ޚަބަރު

އޮލިމްޕިކް ސޮލިޑާރިޓީ ސްކޮލާޝިޕްގެ ފުރުސަތެއްގައި ޝާލިޔާ ހަންގޭރީއަށް


  • ޝާލިޔާ ވަނީ ގައުމީ ފުޓުބޯޅަ ޓީމާއެކު ލޯ މެޑަލް ހޯދައިފައި

  • މި ފަހުން އެކި ޓީމުތަކާއެކު ކޯޗިންގެ މަސައްކަތް ކުރި

އޮލިމްޕިކް ސޮލިޑާރިޓީ ސްކޮލާޝިޕްގެ ފުރުސަތު ލިބި ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ފާތިމަތު ޝާލިޔާ، އިންޓަނޭޝަނަލް ކޯޗިން ކޯސް (އައިސީސީ) ފުރިހަމަ ކުރުމަށް ހަންގޭރީއަށް ގޮސްފިއެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) އިން ފަހިވި ފުރުސަތުގެ ބޭނުން ހިފައި ޝާލިޔާ ހަންގޭރީއަށް ގޮސްފައިވާއިރު، އޭނާ ކޯސް ފުރިހަމަ ކުރާނީ ހަންގޭރިއަން ޔުނިވާސިޓީ އޮފް ސްޕޯޓްސް ސައިންއިންނެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަންހެން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޝާލިޔާ ވަނީ ގައުމީ ޓީމާއެކު ސައުތު އޭޝިއަން ގޭމްސްގެ އަންހެން ފުޓުބޯޅަ މުބާރާތުގެ ލޯ މެޑަލް ހޯދައިފައެވެ. އެ ފަހަރުގެ މުބާރާތުގައި ގައުމީ ޓީމުގެ ކެޕްޓަންކަމުގެ ޒިންމާ ވެސް އަދާކުރީ ޝާލިޔާއެވެ.

މި ފަހުން ކޯޗިންގެ މަސައްކަތްތަކުން ޝާލިޔާ ފެންނައިރު، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް މުބާރާތުގައި ށ. ގޮއިދޫ ޓީމަށްވެސް ޝާލިޔާ އިރުޝާދު ދީފައިވެއެވެ. އެއާއެކު ޝާލިޔާ ވެގެން ގޮސްފައިވަނީ މި މުބާރާތުގައި ކޯޗުކަންކުރި ފުރަތަމަ އަންހެން ކޯޗަށެވެ.

ފުޓުބޯޅަ ކުޅުން ޝާލިޔާ މިހާރު ހުއްޓާލާފައިވާއިރު، އޭނާ މިހާރު އަމާޒު ހިފައިފައިވަނީ އަންނަން އޮތް ޖީލުގެ ކުރިމަގު ކޮށައިދޭށެވެ.

ޝާލިޔާ ކޯސް ފުރިހަމަ ކުރުމަށްފަހު ރާއްޖެ އަންނަނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.