ކުލަބް އީގަލްސްގައި އޮތީ މުޅިން އައު ސްކޮޑެއް ކަމަށާއި، އެކަމަކު އީގަލްސްގައި ތިބި ކުޅުންތެރިންނަށް އިތުބާރު އެބައޮތް ކަމަށް އީގަލްސްގެ ކޯޗު ޢަބްދުﷲ ހަނީފް (ބެންޖޯ) ބުނެފިއެވެ.
އީގަލްސްއިން މި ސީޒަނަށް ނުކުންނައިރު، އެ ޓީމުގެ ސްކޮޑަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. އެ ގޮތުން އީގަލްސްއިން އެ ޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު ރިޒްވާން (ރިޒޭ) ވިކްޓްރީ އަށް ބަދަލުވެފައިވާއިރު، ރިޒޭގެ އިތުރުން ބައެއް ސީނިއާ ޕްލޭޔަރުން ވަނީ ޓީމު ދޫކޮށް ގޮސްފައެވެ.
އެކަމަކު މިހާރު އޮތް ސްކޮޑަށްވެސް ފުރިހަމައަށް އިތުބާރުކުރާ ކަމަށް ހަނީފް ބުންޏެވެ. ހަނީފް ބުނީ އައު ސީޒަނަށް އީގަލްސްއިން ނުކުތްއިރު، ލިބިފައި ތިބި ކުޅުންތެރިންނަށް އިތުބާރުދީގެން ކުރިއަށް ދިޔުން މުހިންމު ކަމަށެވެ. އަދި ޓީމުގައި މިވަގުތު ވެސް ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާހުރި ކުޅުންތެރިން ތިބުން އެއީ ކުރިއަށްދާން ބަލާއިރު، ލިބޭ ހިތްހަމަ ޖެހުމެއްކަން ހަނީފް ފާހަގަކުރިއެވެ.
ހަނީފް ބުނީ އީގަލްސްއަށް ގަދަ ހަތަރަކަށް އެރުން އެއީ ނުވާނެ ކަމެއް ނޫން ކަމަށެވެ. އަދި މީގަ މުހިންމީ މަސައްކަތް ކުރުން ކަމަށާއި، މަސައްކަތް ކޮށްފިނަމަ ގަދަ ހަތަރަކަށް އެރުން އެއީ އީގަލްސްއަށް ނުވާނެ ކަމެއް ނޫން ކަމަށެވެ.
ހަނީފް ބުނީ އީގަލްސްގެ ފޯކަސް މިވަގުތު ހުރީ ބިސްބުރު މެޗަށް ކަމަށެވެ. އަދި ލީގުގެ ފެށުން ރަނގަޅުވެއްޖެ ނަމަ ކުރިއަށްދާން ފަސޭހަވާނެކަން ހަނީފް ފާހަގަކުރިއެވެ.
ބިސްބުރާ ދެކޮޅަށް އީގަލްސްއިން ނުކުންނާނީ ހޮނިހިރު ދުވަހު ހަވީރުއެވެ. މި މެޗު ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ލައިވް ކުރާނެއެވެ.