ޚަބަރު

ބެޑްމިންޓަނުން އޭޝިއަން ގޭމްސްއަށް ދާނީ ތަރިންގެ ސްކޮޑެއް


  • ސްކޮޑުގައި ހިމެނެނީ ނަބާ، ނަބީ، ޒަޔާން އަދި ނިބާލް

  • ކުޅުންތެރިން މިހާރު ތިބީ މެލޭޝިއާގައި

  • ޤައުމީ ޓީމު ރާއްޖެ އަންނާނީ 9 ވަނަ ދުވަހު

މިމަހު 19 އިން އަންނަމަހުގެ 4 އަށް ޖަޕާނުގައި ކުރިއަށްދާ އައިޗީ - ނަގޯޔާ 2026 ނުވަތަ އޭޝިއަން ގޭމްސްގައި ޤައުމު ތަމްސީލުކުރުމަށް، ކާމިޔާބު ތަރިންތަކެއްގެ މައްޗަށް ހިމެނޭ ބެޑްމިންޓަން ސްކޮޑެއް ތައްޔާރުވެއްޖެއެވެ.

އޭޝިއަން ގޭމްސްއަށް ޤައުމީ ބެޑްމިންޓަން ޓީމުން ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގެ ރައީސް އިޝްފާން މުޙައްމަދު ވިދާޅުވީ މުބާރާތުގައި ޤައުމު ތަމްސީލުކުރުމަށް ހަމަޖެހިފައިވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ ކުޅުންތެރިންތަކެއް ކަމަށެވެ. އެގޮތުން މުބާރާތުގައި ވާދަކުރާ ޤައުމީ ބެޑްމިން ޓީމުގައި ހިމެނެނީ ފާތިމަތު ނަބާހާ ޢަބްދުއްރައްޒާޤާއި، އާމިނަތު ނަބީހާ ޢަބްދުއްރައްޒާޤްގެ އިތުރުން ޒަޔާން ޝަހީދު ޒަކީ އަދި އަހްމަދު ނިބާލްއެވެ.

ޤައުމީ ސްކޮޑުގެ ކުޅުންތެރިން މިވަގުތު ތިބީ މެލޭޝިޔާގައެވެ. އެކުޅުންތެރިން މެލޭޝިޔާއަށް ދިޔައީ ރިވައިވަލް ސްޕޯޓްސް ކުލަބުގެ ފަރާތުން އެ ގައުމުގައި ކުރިއަށް ގެންދާ ހައި ޕާފޯމަންސް ޓްރޭނިން ކޭމްޕެއްގައި ބައިވެރިވެ، އިތުރު ތަމްރީނުތައް ހެދުމަށެވެ. މި ކޭމްޕްގެ ތެރެއިން ބައިނަލްއަޤްވާމީ ކުޅުންތެރިންނާއެކު މެޗުތައް ކުޅެ ގިނަ ތަޖުރިބާތަކެއް ހޯދާނެއެވެ. މި ކޭމްޕަކީ އަންނަ އަހަރު އޮންނަ އައިއޯއައިޖީއަށް ތައްޔާރުވާން ކުރިއަށްގެންދިޔަ ޑެވެލޮޕްމެންޓް ޕްރޮޖެކްޓެއްކަމަށް ރިވައިވަލްއިން ބުނެއެވެ.

ދެ މަސްދުވަހުގެ މި ކޭމްޕަށްފަހު ޤައުމީ އެތުލީޓުން އޭޝިއަން ގޭމްސްގައި ވާދަކުރަން ޖަޕާނަށް ދިއުމަށް އެނބުރި ޤައުމަށް އައުމަށް ހަމަޖެހިފައިވަނީ 9 ވަނަ ދުވަހުއެވެ. އަދި ޓީމު ޖަޕާނަށް ފުރާނީ 15 ވަނަ ދުވަހުއެވެ.