ޚަބަރު

ޕޭ ކޮމިޝަންގެ މެމްބަރުކަމަށް 5 ބޭފުޅަކު އައްޔަންކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގައިވާ ގޮތުގެމަތިން އުފައްދާފައިވާ ނޭޝަނަލް ޕޭ ކޮމިޝަންގެ މެންބަރުކަމަށް 5 ބޭފުޅުން މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ނޭޝަނަލް ޕޭ ކޮމިޝަންގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި ފަސް ބޭފުޅުންނަކީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް އަޙްމަދު މުނައްވަރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ޑޮކްޓަރ ޢިޞާމް މުޙައްމަދާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހިއުމަން ރިސޯސް ޑިވިޜަންގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ އަލްފާޟިލާ ލުބްނާ ޢަބްދުލްޤާދިރުއާއި، ސިވިލް ސަރވިސް ކޮމިޝަންގެ ސެކްރެޓެރީ ޖެނެރަލް ޑޮކްޓަރ މުޙައްމަދު ފައިޟަލް އާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފައިނޭންޝަލް ކޮންޓްރޯލަރ އަލްފާޟިލާ ފާޠިމަތު ރަޒީނާއެވެ.