ޚަބަރު

މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ހެޔޮކޮށްފި


އެސްޓީއޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު މިއަދު ހެޔޮކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މިފްކޯއިން ވިދާޅުވީ، މަސްވެރިންނަށް ވިއްކަމުން އައި ޑީސަލް ލީޓަރަކުން 40 ލާރި ހެޔޮކޮށްފައިވާކަމަށެވެ. މަސްވެރިންނަށް ވިއްކަމުން އައި ތެލުގެ އަގަށް މިއަދު ގެނައި ބަދަލާއިއެކު ކުރިން 8.40 ރުފިޔާއަށް ވިއްކަމުން އައި ޑީސަލް ލީޓަރެއް މިހާރު 8 ރުފިޔާއަށް ގަންނަން ލިބޭނެއެވެ. މިގޮތުން މިފްކޯގެ ބޯޓުފަހަރުތަކުންނާއި، އެކުންފުނީގެ މަސްގަންނަ ސެންޓަރުތަކުން ހެޔޮކުރި އަގުގައި މަސްވެރިންނަށް ތެޔޮ ގަންނަން ލިބޭނޭކަމަށް މިފްކޯއިން ވިދާޅުވެއެވެ.

ތެލުގެ އަގަށް ސަރުކާރުން މި ގެނައި ބަދަލާއި ބެހޭގޮތުން މިފްކޯއިން ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބަދަލު ނަޔަސް ތެލުގެ އަގު ހެޔޮކުރުމުގެ މައިގަނޑު ސަބަބަކީ މަސްވެރިންގެ ކުރިއެރުމަށް މަގުފަހިކޮށްދިނުންކަމަށެވެ.

މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކުރާނޭކަމަށް މިދިޔަ އާދިއްތަދުވަހު އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަހީރު ވަނީ ވިދާޅުވެފައެވެ. އެފްއެސްއެމްގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ބަނދެފައިވާ ތިން ބާޖް ރަސްމީކޮށް ބޭނުންކުރަން ފެށުމުގެ ގޮތުން މިދިޔަ އާދިއްތަ ދުވަހު ފޮނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ޕީއެސްއެމްއިން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝަހީރު ވިދާޅުވީ، މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހާ، މަސްވެރިންނަށް މަންފާހުރި ގޮތްތައް ހޯދައިދިނުމަކީ އެސް.ޓީ.އޯއިން ވަރަށްބޮޑު އިސްކަމެއްދޭ ކަމެއްކަމަށެވެ. ތެލުގެ އަގު ބޮޑުވުމުގެ ޝަކުވާއަކީ މަސްވެރިންގެ ފަރާތުން އަޑު އިވެމުން އަންނަ ޝަކުވާއެއް ކަމަށް ޝަހީރު ވިދާޅުވިއެވެ. ޝަހީރު ވިދާޅުވީ މިފްކޯ މެދުވެރިކޮށް މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް އެކުންފުނިން އަބަދުވެސް މަސައްކަތްކުރައްވާނޭކަމަށެވެ.