ޚަބަރު

"ޤައުމު ދެމިއޮންނާނީ ޤައުމީ މަސްލަޙަތު އިސްކޮށްގެން"


މިނިވަން ޤައުމެއްގެ ގޮތުގައި ދިވެހިޤައުމު އަންނަންއޮތް ޖީލުތަކަށް ގެންގޮސްދެވޭނީ އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމީ މަޞްލަޙަތު އިސްކޮށް، އެ މަތިވެރި ޢަޒުމުގައި ސާބިތުވެ ތިބެގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔަމީން އަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.

އެމަނިކުކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ. ނަސްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަދުވަހު ސްރީލަންކާގައި އޭރު ޙަރަކާތްތެރިވި، ޓެރަރިސްޓު ޖަމާޢަތެއްކަމަށްވާ، ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ޖަމާޢަތުގެ ކުލީ ޓެރަރިސްޓުންގެ ބަޔަކާއެކު ދިވެހިންގެ މަދުބަޔަކު ރާއްޖެއަށްދިން ޢުދުވާނީ ޙަމަލާއިން މިޤައުމު ސަލާމަތްވީ ދުވަހެވެ.

މިއަހަރުގެ ނަސްރުގެދުވަހުގެ ޚިޠާބުގައި ރައްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިޠާބުގައި އެދުވަހުގެ ޙާދިސާގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން އެ ނުރައްކާތެރި ބިރުވެރި ހާދިސާއަކީ، ދިވެހި ރައްޔިތުންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެންދާނެ ހާދިސާއެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

" މާއްދީގޮތުން ލިބުނު ގެއްލުންތަކުގެ އިތުރުން، އޭގެ އަގު ވަޒަން ނުކުރެވޭފަދަ މާލީ ބޮޑެތި ގެއްލުންތަކެއްވެސް އެ ޢުދުވާނީ ޙަމަލާގައި ވަނީ ލިބިފައެވެ. ހަމައެއާއެކު، ގިނަބަޔަކަށް ނަފްސާނީގޮތުންވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެހެންކަމުން، އެދުވަހުގެ ބިރުވެރި ހަނދާންތައް، މިއަދުވެސް އަޅުގަނޑުމެންގެ ހިތްތަކުގައި ވަނީ ބިންވަޅު ނެގިފައެވެ. މިފަދަ ބިރުވެރިކަމާއި ނާމާންކަމުގެ ވަގުތުގައި މި ލޮބުވެތި ޤައުމުގެ ދިފާޢުގައި ނުކުމެވަޑައިގެން، 1988 ނޮވެންބަރު 3ގެ ޢުދުވާނީ ޙަމަލާގައި ޝަހީދުވެވަޑައިގެންނެވި މަތިވެރި އަބްޠާލުންގެ ހަނދާންތައް މިއަދުވެސް އަޅުގަނޑު އާކުރަމެވެ. އަދި އެހުރިހާ އަބްޠާލުންގެ ފުރާނައަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި އެކަލާނގެ ޙަޟުރަތުގައި ދުޢާ ދަންނަވަމެވެ. ހަމައެހެންމެ، އެދުވަހު ރާއްޖެ ދިފާޢު ކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި، ސިފައިންގެ އެންމެމަތީ ވެރިންނާއި، އެކަމުގައި ޙަރަކާތްތެރިވި އެންމެހައި ސިފައިންނާއި، ޢާންމު ރައްޔިތުން ކުރެއްވި މިންނެތް މަސައްކަތް މިއަދުވެސް އަޅުގަނޑުގެ ހަނދާނަށް ގެންނަމެވެ. " ރައީސުލް ޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

އެމަނިކުފަނުގެ ޚިޠާބުގައި ވަނީ ނަޞްރުގެ ދުވަހުގެ ހަނދާން އާކުރާއިރު، އަޅުގަނޑުމެން ވިސްނާލަންޖެހޭ ބައެއް ކަންކަމުގެމައްޗަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ބޭރުގެ ޓެރަރިސްޓު ޖަމާޢަތަކާ ގުޅިގެން އެ ޢުދުވާނީ ޙަމަލާ ރާވައި ހިންގުމުގައި، ރާއްޖޭގެ ޚާއިނުންގެ ބަޔަކު ބައިވެރިވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އޭރުވެސް އަދި މިހާރުވެސް، ޤައުމުގައި، މަދުންނަމަވެސް އެފަދަ ބަޔަކު އުޅޭކަމާމެދަކު އެއްވެސް ޝައްކެއްނެތްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާ، ދިވެހި ޤައުމަށް ކުރިމަތިވީހިނދު، އިސްލާމްދީނާއި، މި ލޮބުވެތި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި، ދިވެހި ސިފައިންނާއި ރައްޔިތުން ވެވަޑައިގެންނެވި ޤުރްބާނީއަކީ، އެކަމުގެ ސަބަބުން މިއަދު ޢިބްރަތް ހާސިލުކުރަންޖެހޭކަމެއްކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

" ޤައުމުގެ މިއަދުގެ ޒުވާނުންނާއި، މާދަމާގެ ޒުވާނުން، މި ލޮބުވެތި ޤައުމަށްޓަކައި މަތިވެރި ޢަޒުމްތަކެއް ކަނޑައަޅައި، މި ލޮބުވެތި ޤައުމު، މިނިވަން ޤައުމެއްގެ ގޮތުގައި އަންނަންއޮތް ޖީލުތަކަށް ގެންގޮސްދިނުމަކީ، މިއަދު އަޅުގަނޑުމެންގެ ކޮންމެ ރައްޔިތެއްގެ ކޮނޑުގައި އެޅިފައިވާ މަތިވެރި ޒިންމާއެކެވެ. މިކަން ހާސިލުކުރެވޭނީ، އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމީ މަޞްލަޙަތު އިސްކޮށް، އެ މަތިވެރި ޢަޒުމުގައި ސާބިތުވެ ތިބެގެންނެވެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޢާޢްމުކުރައްވާފައިވާ މި ޚިޠާބުގައި ރައީސް ވަނީ މި ލޮބުވެތި ޤައުމުގެ މިނިވަންކަމާއި ޞުލްޙަމަޞްލަޙަތަށް ނުރައްކާތެރިކަމެއް މެދުވެރިކުރުވުމަށް، ޤައުމުގެ އެތެރެއިންނާއި ބޭރުން އަތުވެދާނެ ކޮންމެ ޙަމަލާއަކުން މި ޤައުމު ދިފާޢުކުރެއްވުމަށް ކުރައްވަންޖެހޭ ކޮންމެ މަސައްކަތެއް ކުރެއްވުމުގެ މަތިވެރި ޢަޒުމުގައި ސާބިތުވެ ތިބުމަށް، ރާއްޖޭގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.

އަދި ޤައުމުގެ ތަރައްޤީއަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގައި ރައްޔިތުންގެ ބައިވެރިވުންދީ، އެއްބައިވަންތަކަމާއި އެކުވެރިކަންމަތީގައި ތިބުމަށްވެސް އެމަނިކުފާނުވަނީ އިލްތިމާސްކުރައްވާފައެވެ.