ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫޢުތަކުގައި ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ވިތުހޯލްޑިންގ ޓެކްސް %10އަށް އިތުރުކުރުމަށް ޤާނޫނަށް ގެނައި އިސްލާޙު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤު ކުރައްވައިފިއެވެ.
"އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު"އަށް ގެނައި އިސްލާޙު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވީ، މިކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި އިސްލާޙަކީ، ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫޢުތަކުގެ ކޮންޓްރެކްޓުތަކަށް ވާދަކުރުމުގައި ދިވެހި ވިޔަފާރިތަކާއި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންނާ ދެމެދު ހަމަހަމަ އަދި ވާދަވެރި މާހައުލެއް ޤާއިމުކުރުމަށް ސަރުކާރުން ގެނައި އިސްލާޙުތަކެކެވެ.
ކުރިން ޤާނޫނު އޮތްގޮތުން ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކަށް، ދިވެހިރާއްޖޭގައި ހުރި ދާއިމީ މަރުކަޒެއް މެދުވެރިކޮށް ލިބޭ އާމްދަނީއަކުން ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ދައްކާފައިވާނަމަ، ވިތުހޯލްޑިންގ ޓެކްސް ދައްކަންޖެހުނު އާމްދަނީގެ އަދަދަކީ އެފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެ އަދަދެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ޓެކްސް ދައްކާ ފަރާތުން އެގޮތަށް އަމަލުކުރަން އިހްތިޔާރުކޮށްފިނަމަ، އެ ފަރާތުގެ ޓެކްސް ބިނާކުރާ އާމްދަނީ ހިސާބުކުރުމުގައި އެ އާމްދަނީއާ ގުޅިގެން އިތުރު އެއްވެސް އަދަދެއް އުންޏެއް ނުކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.
މި މާއްދާއަށް ގެނައި އިސްލާޙުގައި މިހާރު ޤާނޫނުގައި އޮތްނަމަވެސް ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކަށް ރާއްޖޭގައި ހުރި ދާއިމީ މަރުކަޒެއް މެދުވެރިކޮށް ލިބޭ އާމްދަނީން އުނިކުރާ އަދަދަކީ، ވިތުހޯލްޑިންގ ޓެކްސް ނެގުނު އާމްދަނީއާ ގުޅިގެން އެ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ ފުރިހަމަ އަދަދު ކަމަށް ބެލެވޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އެފަރާތުގެ ޓެކްސް ބިނާކުރާ އާމްދަނީ ހިސާބުކުރުމުގައި އެ އާމްދަނީ ހިމަނައިގެން ނުވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
ޤާނޫނަށް ގެނައި އިސްލާޙުގައި ވާގޮތުން ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތަކުން ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ފައިސާއެއް ދައްކާނަމަ އެ ކޮންޓްރެކްޓަރުގެ ވިތުހޯލްޑިންގެ ޓެކްސްގެ ގޮތުގައި އެ ދޭ ފައިސާގެ %10 ދައްކަން ޖެހޭނެއެވެ. ކުރިން ޤާނޫނުގައިވާ ގޮތުން އެފަދަ ކޮންޓްރެކްޓަރުން ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި ދައްކަންޖެހެނީ، އެ ލިބޭ ޖުމްލަ ފައިސާގެ %5އެވެ.
މި އިސްލާޙާ ގުޅިގެން އަހަރަކު އެވްރެޖުކޮށް ދައުލަތުގެ އާމްދަނީއަށް 251 މިލިޔަން ރުފިޔާ އިތުރުވާނެ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ލަފާކޮށްފައިވެއެވެ.