އިޤްތިޞާދީ ދުޅަހެޔޮކަން

ރާއްޖޭގެ ޓެކްސްގެ ނިޒާމް ބައިނަލްއަޤްވާމީ އިދާރާތަކުން ބަލައިގަނޭ


ރާއްޖޭގައި މިހާރު އޮތް ޓެކްސް ނިޒާމަކީ ބައިނަލްއަޤްވާމީ އިދާރާތައްކަމުގައިވާ، ވޯލްޑް ބޭންކާއި އޭޑީބީ ފަދަ ތަންތަނުން ވަރަށް ބޮޑަށް ބަލައިގެންފައިވާ ނިޒާމެއްކަމަށް ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަންނަ އަހަރުގެ ބަޖެޓަށް އާމްދަނީ ހޯދުމަށް ސަރުކާރުން ހުށައެޅުއްވުމަށް ނިންމަވާފައިވާ މުހިއްމު ކަންތައްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވީ ރާއްޖޭގެ ޓެކްސް ނިޒާމަކީ ހަރުދަނާ ނިޒާމެއްކަމަށެވެ. އަދި ޓެކްސް ނިޒާމަކީ ހުރިހާ ކަމެއް އެއްފަހަރާ ހައްލު ކުރެވޭނެ ނިޒާމެއް ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މުނައްވަރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ޓެކްސް ބޭސްޑް ނުވަތަ ސަރުކާރުން ޓެކްސް ނަގާނެ ކަންކަން އިތުރުކޮށް އާމްދަނީ އިތުރުކުރުން ކަމަށެވެ. ނަމަވެސް މިކަން ކުރާނީ ވިޔަފާރިތަކަށް ލޮޅުން ނުވާނެ ގޮތަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން މަސައްކަތްކުރައްވަނީ މީރާއާ ގުޅިގެން ޓެކްސް ނިޒާމުގައި ހުރި ފޫނުބެދޭ ކަންކަން ރަނގަޅު ކުރުމަށްކަމަށާއި، އެގޮތުން މިހާރު ހުރި ކަންކަން ރަނގަޅުކުރުމަށް ވަގުތު ބޭނުންވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ ޕޮލިސީ އަކީ ޓެކްސް ބޭސް ފުޅާކުރުމެވެ. ޓެކްސް ބޭސް ފުޅާކުރުމަށް ސަރުކާރުން ކުރައްވާނެ ކަންކަމަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ ޓެކްސް ބޭސް ފުޅާ ކުރާނީ ޓޫރިޒަމް ފުޅާކޮށް، ވިޔަފާރިތަށްވެސް ފުޅާކޮށްގެން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި މަޖިލީހުގެ މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި އޮތީ ފަގީރުންގެ އަތުން ބޮޑަށް ޓެކްސް ނަގާ ފަދަ ނިޒާމެއް ނޫން ކަމަށެވެ. ރާއްޖޭގައި މިހާރު ނަގަމުންދާ ޓެކްސްތަކަށް އިޝާރާތްކުރައްވާ މިނިސްޓަރ ވިދާޅުވީ މިހާރު ރާއްޖޭގައި ބީޕީޓީ އަދި ބިމުން ކުލި ނެގޭކަމަށެވެ. އަދި މިއީ ޕްރޮގްރެސިވް ޓެކްސް ނިޒާމުކަމަށް ވިދާޅުވިއެވެ. އަދި މުއްސަނދިން އަތުން ގިނައިން ޓެކްސް ނަގާކަމަށާއި އަދި  ވިޔަފާރިތައް ކުރައްވާ ވަރަކަށް އިތުރަށް ޓެކްސް ނެގިގެންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.