ރިޕޯޓް

"ބޭނުންވަނީ ރައްޔިތުންގެ މަސްލަހަތު އިސްކުރައްވާ ވެރިއެއް"


ދިވެހިރާއްޖެއަށް ބޭނުންވަނީ ސިޔާސީ މަސްލަޙަތަށްވުރެ ޤައުމާ ރައްޔިތުންގެ މަސްލަޙަތު އިސްކުރައްވަން ކެރިވަޑައިގަންނަވާ، ރައްޔިތުންގެ ޙައްޤުގައި އުނދަގޫ ނިންމުންތައް ނިންމަވަން ޖެހިވަޑައިގަންނަވާ ހިނދު އެކަން ކުރެއްވުމުގެ ހިތްވަރު ހުރި ރައީސެއްކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ. 

ޕީޕީއެމުން ރޭ ރ. ދުވާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ފަހުގެ ތާރީޚެއްގެ ރާއްޖެ ދުއް އެފަދަ ހިއްވަރާ ޢަޒުމް ހުރި ލީޑަރަކީ ރައީސް ޔާމީން ކަމަށެވެ. 

ޕީޕީއެމްގެ 5 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި ރ. ދުވާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ޤައުމުގެ ކަންކަން ނިންމެވުމުގައި ސިޔާސީ މަސްލަހަތައްވުރެ ޤައުމީ މަސްލަހަތު އިސްކުރާތަން މީގެ ކުރިން ފެނިފައި ނުވާކަމަށާއި، ވެރިކަމުގައި ހުންނަ މީހަކު ކަންކަން ނިންމަވަނީ ސިޔާސީ ގޮތުން އެބޭފުޅަކަށް ލިބެން އޮތް ފައިދާއަކަށް ބެއްލެވުމަށްފަހުގައި ކަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީން ނިންމަވާ ކޮންމެ ނިންމެވުމަކީވެސް ސިޔާސީ ގޮތުން އެމަނިކުފާނަށް ލިބޭނެ ފައިދާއަކަށްވުރެ ބޮޑަށް ޤައުމާ ރައްޔިތުންގެ މަސްލަޙަތަށް ނިންމަވާ ނިންމެވުންތައްކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިޚާބު ކުރިމަތީގައި އޮއްވައި ކާޑުގެ ސަބްސިޑީ ކަނޑުއްވާލެއްވުމަކީ ސިޔާސީ ގޮތުން އެމަނިކުފާނަށް ގެއްލުމެއް ކުރިމަތިވެދާނެ ކަމަކަށް ވީނަމަވެސް، ޤައުމުގެ ޙައްޤުގައި އެފަދަ ނިންމެވުމަށް ނިންމަވަން ޖެހިވަޑައިގަތުމުން، ސިޔާސީ ގޮތުން ދެވަނަވިސްނުމަކަށް ވަޑައިނުގެން އެގޮތަށް ނިންމެވީކަމަށެވެ. މިނިސްޓަރ ވިދާޅުވީ ދިވެހި ޤައުމަށް ބޭނުވަނީ މިފަދަ ނިންމެވުންތައް ފަސްޖެހުމެއް ނެތި ނިންމަވަން ކެރިވަޑައިގަންނަވާ ލީޑަރެއްކަމަށެވެ. 

"ޤައުމުގެ ވެރިކަން ކުރިއަށްގެންދެވުމުގައި އެމަނިކުފާނު ވިސްނަވަނީކީ ހަމައެކަނި އެންމެ ފަރާތަކަށް ނޫން. އެމަނިކުފާނު ވިސްނަވަމުން ގެންދަވަނީ މުޅި ޤައުމުގެ ކަރާމަތާ ވަޙުދަތު ރައްކާތެރި ކޮށްދެއްވުމަށް. އެއްވެސް ފަރާތަކުން އަންނަ ނުފޫޒަކަށް އެމަނިކުފާނު ބެއްލެވުމެއް ނެތް." ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ. 

ރައީސް ޔާމީން ވެރިކަމާ ޙަވާލުވެވަޑައިގަތް ފަހުން ދިވެހިރާއްޖޭގެ ކަންކަމަށް އެތައް ގޮތަކުން ހެޔޮ ބަދަލުތަކެއް ގެންނަވާފައި ވާކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ކުރީގެ ސަރުކާރުތަކެއް މާލެއާ އަތޮޅުތެރެއާ ދެމެދު ގެންގުޅޭ ތަފާތުކުރުންތައް ރައީސް ޔާމީންގެ ސަރުކާރުން ނައްތަވާލައްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

"ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މިޤައުމު  އޮތް ގޮތަކަށް ނޫން ޤައުމު މިއަދު މިއޮތީކީ. ޤައުމަށް ސުލްޙަ މަސަލަސްކަން ހޯއްދަވައިދެއްވައިފި. މިއަދުވެސް އެމަނިކުފާނު މަސައްކަތް ކުރައްވަމުން އެގެންދަވަނީ ޤައުމުގައި ހުރި މައްސަލަތަކަށް. ފަހަރެއްގައިވެސް އިދިކޮޅު ފަރާތަކަށް ދެއްވާނެ ރައްދަކަށް ބަލައިގެނެއްނޫން." ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ. 

ޕީޕީއެމަށް 5 އަހަރު ފުރުން ފާހަގަކުރުމަށް ރ. ދުވާފަރުގައި ބޭއްވެވި ޖަލްސާގައި ރ އަތޮޅުގެ ދާއިރާތަކަށް ނިސްބަންވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެހެން ދާއިރާތަކުގެ މެންބަރުންވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެބޭބޭފުޅުންގެ ވާހަކަތަކުގައި ސަރުކާރުގެ ތަރައްޤީގެ އެޖެންޑާ ފުރިހަމަ ކުރެވޭނީ ކުރިއަށް އޮތް އިންތިޚާބުތަކުގައި ޕީޕީއެމަށް ފުރިހަމަ ކާމިޔާބީއެއް ޙާޞިލް ކުރެވިގެންކަމަށް ވިދާޅުވިއެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިޚާބާއި ރިޔާސީ އިންތިޚާބު ޕީޕީއެމަކަށް ކާމިޔާބުކޮށްދޭން ޖެހޭކަމަށާއި، ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ވާދަކުރެއްވުމުގައި ޕާޓީގެ ތެރެއިން އެއްވެސް ހުރަހެއް ކުރިމަތިވެގެން ނުވާނެކަމަށް މެންބަރުން ވިދާޅުވެ، ރައީސް ޔާމީންގެ ސަރުކާރުން ވޭތުވެދިޔަ 3 އަހަރު ތެރޭގައި ހޯއްދެވި ކާމިޔާބީތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައިވެއެވެ.