އީ-ސްޕޯޓްސްގައި ހަރަކާތްތެރިވާ ޒުވާނުންނަށް އެ ދާއިރާގައި ލިބޭ ކުރިއެރުންތައް ފާހަގަކޮށް، އެ ދާއިރާއަށް ކުރިއެރުން ހޯދައިދިނުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށްލައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް ވީހާވެސް ފުޅާދާއިރާއެއްގައި އެފުރުސަތު ދެއްވުމަށްޓަކައި ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމް، "ރައްޔިތުންގެ އަޑު"ގެ ހަތަރުވަނަ އެޕިސޯޑުގައި އީ-ސްޕޯޓްސްގައި ޝާމިލުވެ އުޅޭ ޒުވާނަކު ފާޅުކުރު ޝުއޫރުތަކާ ގުޅޭގޮތުން ވާހަކަފުޅުފައްކަވަމުންނެވެ.
އީ-ސްޕޯޓްސް ދާއިރާއަކީ ގިނަ ޒުވާނުން އެ ދާއިރާއެއްގައި ހަރަކާތްތެރިވާ ދާއިރާއަކަށް ވާއިރު، އެ ދާއިރާއިން ސްޕޯޓްސް އެވޯޑެއް ނެތުމުގެ ކަންބޮޑުވުން އެ ޒުވާނާ ވަނީ ރައީސާ ޙިއްސާކޮށްފައެވެ. ރާއްޖޭގައި އެ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތައް ޙާސިލްކޮށްފަިއވާ ޒުވާނުންގެ އަގުވަޒަންކުރެވޭނެ ނިޒާމެއް ނެތްކަން އެ ޒުވާނާ ފާހަގަކުރިއެވެ.
އެހެންކަމުން އީ-ސްޕޯޓްސްއަށް ދޭ އަހައްމިއްޔަތުކަން އިތުރުވުމަށް އެދޭކަމަށާއި، މިހާރަށްވުރެ ބޮޑަށް އެ ދާއިރާއަށް ސަމާލުކަން ލިބޭނެ ގޮތެއް ހަމަޖައްސާދެއްވުމަށް އޭނާ ވަނީ ރައީސްގެ ކިބައިން އެދިފައެވެ.
"ރަނގަޅު ރިކޮގްނިޝަނެއް ނުލިބޭ. އަޅުގަނޑު ކުރިންވެސް އަހާލިން ކުރީ ސަރުކާރުގަ އޭރު ސްޕޯޓްސް އެވޯޑުގައި ނެތޭ އީ-ސްޕޯޓްސް އެވޯޑެއް ކީއްވެހޭ. އެ ބޭފުޅުން ވިދާޅުވީ ރާއްޖޭގަ ނެތޭ އެހެން ފާހަގަވެފައެއް. އަޅުގަނޑު ބޭނުން އެކަން ބަދަލުވާން." ރައީސާއި ބައްދަލުކޮށް ވާހަކަދެއްކި ޒުވާނާ ބުންޏެވެ.
އެ ޒުވާނާގެ ވާހަކަތަކާއި ގުޅިގެން ރައީސް ވިދާޅުވީ އީ-ސްޕޯޓްސް ދާއިރާއަކީ މިހާރު ޒުވާނުން ގިނަ ދާއިރާއެއްކަމަށެވެ. އެހެންކަމުން އެ ދާއިރާއަށް އިތުރު ކުރިއެރުމާއި ސަމާލުކަން ދޭންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
"ކުރަންޖެހޭ ކަމެއްތީ. ވަރަށް ގިނަ އެ ދާއިރާގައި ޒުވާނުން ހަގީގަތުގައި ވެސް." ރައީސް ވިދާޅުވިއެވެ.
ރައީސާއި ބައްދަލުކުރި އެ ޒުވާނާ ފާހަގަކުރި ގޮތުގައި މި ސަރުކާރަކީ ޒުވާނުންނާ ކައިރިން މަސައްކަތްކުރާ ސަރުކާރެކެވެ. ޒުވާނުންގެ ކަންބޮޑުވުންތައްވެސް ރައީސަށް ވަކިވަކިން ޙިއްސާކުރެވޭނެ މަގުފަހިވެފައި އޮތްކަން ފާހަގަކޮށް އެ ޒުވާނާވަނީ ޒުވާނުންނާމެދު ސަރުކާރުން ބަހައްޓާ ގާތްކަމަށް ޝުކުރު އަދާކޮށްފައެވެ. އަދި މި ވެރިކަމުގައި ޒުވާނުންނަށް އޮތް ފުރުސަތުތައް އިތުރުކަމަށް ދެކޭކަމަށް އޭނާ ބުންޏެވެ.
ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އީ-ސްޕޯޓްސް ކުރިއެރުވުމަކީ ސަރުކާރުގެ ލަނޑުދަނޑިއަކަށްވާއިރު، އެފަދަ އީ-ސްޕޯޓްސް ސެންޓަރަކާއި އާކޭޑެއްގެ އިތުރުން ކުޑަކުދިންނަށް ޚާއްސަކޮށްގެން ތަރައްޤީކުރާ އެކްޓިވިޓީސް ކޮމްޕްލެކްސްއެއްގެ މަސައްކަތް މާލޭގައި ފަށަން ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒުވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ހާމަކުރައްވާފައެވެ.
އެކަމަށް އިޝާރާތްކުރައްވައި ރައީސް ވަނީ، އެތަނުގެ މަަސައްކަތް ކުރުމަށް ބަޔަކު ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
ކުޅިވަރާއި ގުޅުންހުރި ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ސަރުކާރުން މިހާރުވެސްވަނީ ފައްޓަވާފައެވެ. ސަރުކާރުން ގާއިމުކުރަމުންދާ ކުޅިވަރާއި ގުޅުންހުރި ވަސީލަތްތަކުގެ ސަބަބުން ދޭދޭ ފަރުދުންގެ މެދުގައި އޮންނަ އިޖުތިމާއީ ގުޅުންތައް ވަރުގަދަވެ ނަފްސާނީގޮތުން ދުޅަހެޔޮ ބަޔަކަށް ވުމަކީ ސަރުކާރުގެ ދިގު ރާސްތާ ޕްލޭނެކަށްވާއިރު ހަށިހެޔޮ ދުޅަހެޔޮ ގައުމަކަށް ރާއްޖޭގެ އާބާދީވެގެން ދިއުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.