ތަރައްްޤީ

ޖެނުއަރީގެ ނިޔަލަށް ދެކުނުގެ ހައުސިންގ މަޝްރޫއުތައް ނިންމަނީ!


ދެކުނުގެ ހަތަރު އަތޮޅުގައި ކުރިއަށްގެންދަވާ ހައުސިންގ މަޝްރޫއުތައް އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ނިންމެވުމަށް އަމާޒު ކުރައްވާފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދެކުނުގެ ހަތަރު އަތޮޅުގައި 796 ހައުސިންގ ޔުނިޓްގެ މަސައްކަތް މިހާރު ކުރިއަށްގެންދަވާކަމަށެވެ. 

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގެ ހައުސިންގ ޔުނިޓްތައް ގާއިމް ކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދަވާ.  ގއ، ގދ، ސ ގެ އިތުރުން ޏ އަތޮޅުގައި އިމާރާތްކުރައްވާ 796 ހައުސިންގ ޔުނިޓްގެ މަސައްކަތް އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ނިންމުމަށް މިހާރުވަނީ އަމާޒު ކުރައްވާފައެވެ. އައްޑޫސިޓީގައި ޢިމާރާތް ކުރައްވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ހިތަދޫގައި އިމާރާތްކުރައްވާ 264 ފްލެޓްގެ މަސައްކަތް މިހާރު ނިމިފައިވާއިރު، ހުޅުމީދޫގައި އިމާރާތްކުރައްވާ 48 ހައުސިންގ ޔުނިޓްގެ މަސައްކަތް މިހާރު ދަނީ ކުރައްވަމުންނެވެ. 

ގއ ވިލިގިލީގައި އިމާރާތްކުރައްވާ 52 ހައުސިން ޔުނިޓާއި، ގއ ދާންދޫ އާއި، ނިލަންދޫއާއި މާމެންދޫގައި އިމާރާތްކުރައްވާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ހަވާލުކުރައްވާފައިވަނީ  ވިމްލާ ކޮންސްޓްރަކްޝަނާއެވެ. 

ގދ ގައްދޫގައި އިމާރާތްކުރައްވާ 50 ހައުސިންގ ޔުނިޓާއި، ހޯޑެއްދޫ ގައި އިމާރާތްކުރައްވާ 40 ހައުސިންގ ޔުނިޓާއި، ތިނަދޫ ގައި އިމާރާތްކުރައްވާ 120 ހައުސިންގ ޔުނިޓާއި އަދި މަޑަވެލިގައި އިމާރާތްކުރައްވާ 20 ހައުސިންގ ޔުނިޓްގެ މަސައްކަތް ހަވާލު ކުރައްވާފައިވަނީ، ޗައިނާ މެޝިނަރީ އިންޖިނިއަރިންއާއެވެ. 

މީގެތެރެއިން ތިނަދޫގެ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ވަނީ ނިމިފައެވެ. ފުވައްމުލަކުގައި  ޗައިނާ މެޝިނަރީ އިންޖިނިއަރިންއާ ހަވާލުކުރައްވައިގެން ފުވައްމުލަކުގައި އިމާރާތްކުރައްވާ 200 ހައުސިންގ ޔުނިޓްގެ މަސައްކަތުގެ 90 އިންސައްތަ މިހާރުވަނީ ނިމިފައެވެ. 

އައްޑޫ ސިޓީގައި އިމާރާތްކުރާ 312 ފްލެޓަށް އެދި 585 ފަރާތަކުންވަނީ ފޯމް ހުށަހަޅާފައެވެ. މި ފޯމްތައް އިވެލުއޭޓްކުރުމުގެ މަސައްކަތް މިހާރު ގެންދަވަނީ ކުރައްވަމުންނެވެ. ފުވައްމުލަކުގައި އިމާރަތްކުރައްވަމުންދާ 200 ހައުސިންގ ޔުނިޓަށް އެދި 214 ފަރާތަކުންވަނީ ފޯމް ހުށަހަޅާފައެވެ. 

ދެކުނުގެ ހައުސިން މަޝްރޫޢަކީ ޗައިނާގެ އެގްޒިމް ބޭންކުގެ ލޯން އެހީގައި ކުރިއަށް ގެންދަވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަގަކީ 2.4 ބިލިއަން ރުފިޔާއެވެ. އެންމެ ފުރަތަމަ 1500 ފްލެޓް ޢިމާރާތް ކުރެއްވުމަށް ނިންމަވާފައި އޮތް ނަމަވެސް، ސަރުކާރުން ވަނީ މީގެ ތެރެއިން 704 ފެލްޓް ހުޅުމާލެއަށް ބަދަލު ކުރައްވާފައެވެ. 2014 ވަނަ އަހަރުމި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށްޓަވާފައިވާއިރު، ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް މި މަޝްރޫޢު ނިންމަވާ، 1500 ފްލެޓްގައި މީހުން އާބާދު ކުރުމެވެ.