ޤައުމު ބިނާކުރުމުގެ ތިން އަހަރު

3 އަހަރުތެރޭގައި 10.9 ބިލިއަން ރުފިޔާގެ މަޝްރޫޢުތަކަށް ހޭދަކުރި


އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވީ ވޭތުވެދިޔަ 3 އަހަރަކީ ތަރައްޤީގެ މަޝްރޫޢުތައް ގިނަ 3 އަހަރެއްކަމަށެވެ. އެގޮތުން އެކިއެކި އިންފްރާސްޓްރަކްޗަރ މަޝްރޫއުތަކަށް 11 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ތެރެއިން 9 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވަނީ ސީދާ ދައުލަތުގެ ޑޮމެސްޓިކް ބަޖެޓުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ތަޢުލީމީ ދާއިރާ އާއި ސިއްޙީ ދާއިރާގެ އިންފްރާސްޓްރަކްޗަރ މަޝްރޫއުތަކަށް ސަރުކާރުން ވަނީ ވަރަށްބޮޑު އިސްކަމެއް ދެއްވާފައެވެ. މިގޮތުން 44 އަށްވުރެ ގިނަ ރަށެއްގައި ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކާއި ގުޅޭ 54 މަޝްރޫޢެއް ހިންގާފައިވެއެވެ. އަދި މަދަރުސާތަކާ ގުޅޭ އުމްރާނީ ތަރައްޤީއަށް 107 އަށް ވުރެ ގިނަ ރަށެއްގައި 149 މަޝްރޫޢެއް ވަނީ ކުރިއަށްގެންގޮސްފައެވެ. 

img:http://s4.psmnews.mv/images/660x400/14722856618894.jpg|ނޮޅިވަރަމް ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

14 ރަށެއްގެ ބިން ހިއްކައި، 90 އަށްވުރެ ގިނަ ރަށުގައި ބަނދަރު ހަދާފައިވާއިރު، ތިމާވެށީގެ ދާއިރާއިން، ފެނާއި ނަރުދަމާގެ ޚިދުމަތާއި، ގޮނޑުދޮށް ހިމާޔަތް ކުރުމަށާއި އިޔާދަ ކުރަނިވި ހަކަތައިގެ އިންފްރާސްޓަކްޗަރަށް ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި 117 މަޝްރޫޢެއް ވަނީ ހިންގާފައެވެ. ފިނޭންސް މިނިސްޓަރ ވިދާޅުވީ ވޭތުވެދިޔަ 3 އަހަރުގެތެރޭގައި 950އަށްވުރެ ގިނަ މަޝްރޫޢެއް ރާއްޖޭގެ އެކި ކަންކޮޅުގައި ހިންގާފައިވާކަމަށެވެ. މީގެ އިތުރަށް މިމުއްދަތުގެ ތެރޭގައި 8.25 ބިލިއަން ރުފިޔާ ޕީއެސްއައިޕީ އަށް ޚަރަދުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. 

ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ތެރެއިން ތަޢުލީމީ ދާއިރާގެ 162 މަޝްރޫޢު ކުރިއަށް ގެންގޮސްފައިވާއިރު، ސިއްޙީ ދާއިރާގެ 144 މަޝްރޫޢެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ބަނދަރު ހެދުމުގެ 129 މަޝްރޫޢުއަކާއި ފެނާއި ނަރުދަމާގެ 106 މަޝްރޫޢުއެއް އަދި މަގު ހެދުމުގެ 25 މަޝްރޫޢަކާއި ބިންހިއްކުމުގެ 22 މަޝްރޫޢެއް ވޭތުވެދިޔަ 3 އަހަރުގެތެރޭގައި ވަނީ ކުރިއަށް ގެންގޮސްފައިވެއެވެ.