ތަރައްްޤީ

ފްލެޓަށް އެދުނު ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރުން


ގެދެރުވެރި ކުރުމުގެ މަޝްރޫއުގެ އެންމެބޮޑު އެއް އަމާޒަކީ، ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދެއްވުމެވެ. މި އަމާޒަށް ވާސިލްވުމަށް މާލެއާއި އަތޮޅުތެރޭގައި ހައުސިންގ މަޝްރޫއުތައް ސަރުކާރުން ދަނީ ކުރިއަށް ގެންދަވަމުންނެވެ. މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ހޯއްދަވައިދެއްވުމަށް ކުރައްވާ މަސައްކަތުގެ ދަށުން، މިހާރު ހުޅުމަލޭގައި އިމާރާތްކުރައްވަމުންގެންދަވާ 704 ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުއްވާލެއްވީ 2014 ވަނަ އަހަރު ތެރޭގައެވެ. ފަނަރަހާހަށްވުރެ ގިނަ މީހުން މި ފްލެޓްތަކަށް އެދި ފޯމް ހުށަހަޅާފައިވެއެވެ. 

މި ފަރާތްތަކުގެ ތެރެއިން މިހާރުން މިހާރަށް ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވާ އާއިލާތައް ދެނެގަތުމަށް، އެ އާއިލާތައް މިހާރު މާލޭގައި ދިރިއުޅެމުންދާ ހާލަތު ދެނެގަތުމަށް އެގޭގެއަށް ޒިޔާރަތްކުރެއްވުމުގެ މަސައްކަތް މި އަހަރު ވަނީ ފަށްޓަވާފައެވެ. ހައުސިން މިނިސްޓަރގެ ނައިބު ހަސަން ރަޝީދު ވިދާޅުވީ، ޑިސެމްބަރުމަހުގެ ނިޔަލަށް މި މަސައްކަތް ނިންމާލެވޭނެކަމަށެވެ. އަދި މިހާރު ގާތްގަނޑަކަށް 7000 ގާތްކުރާއަދަދަކަށް ގޭގެއަށް ޒިޔާރަތްކުރައްވާފައިވާ ކަމަށާއި، މިހާރު މިކުރިއަށް ދަނީ ހެންވޭރު އަދި ގަލޮޅުގައި ހުންނަ ގޭގެއަށް ޒިޔާރަތްކުރުންކަމަށް ހަސަން ރަޝީދު ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14774044362455.jpg|ޓާޓާ ފްލެޓްތަކަށް ހޮވުނު ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން - ފޮޓޯ: ޕީއެސްއެމް

ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނިމެންވާއިރަށް އެ ފްލެޓްތައް ލިބޭ ފަރާތްތައް ކަނޑައެޅުއްވާނެކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ފްލެޓްތަކުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިންމުމަށް ދަނީ މަސައްކަތްކުރައްވަމުންނެވެ. 

ގެދޮރުވެރިކުރުން މި ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކުރާ ފްލެޓްތަކުގެ ސްކީމް ބަހާލާފައި ވަނީ ތިން ކެޓަގަރީ އަކަށެވެ. ފުރަތަމަ ކެޓަގަރީ ހާއްސަކޮށްފައި ވަނީ މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ޖެހިފައިވާ މީހުންނާ އެކު، މާލޭގައި ރަށްވެހިވެފައިވާ މީހުންނަށެވެ. ދެވަނަ ކެޓަގަރީ ހާއްސަކޮށްފައި ވަނީ މާލޭގައި ގިނަ ދުވަހު ދިރިއުޅެމުންދާ، އަތޮޅުތަކުގެ މީހުންނަށެވެ. އަދި ތިން ވަނަ ގެޓަގަރީ ހާއްސަ ކޮށްފައި ވަނީ މާލޭގެ ރަށްވެހިންގެ ތެރެއިން ބިމެއް އޮވެ، އެހެންނަމަވެސް ބިމުގެ ދަތިކަން ކުރިމަތިވެފައިވާ މީހުންގެ ތެރެއިން އެ ބިންކޮޅު އެއްކޮށް ސަރުކާރަށް ދޭން އެއްބަސްވާ ފަރާތްތަކަށެވެ.