ޚަބަރު

ބާކޯލާ 123 މިލިޔަން ޕައުންޑަށް ލިވަޕޫލަށް ގެންދަން އެއްބަސްވުމަކަށް


  • ބާކޯލާ ލިވަޕޫލާއި ގުޅެނީ 5 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން

ޔޫރަޕްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖަރމެއިންއަށް ކުޅޭ ފަރަންސޭސިވިލާތުގެ ފޯވަޑް ބްރެޑްލީ ބާކޯލާ 123 މިލިޔަން ޕައުންޑްގެ އަގުހުރި ޑީލެއްގެ ދަށުން އިންގްލިޝް ޕްރިމިއަރ ލީގުގެ ލިވަޕޫލަށް ގެންދިއުމަށް އެއްބަސްވުމަކަށް އާދެވިއްޖެކަމަށް އިނގިރޭސި މީޑިއާތަކުން ހަބަރު ދޭން ފަށައިފިއެވެ.

މިއާއެކު އުމުރުން 23 އަހަރުގެ ބާކޯލާ ވެގެންދާނީ އަންޑޯނީ އަރައޯލާގެ ސްކޮޑަށް އިތުރުވެގެންދާ ފަހުގެ އެންމެ ހައި ޕްރޮފައިލް ކުޅުންތެރިޔާ އަށެވެ. ބީބީސީން ރިޕޯޓް ކުރިގޮތުގައި 20 ފަހަރަށް ޕްރިމިއަރ ލީގު ކާމިޔާބު ކޮށްފައިވާ ލިވަޕޫލުންވަނީ 106 މިލިޔަން ޕައުންޑުގެ ޓްރާންސްފަރ ފީއެއްގެ އިތުރުން އެހެނިހެން ބައިތަކުގެ ގޮތުގައި އިތުރު 17 މިލިޔަން ޕީއެސްޖީއަށް ދިނުމަށް އެއްބަސްވެފައެވެ. އަދި ދިއެތުލެޓިކްއިން ރިޕޯޓް ކުރާ ގޮތުގައި ބާކޯލާ ލިވަޕޫލާއި އެކު 5 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރާނެއެވެ. ފަބްރީޒިއޯ ރޮމާނޯ ބުނާގޮތުގައި ބާކޯލާ މިރޭގެ ވަގުތެއްގައި ލިވަޕޫލްގެ މެޑިކަލް ހެދުމަށްވަނީ ހަމަޖެހިފައެވެ.

2023 ވަނަ އަހަރު އޮލިމްޕިކް ލިއޯން އިން ޕީއެސްޖީޢަށް ބަދަލުވި ބާކޯލާވަނީ އެޓީމުގައި ކާމިޔާބު ތިން ސީޒަން ހޭދަކޮށްފައެވެ. ޖެހިޖެހިގެން ދެސީޒަންގައި ޔުއޭފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު ލީގު އާންގެ ތަށި ތިން ފަހަރު ކާމިޔާބު ކޮށްފައިވެއެވެ. އަދި ފެރްންޗް ކަޕް 2 ފަހަރު ކާމިޔާބު ކޮށްފައިވެއެވެ. އޭނާ ވަނީ ޕީއެސްޖީއަށް 152 މެޗު ކުޅެދީ 39 ލަނޑު ޖަހައިދީ 37 އެސިސްޓް ކޮށްފައެވެ. ޕީއެސްޖީ އާއެކު ބާކޯލާ ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަދި ދެ އަހަރު އެބައޮތެވެ. ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕްގައި ބާކޯލާވަނީ ފަރަންސޭސިވިލާތަށް މޮޅު ކުޅުމެއް ދައްކާދީ އެޓީމު ސެމީ ފައިނަލަށް ގެންދިއުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ބާކޯލާ ވެގެންދާނީ މިސީޒަނަށް ލިވަޕޫލަށް ގެންދާ 4 ވަނަ ކުޅުންތެރިޔާ އަށެވެ. އުރުގުއާއީގެ ރޮނާލްޑް އަރައުހޯ، ޖެރެމީ ޖެކުއޭ އަދި ވިކްޓަރ މުނޯޒްވަނީ މިސީޒަންގައި އެޓީމަށް ގެންގޮސްފައެވެ. އެޓީމުގައި މިވަގުތު ތިބި ފޯވަޑުންގެ ތެރޭގައި އެލެގްޒެންޑަރ އިސާކް، ކޯޑީ ގަކްޕޯ، ރިއޯ އެންގުމޯހާ އަދި މުނޯޒް ހިމެނެއެވެ. އެޓީމުގެ ފޯވަޑުންގެ ގޮތުގައި ހޫގޯ އެކެޓީކޭ ހިމެނިފައިވީ ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ސަބަބުން ކުޅުމަށް އެނބުރި އަންނާނެ ދުވަހެއް އަދި ނޭނގެއެވެ.