ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާއާ ބެހޭ ގޮތުން ދެއްކި ވާހަކަތަކަށް ދޭނެ ޖަވާބެއް ނެތް ކަމަށް އެ ގައުމުގެ ގައުމީ ކޯޗު ޖޯޖް ޖެސޫސް ބުނެފި އެވެ.
ރޮނާލްޑޯ ގައުމީ ޓީމު ދޫކޮށްލީ، ކޯޗު ދެ ފަހަރު ދެގޮތަށް ވާހަކަ ދައްކައި ވައުދު ނުފުއްދާތީ ކަމަށް ރޮނާލްޑޯ ދެއްކި ވާހަކަތަކާމެދު ފަރުވާލެއް ނެތް ފަދަ ގޮތަކަށް ޖެސޫސް ވާހަކަ ދެއްކީ އޭނާގެ ގޭދޮށަށް އެއްވެ ނޫސްވެރިން ސުވާލު ކުރުމުންނެވެ.
"އަހަރެން އެ (ރޮނާލްޑޯގެ) ބަޔާން ކިޔައިފިން. އެ ވާހަކަތަކާ މެދު ބުނާނެ އެއްޗެއް ނެތް. އަހަރެން އާދައިގެ މަތިން މިދަނީ ގައުމީ ޓީމާމެދު ވިސްނައި މަސައްކަތަށް ޕޯޗުގަލްގެ ފުޓްބޯޅަ ފެޑަރޭޝަނަށް،" ވޯލްޑް ކަޕަށް ފަހު ޓީމާ ހަވާލުވި ކޯޗު ޖެސޫސް ބުންޏެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ ބުނާ ގޮތުގައި އޭނާއާ ކޯޗާ ދެމެދު މައްސަލަ ޖެހުނީ ނޯވޭ އަތުން ނޭޝަންސް ލީގުގައި ޕޯޗުގަލް މޮޅުވި ފުރަތަމަ މެޗުގައި ވޯމްއަޕް ކުރުވާފައި ކުޅެން ނޭރުވުމުންނެވެ. ރޮނާލްޑޯ ބުނީ އެ މެޗުގައި 30 މިނިޓް މެދުވެގެން އޭނާ ލައްވައި ކުޅުވާނެ ކަމަށް ކޯޗު ބުނެފައިވާ ކަމަށެވެ.
ނަމަވެސް މި ވާހަކަތަކަށް ރައްދު ދެމުން ޖެސޫސް މީގެ ކުރިން ބުނެފައިވަނީ އެ ގޮތަށް ރޮނާލްޑޯގާތު ބުނެފައިވީ ނަމަވެސް އޭނާ ދަނޑަށް ނުނެރުނީ މެޗުގައި މޮޅަށް ކުޅެމުންދިޔަ ފޯވްޑް ގޮންގާލޯ ރާމޯސް އަށް އިހްތިރާމް ކުރުމުގެ ގޮތުން ކަމަށެވެ.
"އޭނާ ލައްވައި 30 މިނިޓް (ނޯވޭ މެޗުގައި) ކުޅުވަން އަހަރެން ތައްޔާރުވިން. އެކަމަކު އެ މެޗުގައި ގޮންކާލޯ ރާމޯސް ގޯލު ޖެހި. ރެފްރީ ގަބޫލު ނުކުރިޔަސް އޭނާ އިތުރު ގޯލެއް ވެސް ޖެހި. އޭނާ މޮޅަށް ކުޅެމުން ދަނިކޮށް އޭނާ ބަދަލު ކުރަން އަހަރެންނަށް ނުވިސްނުނީ. މެޗުގެ އޮއިވަރު ދިޔަ ގޮތުން ރޮނާލްޑޯ އަރުވަން ފުރުސަތު ނުލިބުނީ. ކުޅުންތެރިން ގަބޫލު ކުރަންވާނެ އެންމެ ފަހުގެ ނިންމުން ނިންމާނީ ކޯޗުކަން،" ކޯޗު ބުންޏެވެ.
މި މައްސަލާގައި ޖެސޫސް މިހާތަނަށް ވެސް ބުނަމުންދިޔައީ ރޮނާލްޑޯއާ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ގައުމީ ޓީމުން އޭނަ އަށް ފުރުސަތު އޮންނާނެ ކަމަށެވެ.
އަދި ރޮނާލްޑޯ ނެރުނު ބަޔާނުގައި އޭނާ ވަނީ ގައުމީ ޓީމު ދޫކޮށް ދިއުމަކީ ހެދުނު ގޯހެއް ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ވިސްނުން ނެތް ކަމަށް ވެސް ބުންޏެވެ.
"މިއީ އޭނާގެ ބަހަށް އޭނާ އިހްތިރާމް ނުކުރި ދެ ވަނަ ފަހަރު. އަހަރެން ގައުމީ ޓީމުން ދިޔައީ އިތުރަށް އޭނާ އަހަރެންނާ ވާހަކަ ދައްކައި އައު ކަށަވަރު ކަމެއް ދިނުމުގެ ކުރިން (އެ ފުރުސަތު ނުދޭން ވެގެން). މިކަމާ ގުޅިގެން އަހަރެން ޕޯޗުގަލް ގައުމީ ޓީމަށް ކުޅުން ހުއްޓާ ނުލާނަން. އަހަރެން ކުލަބުގައި ރަނގަޅަށް ކުޅެ ގޯލް ޖެހޭހާ ދުވަހަކު ގައުމީ ޓީމަށް ހިދުމަތް ކުރާނަން. އަހަރެން މި ހުރީ މި ހިނގައިދިޔަ ކަންކަން ބެލުމަށްފަހު ޕޯޗުގަލް ގައުމީ ޓީމުން އަހަރެންނަށްދޭ ކޮންމެ އަދަބަކަށް ފަހު އަލުން ގައުމީ ޓީމަށް ކުޅެން ތައްޔާރަށް،" ރޮނާލްޑޯ ބުންޏެވެ.
އޭނާ އަދި ބުނީ ކޯޗު އިތުބާރު ގެއްލުވާލި ނަމަވެސް އޭނާގެ ކިބައިން މައާފަށް ވެސް އެދެން ނުޖެހޭނެ ކަމަށެވެ.
ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ރޮނާލްޑޯ ބުނީ އަރާމު ކުރުމަކީ އޮތްކަމެއްކަން އެންމެނަށް ވެސް އެނގޭ ކަމަށާއި ނަމަވެސް އޭނާގެ ފިޒިކަލް ފިޓްނަސް ދަށް ކަމަށް ބުނެ ވަކި މެޗުތަކެއް ކުޅެން ކޯޗު ހުށަހެޅި ހުށަހެޅުމުން ގަބޫލު ނުކުރާނެ ކަމަށެވެ.