އިޤްތިޞާދީ ދުޅަހެޔޮކަން

އެމް.ޑަބްލިޔު.އެސް.ސީ ސައްތައިން ސައްތަ ދިވެހި ކުންފުންޏަކަށް !


އެމް.ޑަބްލިޔު.އެސް.ސީއަކީ ސައްތައިން ސައްތަ ދިވެހިން ޙިއްޞާވާ ކުންފުންޏަކަށް ބަދަލުކުރެއްވުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. 

ސަރުކާރުގެ ކާމިޔާބު ތިންއަހަރު ފާހަގަކުރުމަށް އެމް.ޑަބްލިޔު.އެސް.ސީގައި ބޭއްވި ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ މީގެކުރިން އެމް.ޑަބްލިޔު.އެސް.ސީ ހިންގަމުން އައީ ވަރަށް ހަރުދަނާކޮށްކަމަށެވެ. އަދި ފެން އުފެއްދުމާއި ފެން ވިއްކުމަކީ ރާއްޖޭގައި ލިބެންހުރި ޓެކްނޮލޮޖީގެ އެހީގައި މިހާރު ދިވެހިންނަށްވެސް ކުރެވޭނެ ކަމެއްކަމަށެވެ.

img:http://s2.psmnews.mv/images/660x400/14802577371786.jpg|އެމްޑަބްލިޔުއެސްސީގައި ބޭއްވި ރަސްމިއްޔާތަށް މިނިސްޓަރ ޒަމީރު ވަޑައިގަތުމުން މަރުޙަބާ ދަންނަވަނީ

މިނިސްޓަރގެ ވާހަކަފުޅުގައި ސަރުކާރުން އިޤްތިޞާދީ ގޮތުން ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކުގެ މައިގަނޑު ގިނަ ކަންތައްތައް ޙާޞިލްކުރެއްވިފައިވާކަމަށާއި މިހުރިހާ ކާމިޔާބީއެއްގެ އަސްލަކީ ކުންފުނިތަކުގެ މުވައްޒަފުންނާއި ސިވިލްސަރވިސް މުއައްޒަފުން ދެއްވި އެއްބާރުލެއްވުމާއި އެހީތެރިކަންކަން ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އިޤްތިޞާދަށް އަންނަމުންދާ ކުރިއެރުމަށް ބައްލަވާލައްވައި ކުރިއަށް އޮތް ދެއަހަރު ރާއްޖެއަށް އަންނާނެ ކުރިއެރުންތަކުގެ މައްޗަށް މިނިސްޓަރ ޒަމީރު ބައްލަވާލެއްވިއެވެ. މިނިސްޓަރ ޒަމީރު ވިދާޅުވީ އެމް.ޑަބްލިޔު.އެސް.ސީ ސައްތައިން ސައްތަ ދިވެހިން ހިއްސާވާ ކުންފުންޏަކަށް ހެއްދެވުމަށް އިކޮނޮމިކް ކައުންސިލުން ނިންމަވާފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެ ކުންފުނީގެ ބޭރުގެ ހިއްސާދާރުންނާއި މަޝްވަރާކޮށް އެ ހިއްސާތައް އަނބުރާ ސަރުކާރަށް ގަތުމުގެ މަސައްކަތްކަމަށެވެ.

img:http://s2.psmnews.mv/images/660x400/14802576895903.jpg|އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ މި ތިން އަހަރުތެރޭގައި އެކުންފުނީގެ ވިޔަފާރީގެ ފައިދާ އެތައް ގުނައެއް އިތުރުވެ ވިޔަފާރީ ފުޅާވެގެންގޮސްފައިވާކަމަށެވެ. އަދި މިއަހަރުގެ ކުންފުނީގެ ފައިދާ އެތައް ގުނައެއް އިތުރުވެފައިވާކަން ފަޒުލް ރަޝީދު ފާހަގަކުރެއްވިއެވެ.

މި ހަފްލާގައި އެމް.ޑަބްލިޔު.އެސް.ސީގެ މުވައްޒަފުންގެ އަގުވަޒަންކޮށް އެ ފަރާތަކަށް ހަދާނީ ލިޔުން ދެއްވާފައިވެއެވެ.