ފީފާ އިންޓަރކޮންޓިނެންޓަލް ކަޕްގެ ދެވަނަ ބުރުގައި އެފްރިކާގެ ޗެމްޕިއަން މަމެލޯޑީ ސަންޑައުންސް އާއި އޭޝިއާގެ ޗެމްޕިއަން އަލް އަހްލީ ބައްދަލުކުރި މެޗު ސަންޑައުންސް ކާމިޔާބުކޮށް މިމުބާރާތުގެ ޕްލޭ އޮފް ނުވަތަ ފީފާ ޗެލެންޖަރސް ކަޕުން ޖާގަ ކަށަވަރު ކޮށްފިއެވެ.
ދެކުނު އެފްރިކާގެ ބްރެޓޯރިއާގައި ފީފާ އެފްރިކަން އޭޝިއަން ޕެސިފިކް ކަޕްގެ ނަންދީފައިވާ މިބުރުގައި ކުޅުނު މިމެޗު ސަންޑައުންސް ކާމިޔާބު ކޮށްފައިވަނީ 2-1 ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ ސަންޑައުންސްއެވެ. މެޗުގެ 17 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޕޯޗުގަލްގެ ފޯވަޑް ނޫނޯ ސަންޓޯސްއެވެ. މިމެޗުގައި އަލް އަހްލީން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ލަނޑަކީ ސަންޑައުންސްގެ ރޮންވެން ވިލިއަމްސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިމެޗުން ސަންޑައުންސް މޮޅުވި ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ކާމިޔާބު ކޮށްފައިވަނީ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން ސަންޓޯސްއެވެ. މިމެޗުގައި އަލް އަހްލީއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ.
އިންޓަރކޮންޓިނެލްޓަލް ކަޕްގެ ޕްލޭ އޮފް ނުވަތަ ޗެލެންޖަރސް ކަޕްގައި އެންމެ ފަހުގެ އެފްރިކާގެ ޗެމްޕިއަން ސަންޑައުންސް ބައްދަލުކުރާނީ ކޮންކާކަފްގެ ޗެމްޕިއަން ޓޮލޫކާ އާއި މިހާރު ކުރިއަށްދާ ކޮޕާ ލިބެޓަޑޯރެސް މިފަހަރު ކާމިޔާބު ކުރާ ޓީމަކާއި ދެމެދު ކުޅޭ ފީފާ ޑަރބީ އޮފް ދި އެމެރިކާސް މެޗުން މޮޅުވާ ޓީމަކާއެވެ. އަދި ފީފާ ޗެލެންޖަރސް ކަޕް ކާމިޔާބު ކުރާ ޓީމެއް މިމުބާރާތުގެ ފައިނަލްގައި ވާދަކުރާނީ ވޭތުވެދިޔަ ދެ ސީޒަންގައިވެސް ޔޫރަޕްގެ ޗެމްޕިއަންކަން ހާސިލް ކޮށްފައިވާ ޕެރިސް ސެއިންޓް ޖާރމެއިން އާއެވެ.
ފީފާއިން ކްލަބް ވޯލްޑް ކަޕަށް ގެނެވުނު ބަދަލާއެކު ތައާރަފްވެގެންދިޔަ ފީފާ އިންޓަރކޮންޓިނެންޓަލް ކަޕްގެ މިހާތަނަށް ބޭއްވި ދެ މުބާރާތް ކާމިޔާބު ކޮށްފައިވަނީ ޔޫރަޕްގެ ދެޓީމު ކަމަށްވާ ރެއާލް މެޑްރިޑާއި ޕީއެސްޖީއެވެ.