ސިޔާސީ

އަލުން އެނބުރި ވަޑައިގަތުމަށް މައުމޫނަށް ގޮވާލައްވައިފި


ސަރުކާރާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ޕީޕީއެމްއަށް އަލުން ވަޑައިގަތުމަށް އެޕާޓީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމަށް، ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފިއެވެ.

މިއީ، ޕީޕީއެމް އެތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ސަބަބުން، އުފެދުނު މައްސަލަތަކުގައި، ރައީސް ޔާމީނަށާއި، މިސަރުކާރަށް ކުރައްވާ ތާޢީދު އަނބުރާ ގެންދެވިކަން ރައީސް މައުމޫނު ހާމަކުރެއްވިފަހުން، ރައީސް ޔާމީން ވާހަކަފުޅުދެއްކެވި ފުރަތަމަފަހަރެވެ. 

"އަސްލު" ޖަލްސާގެ ނަމުގައި ކާނިވާ ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރޭގެ ޖަލްސާގައި އެޕާޓީގެ ރައީސް މައުމޫން ނެތުމަކީ ފަޅު ކަމެއް ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ޕާޓީގެ ތެރޭގައި ވަކިން ދެ ކައުންސިލް އުފައްދައިގެން، ޕާޓީ ބައިބައިކޮށްގެން ނުވާނެކަމަށާ، ޕީޕީއެމްގެ މެމްބަރުންނަކީ އެއްބަޔަކު އަނެއްބައެއްގެ ގަޔަށް ޚަންޖަރު ހަރާ ބަޔަކަށް ވެގެން ނުވާނެކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްއަށް އޮތް މެޖޯރިޓީ ގެއްލުވާލުމަށް ކުރެވޭ މަސައްކަތްތަކަށް އިޝާރާތްކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ޕާޓީގެ އެތެރެއިން އެފަދަ މަސައްކަތްތަކެއް ކުރުމަކީ ޤަބޫލުފުޅުކުރެއްވޭނެ ކަމެއްނޫންކަމަށާ، އެފަދަ ކަންކަން ދޫކޮށްލުމަށްފަހު، ރައީސް މައުމޫން ވެސް ޕާޓީއަށް ޚިދުމަތް ކުރައްވަން ގޮވާލައްވާކަމަށެވެ. އަދި ޕާޓީގެ މެމްބަރުންނަށް މަގު ދައްކަވައިދެއްވައި، ޕާޓީއާއެކު ހުންނެވުމަށް ރައީސް ގޮވާލެއްވިއެވެ. 

ރައީސް ރޭ ވިދާޅުވީ ޕީޕީއެމްގެ މައްސަލާގައި ޕާޓީގެ ޕީޖީ ގްރޫޕްގެ ދެ މެންބަރަކު ކޯޓަށް ވަޑައިގަންނަވަން ޖެހުނީ ޕާޓީގެ ޙަރަކާތްތައް ނުހިނގައި ހުއްޓިފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށްކަމަށާ، އެއީ މުހިންމު މަސައްކަތެއްކަމަށެވެ.  އެދެ މެންބަރުންނަށް ޝުކުރު އަދާ ކުރައްވަމުން ރައީސް ވަނީ އެ ދެބޭފުޅުން ދެހާޖީންނާއި ދަންޑަހެލުގެގޮތުގައި ސިފަކުރައްވާފައެވެ. 

ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒު ވަރަށް ސާފުކަމަށާ، ޕީޕީއެމްއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ޕީޕީއެމްގެ ޢާއްމު މެމްބަރުންވެސް ސަރުކާރާއެކު ސާބިތުވެ ތިބުމަށް ގޮވާލައްވާކަމަށެވެ. 

ޕީޕީއެމް އެތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ސަބަބުން، އުފެދުނު މައްސަލލަތަކުގައި، ރައީސް ޔާމީނަށާއި، މިސަރުކާރަށް ކުރައްވާ ތާޢީދު އަނބުރާ ގެންދެވިކަން ރައީސް މައުމޫނު ހާމަކުރެއްވާފައިވާއިރު، މައުމޫނުވަނީ ސަރުކާރަށާއި، ރައީސް ޔާމީނަށް ވަރަށްބޮޑަށް ފާޑުވެސް ވިދާޅުވެފައެވެ. ދައުލަތުގެ ހުރިހާ ބާރެއް އޮތީ ވަކި އެންމެ ބޭފުޅަކު ބޭނުންވާގޮތަށް މަސައްކަތްކުރާ ޙާލަތުގައިކަމަށް ވިދާޅުވެ މައުމޫނު ވަނީ ރައީސްޔާމީނަށް ފާޑުވިދާޅުވެފައެވެ. އަދި ދެން ކުރިއަށް އޮތް ތާގައިވެސް މިސަރުކާރަށް ތާޢީދު ނުކުރައްވާނެކަމަށް މައުމޫނުވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީނަށް ކުރައްވާ ތާޢީދު އަނބުރާ ގެންދެވިކަމަށް ވިދާޅުވެ ވާހަކަފުޅުދެއްކެވުމަށްފަހު މައުމޫންވަނީ އިދިކޮޅު ބައެއް ސިޔާސީ ޕާޓީތަކާ ބައްދަލުކުރައްވައި މަޝްވަރާކުރައްވަން ފައްޓަވާފައެވެ.