީ މާފަހުން. އެކަމަކު މިއީ ފެށުމެއް. އަހަރެން އުއްމީދު ކުރަނީ އިތުރު ގޯލުތަކެއް ފެނިގެންދާނެ ކަމަށް. ކުރިއަށްވުރެ މިހާރު އަހަރެންގެ އިތުބާރު ބޮޑުވެއްޖެ. މާރަނގަޅަށް ކުޅެވޭ" ގޯޑަން ބުންޏެވެ.

ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ވަނީ ގޯޑަން މިހާރު ދައްކާ ކުޅުމަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ. އޭނާ ބުނީ ބާސެލޯނާ އަށް އައުމަށްފަހު މިވީ ދެތިން މަސް ދުވަހުގެ ތެރޭގައި ކުޅުންތެރިޔާގެ އިތުބާރު އަންނަނީ ބޮޑުވަމުން ކަމަށެވެ.

"އޭނާ މިހާރު އެ ހުރީ ކުރިއަށްވުރެ އިތުބާރާއެކު. ބާސެލޯނާ އަށް ކުޅުމަކީ އެހާ ފަސޭހަ ކަމެއް ނޫން. އޭނާ ޓީމަށް ހޭނެން ވެސް ވަގުތު ބޭނުންވި. އެކަމަކު ވަރަށް އަވަހަށް އޭނާ ޓީމަށް ފަރިތަވީ. މިހާރު އެ ހުރީ ވަރަށް އިތުބާރާއެކު. އޭނާ ޖެހީ ވަރަށް ފުރިހަމަ ގޯލެއް. އަހަރެން ވެސް އުއްމީދު ކުރަނީ އޭނާގެ ފަރާތުން އިތުރު ގޯލުތަކެއް ފެނިގެންދާނެ ކަމަށް،" ގޯޑަން ބުންޏެވެ.

އުމުރުން 25 އަހަރުގެ ގޯޑަން ވަނީ އިނގިރޭސި ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 28 މެޗުން ހަތް ގޯލު ޖަހައިފައެވެ. އިނގިރޭސި ގައުމީ ކޯޗާއި އެ ގައުމުގެ ފުޓުބޯޅައިގެ ތަޖުރިބާކާރުން ވަނީ އެންމެ ފަހުގެ ފީފާ އިންޓަނޭޝަނަލް ބްރޭކްގައި ގައުމީ ޓީމުގައި ގޯޑަން ދެއްކި ކުޅުމަށް ތައުރީފް ކޮށްފައެވެ. މި ގޮތުން ވޭން ރޫނީ ބުނީ ބާސެލޯނާ އަށް ބަދަލުވުމަށްފަހު ގޯޑަން ފެންނަނީ ވަރަށް ބޮޑަށް ކުރިއަރާފައި ހުއްޓައި ކަމަށާއި މިހާރު އެއީ ތަފާތު މޮޅުވަމުން އަންނަ ކުޅުންތެރިއެއް ކަމަށެވެ.