ވިޔަފާރި

އިންވެސްޓްމަންޓް ފޯރަމަށް މޯލްޑިވިއަންގެ ޚާއްސަ އަގުތަކެއް


އިންޑިއާގެ ނިއުދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމަށް މޯލްޑިވިއަނުން ދަތުރުކުރައްވާ ފަރާތްތަކަށް ހާއްސަ އަގެއް ހަމަޖައްސަވައިފިއެވެ.

އިންވެސްޓް ފޯރަމްއަށް ދާން ބޭނުންވާ ފަރާތްތަކަށް ސަރުކާރުންވަނީ މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރ ކުރައްވާފައެވެ. އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމަށް ވަޑައިގަންނަވާ ފަރާތްތަކަށް ހާއްސަކުރި މޯލްޑިވިއަންގެ ޗާޓަރ ފްލައިޓުން ދުއިއްސައްތަ ފަންސާސް ޑޮލަރަށް ޓިކެޓް ލިބެން ހުންނާނެކަމަށެވެ. މިފަހަރުގެ ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ވިޔަފާރިތަކަށް އާއްމުކޮށް ހުޅުވާލާފައިވާކަމަށާއި މި ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހަމަވާނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީޤް ވިދާޅުވީ، ދިވެހިރާއްޖޭގެ ވިޔަފާރީގެ މާހައުލަކީ ފަހި މާހައުލަކަށް ހެއްދެވުމަށްޓަކައި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް މިފަހަރުގެ އިންވެސްޓްމަންޓް ފޯރަމުންވެސް ފެނިގެންދާނޭކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަވާ ބަދަލުތައް ބޭރުގެ ފަރާތްތަކާއި ޙިއްސާކުރައްވާނެކަމަށްވެސް އާދަމް ތައުފީޤު ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ބޭނުންވާ ދާއިރާތަކަށް މިފަހަރުގެ އިންވެސްޓްމަންޓް ފޯރަމް ޚާއްސަވުމުގެ އިތުރަށް އިންވެސްޓްމަންޓް ފޯރަމުގައި އިޝްތިހާރުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުސަތު އޮންނާނޭކަންވެސް އާދަމް ތައުފީގް ފާހަގަކުރެއްވިއެވެ.

މިމަހުގެ އެކާވީހުން ބާވީހަށް އިންޑިއާގެ ނިއުދިއްލީގެ ތާޖް ޕެލެސްގައި ބާއްވާ މި ފޯރަމް ކުރިއަށްދާނީ ފެޑަރޭޝަން އޮފް އިންޑިއަން ޗެމްބަރސް އޮފް ކޮމަރސް އެންޑް އިންޑަރސްޓްރީ، (އެފްއައިސީސީއައި) އާ ގުޅިގެންނެވެ. އެފްއައިސީސީއައި އަކީ އިންޑިއާގެ ދުއިސައްތަ ފަންސާސް ހާހަށްވުރެ ގިނަ ކުންފުނި ތަމްސީލްކުރާ ޖަމްޢިއްޔާއެކެވެ.