ޚަބަރު

"ތަރުބަވީ ޕްރޮގްރާމް" %80 ރަށުގައި ހިންގައިފި


މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހިންގާ އިޖުތިމާޢީ ހަރަކާތްތަކުގެ ތެރެއިން، "ތަރުބަވީ ދަރިފަސްކޮޅެއް ބިނާކުރުމުގެ ޕްރޮގްރާމް" ރާއްޖޭގެ ބޮޑު އާބާދީއެއްގައި ހިންގައިފިއެވެ.

އެމްއެންޑީއެފް އާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގުޅިގެން ހިންގާ "ތަރުބަވީ ދަރިފަސްކޮޅެއް ބިނާކުރުން" މި ޕްރޮގްރާމަކީ، ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުޖުތަމަޢުގެ ޚިދުމަތްތެރިންނަށް އަމާޒުކޮށްގެން ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމަކީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ޤައުމީ ވިސްނުންފުޅާއެކު، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިވެހި އަސްކަރިއްޔާއިން ކުރިއަށްގެންދިޔަ ދިރާސާއެއްގެ މައްޗަށް ބިނާކޮށް 2013 ވަނަ އަހަރު ފެށި ޕްރޮގްރާމެއްކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ. ދިވެހިރާއްޖޭގެ އިޖުތިމާޢީ ފޭރާން ބަދަލުވެގެން އައިގޮތުގެ މައްޗަށް އެމްއެންޑީއެފުން ހެދި މި ދިރާސާގެ އަލީގައި ފަރުމާކޮށް ހިންގަންފެށި މި ޕްރޮގްރާމަކީ، ދީނާއި ޤައުމުދެކެ ލޯބިވާ، ކިޔަމަންތެރި ދަރިފަސްކޮޅެއް ޤައުމުގައި އާލާކުރުމަށާއި، ޚާއްޞަކޮށް ޒުވާނުން ބާރުވެރިކުރުވައި، އުފެއްދުންތެރި، ޤަދަރުވެރި ބައެއްގެ ގޮތުގައި ޒުވާނުން ހެއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ޚާއްޞަ ލަފާފުޅާއި އިރުޝާދުގެ ދަށުން މުޅި ރާއްޖެއަށް އަމާޒުކޮށް، ހިންގަމުންދާ ޕްރޮގްރާމެއްކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވެއެވެ. 

މި އަހަރުގެ މިހާތަނަށް އެމްއެންޑީއެފްގެ އޭރިއާތަކަށް ނިސްބަތްވާ އުތުރާއި، މެދުރާއްޖެތެރެއާއި، ދެކުނުގެ ގާތްގަނޑަކަށް 80 އިންސައްތަ ރަށްރަށުގައި މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ހިންގިފައިވާއިރު، ގާތްގަނޑަކަށް ބާވީސްހާސް ފަރާތަކަށް މި ޕްރޮގްރާމްގެ ތެރެއިން ވަނީ މަޢުލޫމާތު ފޯރުކޮށްދީފައެވެ.

img:http://s2.psmnews.mv/images/660x400/14785024415192.jpg|"ތަރުބަވީ ދަރިފަސްކޮޅެއް ބިނާކުރުމުގެ ޕްރޮގްރާމް" ގެ ތެރެއިން - ފޮޓޯ:އެމްއެންޑީއެފް

ދެ ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ހިމެނެނީ، ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދެވޭ ޕްރޮގްރާމަކާއި، ޓީޗަރުންނާއި ޞިއްޙީ އެހީތެރިންފަދަ މުޖުތަމަޢުގެ ޚިދުމަތްތެރިންނަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމެކެވެ. 

މިގޮތުން، ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދެވުނު ޕްރޮގްރާމްތައް މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 48 ރަށެއްގައި ބޭއްވިފައިވާއިރު، މުޖުތަމަޢުގެ ޚިދުމަތްތެރިންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމްތައް، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ ބާއްވާފައެވެ. 

img:http://s3.psmnews.mv/images/660x400/14785025820719.jpg|"ތަރުބަވީ ދަރިފަސްކޮޅެއް ބިނާކުރުމުގެ ޕްރޮގްރާމް" ގެ ތެރެއިން - ފޮޓޯ:އެމްއެންޑީއެފް

މި ޕްރޮގްރާމްގައި އުގަންނައިދޭ ބައިތަކުގެ ތެރޭގައި، ދީނީގޮތުން އަންގަވާފައިވާ ރިވެތި އުސޫލުތަކާ އެއްގޮތަށް ދިރިއުޅުމުގެ ޢަމަލުތައް ބައްޓަންކުރުމުގެ މުހިންމުކަމާއި، ހިތްވަރުކުރުމާއި، ކުރިއަށްދިޔުމަށް މަގު ފަހިކުރާނެ ގޮތާއި، މައިންބަފައިންނަށް އިޙްތިރާމްކުރުމުގެ މުހިންމުކަމާއި، ދަރިން ތަރުބިއްޔަތު ކުރުމުގައި، ވެވޭ އިޙްމާލުތަކާއި، ހިތްދަތިކަމާއި ހިތާމައާއި ދަތިހާލަތު ކުރިމަތިވާ ހާލަތްތަކުގައި ދިރިއުޅުން ބަދަލުކުރަންޖެހޭ ގޮތްތައްފަދަ ބައިތައް ދަނީ ކިޔަވައިދެމުންނެވެ. އަދި ހިތްވަރު ހޯދައިގެން އަމިއްލަ ދިރިއުޅުން އާރާސްކޮށް، ދިރިއުޅުމުގެ މިސާލުތައް އެހެން މީހުންނަށް އުގަންނައިދިނުމުގެ މުހިންމުކަމާ ގުޅޭގޮތުން ފިލާވަޅުތައް ދަނީ ނަގައިދެމުންނެވެ. މީގެ އިތުރުން ކިޔަވާ ކުދިން، އެކުދިންގެ ކިޔެވުމުގެ މަރުހަލާގައި އަމަލުތައް ބައްޓަންކުރަންވީ ގޮތާއި، ދިރިއުޅުމުގެ އަސާސްތަކާއި، ސުލޫކީ މިންގަނޑުތަކާއި، ކިޔަވާ ކުއްޖެއްގެ ހައިޞިއްޔަތުން އެކުދިން އުފުލަންޖެހޭ ވާޖިބާއި މަސްޢޫލިއްޔަތުތައް ދަނީ ދަސްކޮށްދެމުންނެވެ.

މި ޕްރޮގްރާމްގައި ކިޔަވައިދެއްވަނީ ކަމުގެ ޢިލްމާއި ތަޖުރިބާ ލިބިލައްވާފައިވާ ދެ ބޭކަލުންކަމުގައިވާ އެމްއެންޑީއެފްގެ ކެޕްޓަން ޢަބްދުލް މަޖީދު އިބްރާހީމް އާއި ވޮރަންޓް އޮފިސަރ 2 މުޙައްމަދު ޔާމީން އެވެ.